ތައުލީމީ ޖީލެއް ބިނާ ކުރުމަކީ އެންމެ އަގުބޮޑު މަސައްކަތް: ފައިސަލް

ތައުލީމީ ޖީލެއް ބިނާ ކުރުމުގެ މަސައްކަތަކީ ގައުމެއްގެ އެންމެ އަގުބޮޑު މަސައްކަތް ކަމަށް ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެ އެވެ.
ފައިސަލް މިފަދައިން ވިދާޅުވީ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
ފައިސަލް ވަނީ ދިރާސީ އައު އަހަރުގެ ތަހުނިޔާ ހުރިހާ ދަރިވަރުންނާއި ތައުލީމީ ދާއިރާގެ ހިދުމަތްތެރިންނަށް އަރިސްކުރައްވައިފަ އެވެ.
"ތައުލީމީ ޖީލެއް ބިނާކުރުމަށް ކުރެވޭ މަސައްކަތަކީ ގައުމެއްގެ އެންމެ އަގުބޮޑު މަސައްކަތް. މި އަހަރަކީ ދަރިވަރުންނަށް ކާމިޔާބު އަހަރެއްކަމުގަައި ލެއްވުން އެދި ދުއާކުރަން" ފައިސަލް ވިދާޅުވި އެވެ.
ދިރާސީ އައު އަހަރުގެ ކިޔެވުން ފެށިއިރު މިއަހަރު 96،000 ދަރިވަރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސްކޫލުތަކުން ތައުލީމު ހާސިލް ކުރާނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ 40،300 އަންހެން ދަރިވަރުންނާއި 42،700 ފިރިހެން ދަރިވަރުންނެވެ.
ރާއްޖޭގެ ސްކޫލުތަކުގައި ކިޔެވުން ފެށިއިރު ރަށްރަށުގެ ބައެއް ސްކޫލުތަކަށް ހުރިހާ ޓެކްސްޓް ފޮތްތައް ނުލިބެ އެވެ. ފުލުހުންގެ އެހީގައި އެޑިއުކޭޝަން މިނިސްޓްރީން ފޮތްތައް ފޯރުކޮށްދޭން ނިމިދިޔަ ހަފްތާގައި މަސައްކަތް ކުރިނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން ހުރިހާ ސްކޫލަކަށް ފޮތްތައް ފޯރުކޮށްދެވޭ ގޮތެއް ނުވި އެވެ.
ސަރުކާރުން ބުނީ މި ހަފްތާ ނިމުމުގެ ހުރިން ހުރިހާ ސްކޫލުތަކަށް ޓެކްސްޓު ފޮތްތައް ފޯރުކޮށްދެވޭނެ ކަމަށެވެ.