އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ އެގައުމުގެ ސަރުކާރުގެ ކައުންސިލު އޮފް މިނިސްޓަރސް ހުވާކުރެއްވުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިންޑިއާގެ ނިއުދިއްލީއަށް ވަޑައިގެންފި އެވެ.
އެމަނިކުފާނު އިންޑިއާއަށް ވަޑައިގެންނެވީ އެ ގައުމުގެ ބޮޑުވަޒީރުގެ ދައުވަތަކަށެވެ.
އިންޑިއާއަށް ރައީސް ވަޑައިގެންނެވުމުން އިންދިރާ ގާންދީ އިންޓަރނޭޝަނަލް އެއާޕޯޓުން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވީ އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް ހިންގުމާ މިވަގުތު އެންމެ އިސްކޮށް ހަވާލުވެ ހުންނެވި މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒްގެ ސެކްރެޓަރީ ޕަވަން ކަޕޫރާއި އިންޑިއާއަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު އިބްރާހީމް ޝަހީބާއި އިންޑިއާ ސަރުކާރުން ރާއްޖެއަށް ކަަނޑައަޅާފައި ހުންނަވާ ސަފީރު މުނޫ މަހާވަރެވެ.
އިންޑިއާގެ ބޮޑުވަޒީރު ތިން ވަނަ ދައުރަކަށް ހުވާކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވެވުމަށް ހަމަޖެހިފައި ވަނީ މިއަދެވެ. މި ރަސްމިއްޔާތުގައި ރައީސް މުއިއްޒުގެ އިތުރުން ދެކުނު އޭޝިއާއާއި އެހެން ބައެއް ގައުމުތަކުގެ ލީޑަރުންވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.
ރައީސް މުއިއްޒު އިންޑިއާއަށް ވަޑައިގެންނެވިއިރު އެމަނިކުފާނުގެ މި ދަތުރުފުޅަށް އެ ގައުމުގެ މީޑިއާގެ ބޮޑު ސަމާލުކަމެއް ވަނީ ލިބިފަ އެވެ. އާ ސަރުކާރަށް މާ ގިނަ ދުވަސްތަކެއް ނުވެ އިންޑިއާގެ ބޮޑު ވަޒީރަށް ކުޑައިމީސްކޮށް މިސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުންތަކެއް ކުރި ޕޯސްޓުތަކަކާ ގުޅިގެން ދެ ގައުމުގެ ގުޅުން ހީނަރުވެފައިވާއިރު ކުރީ ސަރުކާރުތަކާ ހިލާފަށް ރައީސް މުއިއްޒު އެންމެ ފުރަތަމަ ބޭރު ގައުމަކަށް ރަސްމީ ދަތުރުފުޅެއް ކުރެއްވީ އިންޑިއާގެ ބަދަލުގައި ޗައިނާއަށެވެ، ސަރުކާރުން ބުނި ގޮތުގައި މިހާރު ދެ ގައުމުގެ ގުޅުން އަންނަނީ ރަނގަޅުވަމުން ނެވެ.