އިޒްރޭލު ޕާސްޕޯޓު މަނާކުރުމުގެ ބިލުގެ ބަހުސް މާދަމާ ފަށަނީ
ރާއްޖޭގައި އިޒްރޭލު ޕާސްޕޯޓް މަނާކުރަން އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެންނަ އިދިކޮޅު އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލުގެ ބަހުސް ފަށަން މާދަމާގެ ޖަލްސާގައި އެޖެންޑާކޮށްފިއެވެ.
އިމިގްރޭޝަން ގާނޫނަށް އެ އިސްލާހު ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއިލް އަހްމަދު ނަސީމެވެ. އެ ބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވަނީ މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ބޭއްވި ޖަލްސާގައެވެ.
މި ބިލަކީ ރައްޔިތުންގެ މަޖިލީހުގެ 20 ވަނަ ދައުރުގައި ހުށަހެޅުނު ފުރަތަމަ ބިލެވެ. ބިލު ހުށައެޅުމުގެ ބޭނުމަކީ އިޒްރޭލުން ފަލަސްތީނުގެ ދަރިފަސްކޮޅު ނައްތާލުމަށް ހިންގަމުންދާ ގަތުލުއާންމާއި ދެކޮޅަށް ރާއްޖެއިން ފިޔަވަޅު އެޅުން ކަމަށް މީކާއިލް ވަނީ ވިދާޅުވެފައެވެ.
ބިލުގައި ވަނީ އިޒްރޭލު ޕާސްޕޯޓާއި އެހެން ގައުމެއްގެ ޕާސްޕޯޓެއް އޮތް ނަމަވެސް އިޒްރޭލު ޕާސްޕޯޓެއް އޮތް ނަމަ ރާއްޖެ އެތެރެވުމުގެ ހުއްދަ ނެތް މީހެއްގެ ގޮތުގައި ކަނޑައަޅަން ހުށަހަޅައިފައެވެ.
އިދިކޮޅުގެ ބިލު އެޖެންޑާކޮށްފައިވާއިރު ސަރުކާރުން ވެސް ވަނީ އިޒްރޭލު ޕާސްޕޯޓް ރާއްޖެ އެތެރެވުން މަނާކުރަން ގާނޫނު އަސާސީ އަށް އިސްލާހު ގެންނަން ނިންމައިފައެވެ.
އެ ބިލަށް ސަރުކާރުން ތާއިދުކުރާނެތޯ އެ ޕްރެސްގައި ނޫސްވެރިއަކު ސުވާލުކުރުމުން އިހުސާން ވިދާޅުވީ އެއަށް އެއްޗެއް ވިދާޅުވާނީ އިތުރަށް ދިރާސާކުރުމަށް ފަހު ކަމަށެވެ.
"ފަހަރެއްގައި ވެދާނެ އަޅުގަނޑުމެން އެލައިން ވާން ޖެހޭނީ އެއާ ކަމަށްވެސް. އަޅުގަނޑުމެން ވަކި އިސްތިސްނާއެއް ނުކުރާނަން މިވެން ބޭފުޅަކު މިވެނި މެންބަރަކު ހުށަހެޅި ހުށަހެޅުމަށް" މީކާއީލްގެ އިސްލާހަށް އިޝާރާތް ކުރައްވާ މިނިސްޓަރު ވިދާޅުވި އެވެ.
އިހުސާން ވިދާޅުވީ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށްޓަކައި ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅާނެ ކަމަށެވެ.
އެކަން ކުރިއަށް ގެންދިޔުމަށްޓަކައި ވަޒީރުންގެ މަޖިލީހުން ވަނީ ހާއްސަ ކޮމިޓީއެއް އެކުލަވާލާފައެވެ. އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ، ހޯމް މިނިސްޓަރު، ފޮރިން މިނިސްޓަރު މޫސާ ޒަމީރު، އެޓާނީ ޖެނެރަލް އަހުމަދު އުޝާމް އަދި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލްގެ އިތުރުން އިސްލާމިކް މިނިސްޓަރު ޑރ ޝަހީމް އަލީ ސައީދު އެވެ.