ޚަބަރު ސަރުކާރު

"ބިންވެރިޔާ" ސްކީމްގެ ސަބަބުން އެޗްޑީސީއަށް 10.5 ބިލިއަން ރުފިޔާގެ ގެއްލުން

މަރިޔަމް އުމްނާ އިސްމާޢިލް ، ދެން އޮންލައިން
ފޭސް ތިނެއްގެ ބިން ހިއްކުން ކުރިއަށްދަނީ/ ފޮޓޯ: އެޗްޑީސީ

މިދިޔަ ސަރުކާރުން ހިންގި "ބިންވެރިޔާ" ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން ހިލޭ ގޯތި ދޫކުރުމުގެ ސަބަބުން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް 10.5 ބިލިއަން ރުފިޔާގެ ގެއްލުމެއް ލިބުނު ކަމަށް އޮޑިޓް އޮފީހުން ބުނެފި އެވެ.

Ads by STELCO

އިއްޔެ އޮޑިޓް އޮފީހުން ނެރުނު ބަޖެޓު ޕޮޒިޝަން ރިވިއު ރިޕޯޓުގައި ވާގޮތުން ހުޅުމާލެއިން ހިލޭ ބިން ދޫކުރުމުގެ ސަބަބުން އެޗްޑީސީއަށް މާލީ ގޮތުން ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ.

އެޗްޑީސީގެ ލިޔެކިއުންތަކާއި ހަވާލާދީ އެ ރިޕޯޓުގައި ބުނެފައިވަނީ މި ސްކީމްގެ ސަބަބުން އެ ކުންފުންޏަށް 7.2 ބިލިއަންއާއި 10.5 ބިލިއަން ރުފިޔާގެ ގެއްލުމެއް ލިބުނު ކަމަށެވެ. އެއީ ބިމުގެ އަގު ކަމަށްވާ 7.7 ބިލިއަން ރުފިޔާއާއި އެ ބިން ބޭނުންކޮށްގެން ލިބޭނެ ކަމަށް ލަފާ ކުރާ އާމްދަނީން ގެއްލޭ 3.3 ބިލިއަން ރުފިޔާ ހިމަނައިގެން ނެވެ.

މި ގެއްލުންތައް ފޫބައްދައިދިނުމަށް ސަރުކާރުން ވަނީ އެއްބަސްވެފަ އެވެ. އެގޮތުން އެ ކުންފުންޏަށް ލިބޭ ގެއްލުން (3.3 ބިލިއަން ރުފިޔާ) ފޫބެއްދުމަށް "ގަލުފަޅު" އަދި "މާގިރިފަޅު" ސަރުކާރުން ދޫކޮށްފައިވާއިރު، ސްކީމްގެ ދަށުން ދޫކުރު ބިމުގެ އަގުކަމަށްވާ 7.7 ބިލިއަން ރުފިޔާ ފިނޭންސް މިނިސްޓްރީއާއެކު މަސައްކަތް ކުރަން އަންގާފައިވާ ކަން ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި "ބިންވެރިޔާ" ސްކީމްގެ ދަށުން ހިލޭ ގޯތި ބަހަން ނިންމުމުގެ ސަބަބުން ކުރިއަށް އޮތް އަހަރުތަކުގައި ވެސް ސަރުކާރަށް މާލީ ގޮތުން ވަރަށް ބޮޑު ބުރައެއް އުފުލަން ޖެހޭނެ" އޮޑިޓް އޮފީހުން ބުންޏެވެ.

އެ ސްކީމްގެ ދަށުން ގޯތި ދޫކުރަން ނިންމަފައިވަނީ ހުޅުމާލެ 2 އާއި އަލަށް ހިއްކާ ހުޅުމާލެ 3 އިންނެވެ. މީގެ އިތުރުން ގުޅިފަޅާއި ގިރާވަރުފަޅު ހިއްކައިގެން ގޯތި ދޫކުރަން ވަނީ ނިންމާފައެވެ. އެގޮތުން ހުޅުމާލެއިން އެކަނިވެސް 1380 ގޯތި ދޫކުރުމަށް ވަނީ ނިންމާފަ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!