ކުޅިވަރު ފުޓްބޯޅަ

ފްރާންސް މޮޅުކޮށްދިނީ އޮސްޓްރިއާއިން ބައިކޮޅަށް ގޯލު ޖަހައިގެން

ސްޕޯޓްސް ޓީމް ، ދެން އޮންލައިން

ޔޫރޯ 2024 ގައި ވަރުގަދަ ފްރާންސްއިން އޮސްޓްރިއާ ހަނިގޮތަކަށް ބަލިކޮށް މޮޅަކުން މުބާރާތް ފަށައިފިއެވެ.

Ads by MWSC

ރޭ ގެރޫޕް ޑީގައި ކުޅުނު އެ މެޗު ފްރާންސްއިން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ. ފްރާންސްގެ ފަރާތުން ގިނަ ހަމަލާތަކެއް ފެނުނު އެ މެޗުގައި ފްރާންސް މޮޅުވި ގޯލު ޖެހީ އޮސްޓްރިއާ ކުޅުންތެރިން ބައިކޮޅަށެވެ.

އެ ގޯލަކީ މެޗުގެ 38 ވަނަ މިނެޓުގައި ފްރާންސްގެ ކެޕްޓަން ކިލިއަން އެމްބާޕޭ އޮސްޓްރިއާ އޭރިއާތެރެއަށް ވަދެ ނެގި ހުރަސް ދިފާއުކުރަން އުޅުމުގެ ތެރޭގައި އޮސްޓްރިއާގެ ވޮބާ ބޮލުގައި ޖެހިފައި ވަތް ގޯލެކެވެ.

އެގޮތުން މެޗު ފަށައިގެން ނުވަ ވަނަ މިނެޓުގައި ފްރާންސްގެ  އެމްބާޕޭއަށް ވަނީ ގޯލު ޖަހާނެ ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އެސްޓްރިއާ ޑިފެންސް ފަހަތުން ލިބުނު ބޯޅަ އެނާ ފޮނުވާލިނަމަވެސް އެއޮސްޓްރިއާގެ ކީޕަރު، ޕެޓްރިކް ޕެންޓްޒް ވަނީ މަތަކޮށްފައެވެ.

ދެވަނަ ހާފު ފަށައިގެން ފަސްވަނަ މިނެޓުގައިވެސް އެމްބާޕޭއަށް ވަނީ ގޯލުޖަހާނެ ފުރުސަތެއް ލިބިފައެވެ. އޮސްޓްރިއާ ދެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު އެމްބާޕޭ ފޮނުވާލި އެ ހަމަލާ ދިޔައީ ހުސް ގޯލާ އަމާޒުނުވެއެވެ.

އެ މޮޅާއެކު ފްރާންސްއަށް އޮތީ ގްރޫޕް ޑީގެ ދެވަނައިގަ ތިން ޕޮއިންޓާއެކުއެވެ. މެޗުން ބަލިވި އޮސްޓްރިއާ އެއްވެސް ޕޮއިންޓެއް ނުލިބި އޮތީ ތިންވަނައިގައެވެ. އެ ގްރޫޕްގެ އެއްވަނައިގައި ތިން  ޕޮއިންޓާއެކު އޮތީ ނެދަލެންޑްސްއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!