ޚަބަރު ސަރުކާރު

ލޯނުތަކަށް ދައްކަންޖެހޭ 2.2 ބިލިއަން ރުފިޔާގެ ތެރެއިން އެއް ބިލިއަން ދައްކައިފި

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ފިނޭންސް މިނިސްޓްރީ އަދި ޓެކްސް އޮތޯރިޓީ ހިންގާ އިމާރާތް

ސަރުކާރުން ނަގާފައިވާ ލޯނުތަކަށް މިއަހަރު ދައްކަންޖެހޭ 2.2 ބިލިއަން ރުފިޔާގެ ތެރެއިން މިހާތަނަށް އެއް ބިލިއަން ރުފިޔާ ދައްކައިފި އެވެ.

Ads by STELCO

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިއަހަރު ލޯނުތައް އަދާކުރުމަށް ދައްކަން ޖެހެނީ 2.2 ބިލިއަން ރުފިޔާ އެވެ. މި އަދަދުގެ 45 އިންސައްތަ މިހަތަނަށް ވަނީ ދައްކައި ނިންމައިފަ އެވެ.

ދަރަނީގެ އިންޓަރެސްޓާއިއެކު ޖުމްލަ 1.6 ބިލިއަން ރުފިޔާ ސަރުކާރުން ވަނީ ދައްކައިފަ އެވެ. ދައުލަތުން ނަގާފައިވާ އިތުރު ދަރަނިތަކަށް އިންޓަރެސްޓުގެ ގޮތުގައި 5.2 ބިލިއަން ރުފިޔާ މިއަހަރު ދައްކަން ޖެހޭނެ އެވެ.

މިހިނގާ 2024 ވަނަ އަހަރުގެ ފުރަތަމަ ތިން މަސް ނިމުނުއިރު ޖުމްލަ ދަރަނި 126 ބިލިއަން ރުފިޔާއަށް ވަނީ އިތުރުވެފަ އެވެ.

ދަރަނި އިތުރުވީ އެތެރޭގެ ދަރަނި ބޮޑުވެގެންނެވެ. އަހަރު ފެށުނުއިރު އެތެރޭގެ ދަރަނި ހުރީ 72.8 ބިލިއަން ރުފިޔާގަ އެވެ. އެހެންނަމަވެސް މިތިން މަހުގެ ތެރޭގައި އެތެރޭގެ ދަރަނި ވަނީ 74 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.

ދަރަނި އިތުރުވެފައިވާއިރު އަންނަ 2026 ވަނަ އަހަރު ރެކޯޑު އަދަދެއް ދަރަނި އަދާކުރަން ރާއްޖެއިން ދައްކަން ޖެހޭނެ އެވެ. އެއީ 15 ބިލިއަން ރުފިޔާ އެވެ. މިއީ މީގެ ކުރިން އެއްވެސް އަހަރަކު ރާއްޖެއިން ދަރަނީގެ ގޮތުގައި ދައްކަން ޖެހުނު އަދަދެއް ނޫނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!