ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން ސްކޫލުތަކަށް ޓެކްސް ފޮތްތައް ފޮނުވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން ބުނީ ޓެކްސް ފޮތްތައް ސްކޫލުތަކަށް ފޮނުވުމުގެ މަސައްކަތް މިހާރު ކުރިއަށް ދާކަމަށެވެ. އަދި ދިރާސީ އަހަރު ފެށުމުގެ ކުރިން ހުރިހާ ސްކޫލުތަކަށްވެސް ފޮތްތައް ފޮނުވޭނެކަމަށް ލަފާ ކުރާކަމަށް އެ މިނިސްޓްރީން ބުންޏެވެ.
މިއީ ސްކޫލުތަކުގެ ބޮޑު ޗުއްޓި އެވެ. ޗުއްޓީއަށްފަހު އާ އަހަރުގެ ކިޔެވުން ފެށޭނީ މިމަހުގެ 26 ވާ އާދިއްތަ ދުވަހު އެވެ.
ދިރާސީ އާ އަހަރާއިއެކު މުޅިން އަލަށް ސަރުކާރު ސްކޫލުތަކުގައި ދިވެހި ގައުމިއްޔަތު ވަކި މާއްދާއެއްގެ ގޮތުގައި ކިޔަވައިދޭން ފަށާނެ އެވެ. މިހާރު ސަރުކާރުން ދަނީ މިމާއްދާ ކިޔަވައިދޭނެ ޓީޗަރުން ތަމްރީނު ކުރަމުންނެވެ.
އާ އަހަރުގެ ކިޔެވުން ފެށޭއިރު މާލެ ސަރަހައްދުގެ ސްކޫލުތަކަށް ދިވެހި ޓީޗަރުން ނުލިބުމުގެ ދަތިކަން އަދިވެސް އެބަ އޮތެވެ. ސަރުކާރުން ބުނީ ދިވެހި ޓީޗަރުން ލިބުމުގެ ދަތިކަން ފޫބެއްދުމުގެ ގޮތުން އިންޑިއާއިން ޓީޗަރުން ގެންނަން މަސައްކަތް ކުރަމުންދާ ކަމަށެވެ.
އަންނަ އަހަރުގެ ބޮޑު ޗުއްޓިއާ ދިމާވަނީ ރަމަޟާން މަހާ އެވެ. އަދި އެއަށްފަހު ސްކޫލުތަކުގެ ބޮޑު ޗުއްޓީ ދެން ދޭނީ ކުރިންވެސް އޮތް ގޮތަށް ޑިސެމްބަރު މަހު އެވެ. މިގޮތަށް ނިންމީ ބެލެނިވެރިންގެ ހިޔާލު ހޯދައި އެއީ ގިނަ މީހުން ބޭނުންވާ ގޮތްކަމަށް ފާހަގަވާތީ އެވެ.