ނޫރައިންއަށްފަހު އެމްއެމްޕީއާރުސީ ބޯޑުގެ އިތުރު މެމްބަރަކު އިސްތިއުފާ ދެއްވައިފި

މޯލްޑިވްސް މާކެޓިންގް އެންޑް ޕީއާރު ކޯޕަރޭޝަން، އެމްއެމްޕީއާރުސީ ބޯޑުގައި ހިމެނިވަޑައިގެންނެވި މެމްބަރު ރާފިލް މުހައްމަދު އެ ބޯޑުން އިސްތިއުފާ ދެއްވައިފި އެވެ.
ރާފިލް އަކީ އެމްއެމްޕީއާރުސީ ބޯޑުގައި މަޓީ ތަމްސީލު ކުރައްވަމުން ގެންދެވި ބޭފުޅާ އެވެ. އޭނާ ބޯޑުން އިސްތިއުފާ ދެއްވި ސީދާ ތާރީހެއް ސާފެއް ނުވެ އެވެ.
ރާފިލް އިސްތިއުފާ ދެއްވި ސީދާ ސަބަބެއް ރަސްމީ ސިފައެއްގައި ހާމަކޮށްފައި ނުވިނަމަވެސް ބައެއް ސޯސްތަކުން އެނގުނު ގޮތުގައި އޭނާ އިސްތިއުފާ ދެއްވީ ބޯޑުގެ ނިންމުންތަކާއިމެދު ހިތްހަމަޖެހިވަޑައިނުގެންނެވެ.
ރާފިލް އިސްތިއުފާ ދެއްވިއިރު ރޭގެ ވަގުތެއްގައި އެމްއެއެމްޕީއާރުސީގެ ޗެއާޕާސަން އައިޝާ ނޫރައިން ޖަނާހުވެސް ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އޭނާ އިސްތިއުފާ ދެއްވި ސަބަބެއްވެސް އަދި ހާމައެއް ނުވެ އެވެ.
އެމްއެމްޕީއާރުސީ އާއި ޓޫރިޒަމް މިނިސްޓްރީ ވެގެން ގޮސްފައިވަނީ މިފަހުން މީޑިއާގައި އެންމެ އަޑުގަދަކޮށްލި ދެ އިދާރާ އަށެވެ. މި ދެތަނުގެ އެތެރޭގައި ބައެއް މައްސަލަތައް ހުރިކަމުގެ ވާހަކަ އެކި ގޮތްގޮތަށް ދެކެވުނު ނަމަވެސް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވީ އެމްއެމްޕީއާރުސީއާއެކު މިނިސްޓްރީން ގާތް ގުޅުމެއް ބާއްވަމުން އަންނަ ކަމަށެވެ.