ތައިލެންޑާއި ޔޫއޭއީ އިން އާސަންދަ ލިބޭ ގޮތް ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށް

ތައިންލެންޑާއި ޔޫއޭއީއިން އާސަންދަ މެދުވެރިކޮށް ފަރުވާ ހޯދޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަމަށް އާސަންދަ ކުންފުނިން ބުނެފި އެވެ.
ތައިލެންޑާއި ޔޫއޭއީއަށް އާސަންދަ ފުޅާ ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ނިންމަވާފައި އޮތް ކަމެކެވެ. މިކަން އިއުލާން ކުރީ އާސަންދަ ކުންފުނިން މިދިޔަ ޖެނުއަރީ މަހުގެ ތެރޭގަ އެވެ.
މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާސަންދައިގެ ސީއީއޯ އާމިނަތު ޒީނިޔާ ވިދާޅުވީ ޔޫއޭއީ އާއި ތައިލެންޑަށް ދިވެހިންނަށް ފަރުވާ ހޯދަން ދެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށެވެ.
ޒީނިޔާ ވިދާޅުވީ ރައީސް މުއިއްޒުގެ ސިޔާސަތާއި އެއްގޮތަށް ބޭސްފަރުވާ ކުރުމަށް ހަމައެކަނި ސްރީލަންކާ އަދި އިންޑިއާއަށް ބަރޯސާ ވެފައި އޮތް އޮތުން ނިމުމަކަށް ގެނަސް އެހެން ގައުމުތަކަށްވެސް ފޮނުވޭނެ ގޮތްތައް ބަލަމުން އަންނަ ކަމަށެވެ.
ރައީސް މުއިއްޒުގެ ސިޔާސަތަކީ ދިވެހިން އާންމުކޮށް ދަތުރުކޮށް އުޅޭ ގިނަ ގައުމުތަކުން އާސަންދަ ހިދުމަތް ލިބޭ ގޮތް އިންތިޒާމު ކުރުމެވެ. އަދި އިންޑިއާއާއި ސްރީލަންކާ ފަދަ ގައުމުތަކަށްވުރެ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅު ގައުމުތަކަށް އާސަންދަ ހިދުމަތް ފުޅާ ކުރުމަކީ މިސަރުކާރުގެ ސިޔާސަތެވެ.