ޚަބަރު ސަރުކާރު

އޭސީ ކުރުމަކީ ކޫލް ސްކޫލުގެ އެއް ބައި، ބުލީ ކުރުން ހުއްޓުވުމަކީ އަނެއްބައި: ވަޒީރު

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު

ކޫލް ސްކޫލުގެ ނަމުގައި އެޑިއުކޭޝަން މިނިސްޓްރީން ފަށާފައިވާ ބޮޑު މަޝްރޫއުގެ ދަށުން އެކި މަސައްކަތްތައް ކުރުމަށް ހަމަޖެހިފައިވާ ކަމަށާއި ކްލާސްރޫމްތަކުގައި އޭސީ ހަރު ކުރުމަކީ އެމަޝްރޫއުގެ އެއްބައި ކަމަށް ތައުލީމާއި ބެހޭ ވަޒީރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.

Ads by Hajj Corporation

ކޫލް ސްކޫލު މަޝްރޫއު އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ވަޒީރު ދެއްކެވި ވާާހަކަފުޅުގައި ކްލާސްރޫމްތައް އޭސީކޮށް ނިމުމުން ބުލީ ކުރުން ހުއްޓޭނެކަމަށް ބުނެ ބައެއް މީޑިއާތަކުން މަފްހޫމު އޮޅޭގޮތަށް ހަބަރު ގެނަސްދިނެވެ. މިކަމާއި ގުޅިގެން އެތައް ބައެއްގެ ފާޑުކިޔުންވެސް ވަޒީރަށް އަމާޒުވި އެވެ.

މިކަމާއި ގުޅޭގޮތުން މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ޝަފީއު ވިދާޅުވީ ކޫލް ސްކޫލު ޕްރޮގުރާމަކީ ހަމައެކަނި ސްކޫލްތަކުގެ ކުލާސް ރޫމް ފިނިކުރުމަށް ފެށި މަޝްރޫއެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ "ކޫލް ސްކޫލް" މަޝްރޫއަކީ ސްކޫލްތަކުގެ ވެށި ހިތްފަސޭހަކޮށް އުނގެނުމާއި އުނގަންނައިދިނުމަށް ވީހާވެސް ފަހި މާހައުލެއް އުފެއްދުމުގެ މަގުސަދުގައި ފަށާފައިވާ މަޝްރޫއެއް ކަމަށެވެ.

"މި ޕްރޮޖެކްޓުގެ ދަށުން ކުލާސްރޫމްތަކުގެ ފިނިހޫނިމިން ދަށްކުރުމަށް އޭސީ ހަރުކުރެވޭނެއެވެ. އަދި ސްކޫލްތަކުން ކަރަންޓަށް ހޭދަކުރާ މިންވަރު ދަށްކުރުމަށް ސޯލާ ޕެނަލް ހަރުކުރުމަށް ހާއްސަ އިސްކަމެއް ދެވޭނެއެވެ. ހަމަ މިއާއެކު ކޫލް ސްކޫލް ޕްރޮޖެކްޓުގެ ދަށުން ދަރިވަރުންނާއި ޓީޗަރުން އަދި މުޅި ސްކޫލް ކޮމިއުނިޓީގެ ދުޅަހެޔޮކަމަށް ހާއްސަ ހަރަކާތްތައް ހިންގޭނެއެވެ." ވަޒީރު ލިޔުއްވި އެވެ.

އޭނާ ވިދާޅުވީ ކޫލް ސްކޫލް ތަކުގައި ބުލީ ނުކުރާނެ ކަމަށާއި ބުލީ ކުރުމަކީ ކޫލް ކަމެއް ނޫން ކަމަށެވެ. އަދި މިފަދަ ސްކޫލްތަކުގައި އެންމެން މަސައްކަތް ކުރާނީ ގުޅިގެން ދަރިވަރުންގެ ކުރިއެރުމަށް ކަމަށާއި މަޝްރޫއު އިފްތިތާހު ކުރި ދުވަހުވެސް ދެއްކެވި ވާހަކައަކީ އެއީކަމަށް ޝަފީއު ވިދާޅުވި އެވެ.

