އެމްއެމްޕީއާރުސީގެ އެމްޑީގެ މަގާމުން ކުޑީ ވަކިކޮށްފި

މޯލްޑިވްސް މާކެޓިންގް އެންޑް ޕީއާރު ކޯޕަރޭޝަން، އެމްއެމްޕީއާރުސީގެ މެނޭޖިންގް ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ފާތިމަތު ތައުފީގު (ކުޑީ) އެ މަގާމުން ވަކިކޮށްފި އެވެ.
އޭނާ އެ މަގާމުން ވަކިކުރިކަން ދާދި ދެންމެއަކު ވަނީ ކަށަވަރު ވެފަ އެވެ. އެހެންނަމަވެސް ވަކިކުރެއްސި ސީދާ ސަބަބެއް އަދި ސާފެއް ނުވެ އެވެ.
ކުޑީ އެމްއެމްޕީއާރުސީ އެމްޑީގެ މަގާމަށް އައްޔަނު ކުރެއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު އެވެ.
ރޭގެ ވަގުތެއްގައި އެމްއެމްޕީއާރުސީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި އައިޝާ ނޫރައިން ޖަނާހު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އަދި އެކުންފުނީގެ ބޯޑުގައި ހިމެނިވަޑައިގަންނަވާ ރާފިލް މުހައްމަދު ވެސް ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. ރާފިލް އަކީ އެމްއެމްޕީއާރުސީ ބޯޑުގައި މަޓީ ތަމްސީލު ކުރައްވަމުން ގެންދެވި މެމްބަރެވެ.
އެމްއެމްޕީއާރުސީ އާއި ޓޫރިޒަމް މިނިސްޓްރީ ތެރޭގައި މައްސަލަތަކެއް އުފެދިފައިވާކަމުގެ އަޑުތަކެއް ފެތުރޭތާ ދުވަސްތަކެއް ވެއްޖެ އެވެ. އެހެންނަމަވެސް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވަނީ އެވާހަކަތައް ދޮގުކުރައްވައި، އެމްއެމްޕީއާރުސީއާއެކު ގާތް ގުޅުމެއް ބާއްވަމުން އަންނަކަމަށް ވިދާޅުވެފަ އެވެ.
ސަރުކާރުން މިއަދު ދަނީ ބައެއް އިސް މަގާމުތަކަށް ބަދަލުތަކެއް ގެންނަމުންކަންވެސް ފާހަގަކޮށްލެވެ އެވެ. އެގޮތުން މިފްކޯގެ ސީއީއޯގެ މަގާމުގައި ހުންނެވި ޝަމާހު ރަޝީދު އެމަގާމުން ވަކިކޮށް ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ ގޮތުގައި އައްޔަނުކުރީވެސް މިއަދު އެވެ.