ޚަބަރު ސިޔާސީ

އެންމެ މަގުބޫލު މަންޒިލަކީ ރާއްޖެ، ޗައިނާގެ ގެތަކާ ހަމައަށް ހަބަރު ފޯރައިފި: ސަފީރު

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ޗައިނާ ސަފީރު ވޭންގް ލީޝިން

ދުނިޔޭގައި އެންމެ މަގުބޫލު ފަތުރުވެރިކަމުގެ މަންޒިލަކީ ރާއްޖެ ކަމަށާއި، ރާއްޖޭގެ ނަން ޗައިނާގެ ގެތަކާ ހަމައަށް ފޯރައިފި ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވޭންގް ލީޝިން ވިދާޅުވެއްޖެ އެވެ.

Ads by STELCO

އިމިގްރޭޝަން އޮފިސަރުންނަށް ޗައިނާ ބަސް ކިޔަވައިދިނުމުގެ ކޯހެއް ވިލާ ކޮލެޖުގައި އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތެއްގައި ސަފީރު ވޭންގް ވިދާޅުވީ ރާއްޖެއާއި ޗައިނާގެ ގުޅުމަކީ 600 އަހަރުވީ ޒަމާންވީ ގުޅުމެއް ކަމަށެވެ. އެގޮތުން ޗައިނާގެ ގަދީމީ ދަތުރުވެރިއެއް ކަމަށްވާ ޒެންގް ހީ ދެ ފަހަރެއްގެ މަތިން ރާއްޖެ ޒިޔާރާތް ކުރިކަމަށާއި ހަމަ އެ ދުވަސްވަރު ރާއްޖޭގެ ރަސްގެފާނު ޔޫސުފްވެސް ޗައިނާއަށް މަންދޫބުން ފޮނުވިކަމަށް ސަފީރު ވިދާޅުވި އެވެ.

"ގަދީމީ ސިލްކް މަގަކީ މީގެ ކުރިން ވެސް މި ދެ ގައުމުގެ ރައްޔިތުން ގުޅުވާލާފައިވާ މަގެއް. ޑިޕްލޮމެޓިކް ގުޅުންތައް އުފެދުނު ފަހުން ޗައިނާއާއި ރާއްޖެއަކީ އަބަދުވެސް އެކަކު އަނެކަކަށް އިޙްތިރާމްކޮށް ތާއީދުކުރާ ގައުމެއް. މި ގުޅުމަކީ އެކި ސައިޒުގެ ޤައުމުތަކުގެ މެދުގައި ހަމަހަމަ ގޮތެއްގައި ކަންތައްކުރުމާއި، އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވުމާއި، ދެފަރާތަށް ފައިދާހުރި ގުޅުމެއް ބާއްވާކަމުގެ ރަނގަޅު މިސާލެއް." ސަފީރު ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ދާދި ފަހުން ޗައިނާއަށް ކުރެއްވި ދަތުރުފުޅަށް އިޝާރާތް ކުރައްވައި ސަފީރު ވިދާޅުވީ އެ ދަތުރުގައި ރާއްޖެއާއި ޗައިނާގެ ގުޅުން ފުރިހަމަ ކޯޕަރޭޓިވް ޕާޓްނާޝިޕަކަށް މަތިކުރަން އިއުލާން ކުރި ކަމަށެވެ. އެގޮތުން ތައުލީމާއި ސަގާފަތާއި ފަތުރުވެރިކަންވެސް ހިމެނޭ ގޮތަށް އެކި ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރަން އިއްތިފާގުވެފައިވާކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖެއަކީ ދުނިޔޭގެ ފަތުރުވެރިންގެ މެދުގައި އެންމެ މަގުބޫލު މަންޒިލްކަމަށް ވާއިރު މިނަން ޗައިނާގެ ގެތަކާއި ހަމައަށް ފޯރާފައިވާކަމަށް ސަފީރު ވިދާޅުވި އެވެ. ރާއްޖޭގެ ސާފު އުޑާއި، ރީތި މޫދާއި ދޮނވެލި ގޮނޑުދޮށްތައް ވެފައިވަނީ ޗައިނާ ފަތުރުވެރިންނަށް ދިރުންހުރި ހަނދާންތަކަކަށް ކަމަށް ސަފީރު ވިދާޅުވި އެވެ.

"މިހާރު ޗައިނާ ވެފައިވަނީ ރާއްޖޭގެ އެންމެ ބޮޑު ޓޫރިސްޓް މާކެޓަށް ޖޫން 4 އާ ހަމައަށް ޗައިނާގެ 100،000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، މިއީ ޖުމްލަ ޓޫރިސްޓުންގެ %11.3. ޖުލައި އަދި އޮގަސްޓް މަހު ޗައިނާގެ އިތުރު ފަތުރުވެރިން ރާއްޖެއަށް އަންނާނެ" ސަފީރު ވޭންގް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޗައިނާގެ ގިނަ މީހުންނަށް އިނގިރޭސި ބަހުން ވާހަކަ ދައްކަން ނޭނގޭތީ އެމީހުންނާއި އެއާޕޯޓުން އެންމެ ފުރަތަމަ ބައްދަލުވާ އިމިގްރޭޝަން އޮފިސަރުން ޗައިނާ ބަސް ދަސްކުރުމަކީ ރަނގަޅު ކަމެއްކަމަށް ދެކޭ ކަމަށެވެ. މިއީ ޗައިނާ ފަތުރުވެރިންނަށް ކިޔާ މަރުހަބާ އިތުރަށް ފުރިހަމަ ވެގެންދާނެ އަދި ދެގައުމުގެ ރައްޔިތުންގެ އެކުވެރިކަން އިތުރަށް ބިނާކޮށްދޭނެ ކަމެއް ކަމަށްވެސް ސަފީރު ވިދާޅުވި އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!