"ކޫލް ސްކޫލެއްގައި ބުލީ ނުކުރާނެއޭ އަޅުގަނޑު ބުނީމާ، އޭގެ ބަދަލުގައި ސްކޫލްތައް އޭސީކުރީމާ ބުލީ ނުކުރާނެކަމަށް ބައެއް ނޫސްތަކުގައި ލިޔެފައި ހުއްޓާ ފެނުނެވެ. އަދި އަޅުގަނޑު ދެއްކި ވާހަކައިގެ މަފްހޫމަށް ބެލުމެއްނެތި ސިޔާސީ ވިސްނުމުގައި މަދު ފަރާތްތަކެއް މިފަދަ އިބާރާތްތައް ބޭނުންކޮށްފައި ވެއެވެ." ވަޒީރު ވިދާޅުވި އެވެ.

ޝަފީއު ވަނީ މިފަދަ ކަންކަމާއި ގުޅިގެން މައުލޫމާތު އޮޅޭ ފަރާތްތަކުން މައުލޫމާތު ހޯދުން މުހިންމުކަމަށް ދެކެވަޑައިގަންނަވާކަމަށް ވިދާޅުވެފަ އެވެ.

ސްކޫލުތަކުގެ ކްލާސްރޫމްތަކަށް އިހުސާސްކުރެވޭ ހޫނުމިން 2019 ވަނަ އަހަރު 37 ޑިގްރީ ސެލްސިއަސްގައި ހުރި ނަމަވެސް ހޫނު ގަދަވުމުގެ ސަބަބުން މިހާރު ބައެއް ކްލާސްރޫމް ތަކުގައި 40 ޑިގްރީ ސެލްސިއަސްގައިވެސް ހޫނުމިން އިހުސާސް ކުރެވޭކަމަށް ވަޒީރު ވިދާޅުވި އެވެ. މިކަމުގެ ސަބަބުން ނޭދެވޭ އަސަރު ސްކޫލު މާހައުލުންވެސް ފެންނާނެކަމަށް ވިދާޅުވި އެވެ.

ތައުލީމާ ބެހޭ ވަޒީރު ޑރ. ޝަފީއު އިތުރަށް ވިދާޅުވީ އެންމެ ފަހުން ލަންޑަންގައި ބޭއްވުނު ވޯލްޑް އެޑިއުކޭޝަން ފޯރަމްގައިވެސް ހޫނުވުމުގެ ސަބަބުން ދަރިވަރުންގެ ކިޔެވުމާއި އުޅުމަށް އަންނަ ބަދަލާ ބެހޭގޮތުން އިލްމީ ގިނަ ވާހަކަތަކެއް ދެކެވިގެން ދިޔަ ކަމަށެވެ. ހޫނުވުމުގެ ސަބަބުން ދަރިވަރުންގެ އުޅުމަށް އަންނަ ބަދަލުތައް ގޫގުލް ކޮށްލުމުންވެސް އެނގޭނެކަމަށް ވިދާޅުވި އެވެ.

"ޖޯކަކަށް ހަދައިގެން، އޭސީ ކުރީމާ ބުލީކުރުން ހުއްޓިދާނޭ، ނުވަތަ ސްނޯ އަކީ ބުލީގެ ހައްލޭ ބުނެ ވާހަކަ ދެއްކުމަކީ ދެރަކަމެކެވެ. ހިތާމައަކީ ގައުމުގެ ޝަރަފުވެރި މަގާމްތައް ފުރުއްވާފައިވާ ގައުމުގެ ނައިބުރައީސް ފެންވަރުގެ ބޭފުޅުންވެސް އެބޭފުޅުންނާއި އިލްމީގޮތުން އަދި އަޚުލާގީ ގޮތުންވެސް އެކަށީގެންނުވާ މިފަދަ ވާހަކަތަކުގެ ތެރެއަށް ވިސްނާލުމެއްނެތި ވެންނެވުމެވެ." ވަޒީރު ލިޔުއްވި އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!