ސްޕެއިންއަށް ތަށި ހޯދައިދިނުމުގެ ޒިންމާ ޒުވާން ކުޅުންތެރިންތަކެއްގެ ކޮނޑުގައި

ސްޕެއިންއަކީ މިފަަހަރު ޔޫރޯ ކާމިޔާބުކުރާނެކަމަށް އެންމެ ގިނަ ބަޔަކު އިއްތިގާގުވާ އެއް ޓީމެވެ.
2008 ވަނަ އަހަރު ޔޫރޯ ކާމިޔާބުކުރި ސްޕެއިން މިއަހަރު މުބާރާތާ ކުރިމަތިލަނީ އަނެއްކާވެސް ތަށި އުފުލާލުމުގެ އުންމީދުގައެވެ. އެ މަގާމަށް ވާސިލުވުމަށް އެ ޓީމުން ނިކުތީ ވަރުގަދަ ސްކޮޑަކާއެކީގައެވެ.
ތަޖުރީބާކާރު ކުޅުންތެރިންނާއި ޒުވާން ކުޅުންތެރިން އެއްކޮށްލައިގެން އެކުލަވާލި އެ ޓީމުގެ މައިތަނބަކަށް ވާނީ ކޮންކުޅުންތެރިންތަކެއްތޯ ގިނަ ބަޔަކު ސުވާލު އުފެއްދިއެވެ.

ޔޫރޯއަށް ތައްޔާރުވުމަށް ސްޕެއިންއިން ކުޅުނު ދެ މެޗު ބަލާލުމުން އެ ސުވާލަށް ވަނީ ޖަވާބު ލިބިފައެވެ. އެ ދެ މެޗުގައި ސްޕެއިންގެ ކޯޗު ލުއިސް ޑެ ލަ ފުއެންޓޭ އެންމެ އިތުބާރުކޮށް އެންމެ ގިނަައިން ބޭނުންކޮށްފައިވަނީ އުމުރުން 16 އަހަރުގެ ލަމީން ޔަމާލްއާއި، އުމުރުން 21 އަހަރުގެ ނިކޯ ވިލިއަމްސްއާއި، ޕެޑްރި ގޮންޒަލޭޒްއެވެ.
އެގޮތުން ކޯޗު ލަ ފުއެންޓޭގެ އެންމެ ބޮޑު އިތުބާރެއް ހޯދި ކުޅުންތެރިއަކީ ޔަމާލްއެވެ. އެންމެ ފަހުން ސްޕެއިން ތަށި އުފުލާލިއިރު ޔަމާލްގެ އުމުރަކީ އެންމެ އަހަރެކެވެ.
މިހާރު ސުކޫލުގައި ކިޔަވަމުންދާ ޔަމާލްއަކީ ޓީމުގެ އެޓޭކުތައް އުފެއްދުމުގެ އެންމެ މުހިންމު ކުޅުންތެރިޔާއެވެ. ސުކޫލުގެ ފިލާވަޅުތައް ހަދަމުން ޔޫރޯގެ މެޗުތައް ކުޅޭނެ އެ ކުޅުންތެރިއަކީ ހަލުވި ކުޅުންތެރިއެކެވެ.

ޔަމާލްއާއެކު ޓީމުގެ އެޓޭކުގައި ދެން ބައިވެރިވާނެ އަނެއް ކުޅުންތެރިއަކީ ނިކޯ ވިލިއަމްސްއެވެ. އޭނާއަކީ ވެސް ހަލުވި އެހައިމެ ހުށިޔާރު ކުޅުންތެރިއެކެވެ.
ޕާސިން ގޭމެއް ކުޅޭ ސްޕެއިން ޓީމުގެ އެންމެ މުހިންމު އެއް ޑިޕާޓްމަންޓަކީ އެ ޓީމުގެ މިޑްފީލްޑެވެ. އެ ޓީމުން ހޯދި ކާމިޔާބީގެ ފަހަތުގައި ވެސް ވަނީ އެ ޓީމުގެ މެދުތެރެއަށް ކުޅޭ އަންދްރޭ އިނިއަސަޓާއާއި، ޒަވީ ހަނާންޑޭޒް، ސާޖިއޯ ބުސްކެޓް ފަދަ ކުޅުންތެރިންނެވެ. މިފަހަރުގެ މުބާރާތުގައި ޓީމުގެ މެދުތެރޭގައި އެންމެ މުހިންމު ރޯލެއް ކުޅޭނީ ޒުވާން ޕެޑްރީއެވެ.
މިރޭ ސްޕެއިންގެ ފުރަތަމަ މެޗުގައި މިރޭ 9:00 ގައި ނިކުންނާނީ ކްރޮއޭޝިއާއާ ދެކޮޅަށެވެ.