ޚަބަރު ސަރުކާރު

ބިދޭސީ މަސައްކަތްތެރިން ގެންނަ މީހުން ޖަވާބުދާރީ ކުރުވޭނެ ނިޒާމެއް އެކުލަވާލަނީ

މަރިޔަމް އުމްނާ އިސްމާޢިލް ، ދެން އޮންލައިން
ބިދޭސީ މަސައްކަތްތެރިންތަކެއް ހަރަކާތްތެރިވަނީ

ރާއްޖެއަށް ބިދޭސީ މަސައްކަތްތެރިން ގެންނަ މީހުން ޖަވާބުދާރީ ކުރުވުމުގެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ފަށަައިފި އެވެ.

Ads by Hajj Corporation

މިކަން ހާމަކޮށްފައި ވަނީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އިން ސަރުކާރުގެ ގެޒެޓުގައި މިރޭ ކުރި އިއުލާނުގަ އެވެ. 

އެ އިއުލާނުގައި ބުނެފައިވަނީ އެ މިނިސްޓްރީން މިހާރު ދަނީ ބިދޭސީ މަސައްކަތްތެރިން ރާއްޖެއަށް ގެނައުމާ ގުޅޭ އުސޫލުތައް މުރާޖާކުރުމާއި، މިހާރު އަމަލުކުރަމުންދާ ނިޒާމްގައި ހުރި މައްސަލަތައް ދެނެގަނެ އެ ނިޒާމު ފަސޭހަކަމާ އެކު ރައްޔިތުންނަށް އަވަސް ހިދުމަތްތަކެއް ފޯރުކޮށްދީ، ހިދުމަތް ލިބިގަންނަ ފަރާތްތައް ޖަވާބުދާރީ ކުރެވޭނޭ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

"ވީމާ، މި މަސައްކަތްތަކުގެ ސަބަބުން ދިވެހިރާއްޖޭގައި މަސައްކަތްކުރުމަށް ބިދޭސީން ގެނައުމަށް އެދޭ ހުއްދަތަކުގެ ތެރެއިން ދޫކުރެވޭ ކޯޓާ، ވާކް ޕާމިޓް، ޑިޕޮޒިޓް ރީފަންޑް އަދި މި ނޫންވެސް ހިދުމަތްތައް ފޯރުކޮށްދިނުމުގައި އާންމު ގޮތެއްގައި ހިދުމަތް ދެވޭ މުއްދަތަށްވުރެ ލަސްވުމަކީ އެކަށީގެންވާކަމެއް ކަމުގައި ދެންނެވީމެވެ." މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވެ އެވެ.

މިކަމުގެ ސަބަބުން ހިދުމަތް ލިބިގަންނަ ފަރާތްތަކަށް ކުރިމަތިވާ ދަތިތަކަށް މައާފަށް އެދެމުން އެ މިނިސްޓްރީން ވަނީ ބިދޭސީ މަސައްކަތްތެރިންނާއި ގުޅިގެން މިނިސްޓްރީއަށް އެދިފައިވާ ހިދުމަތްތައް ވީ އެންމެ އަވަސް މުއްދަތެއްގެ ތެރޭގައި ނިންމުމަށް މަސައްކަތްކުރަމުންދާކަމަށް ބުނެފަ އެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި އެ މިނިސްޓްރީން މިހާރު ވަނީ ބިދޭސީންގެ އައިޑެންޓިޓީ ދެނެގަނެ، އެމީހުންގެ މައުލޫމާތު އެއްކުރުމަށް 'ކުރަނގި' ގެ ނަމުގައި ހާއްސަ އޮޕަރޭޝަނެއް ވެސް ފަށާފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!