ނުވަ މަހަށް ބައްސާމު ސަސްޕެންޑުކޮށްފި
ފުޓުބޯޅައިގެ މައި އިދާރާ (ފީފާއިން) ރާއްޖޭގެ ފުޓުބޯޅަ އެސޯސިއޭޝަން، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމު އަދީލް ޖަލީލް ސަސްޕެންޑުކޮށްފިއެވެ.
މިއަދު ފީފާއިން ނެެރުނު ބަޔާނެއްގަައި ބުނެފައިވަނީ ނުވަ މަހަށް ބައްސާމު ސަސްޕެންޑުކޮށްފައިވާކަމެށެވެ.
އެ ބަޔާނުގައި ބުނެފައިވަނީ އޭނާ ސަސްޕެންޑުކޮށްފައިވަނީ ރާއްޖޭގެ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބަލަމުންއަންނަ ބައްސާމުގެ ހިޔާނާތުގެ މައްސަލައަކާ ގުޅިގެން ފީފާގެ އިންވެސްޓިގޭޝަން ޗެމްބަރުން ކަމެށެވެ.
ޕީޖީ އޮފީހުގެ ތަހުގީގުގެ ތެރެއިން، އެފްއޭއެމް ހައުސް ބަލައި ފާސްކުރިއިރު މަނީ ލޯންޑަރިންނާއި ކޮރަޕްޝަންގެ އިތުރުން އެފްއޭއެމަށް ލިބޭ ފައިސާގެ ބޭނުން ނަހަމަ ގޮތުގައި ކޮށްފައިވާ ކަމުގެ ހެކި ފެނިފައިވާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
ޕީޖީ އޮފީހުން ބުނެފައިވަނީ އެފްއޭއެމްއަށް ފީފާއިން ދޭ ފައިސާ އެފްއޭއެމްގެ ރައީސާއި އެފްއޭއެމްގެ މުވައްޒަފުންގެ ޕަރސަނަލް އެކައުންޓުތަކަށް ޖަމާކޮށް އެ ފައިސާ ބޭނުންކުރަމުންދާކަމަށެވެ.
މީގެއިތުރުން އެ އޮފީހުން ބުނީ 2018 ވަނަ އަހަރުގެ ޖެނަވަރީ މަހުން ފެށިގެން 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހާ ހަމައަށް ގާތްގަނޑަކަށް 12.4 (ބާރަ ޕޮއިންޓް ހަތަރެއް މިލިއަން ޔޫ.އެސް ޑޮލަރު) ފީފާއިން އެފްއޭއެމްއަށް އެހީގެ ގޮތުގައި ދީފައިވާ ކަމަށާއި އެއީ ދިވެހި ރުފިޔާއިންނަމަ 191،208،000.00 (އެއްސަތޭކަ ނުވަދިހަ އެއް މިލިއަން ދެލައްކަ އަށްހާސް ރުފިޔާ) އެވެ.
ފީފާއިންނާއި ބޭރުގެ ފުޓްބޯލް އެސޯސިއޭޝަންތަކުން އެފްއޭއެމަށް ފައިސާ ޖަމާކުރަނީ ބޭރުފައިސާއިން ކަމުން، އެ އެސޯސިއޭޝަނަށް ލިބޭ ބޭރު ފައިސާ އެކި ފަރާތްތަކަށް ވިއްކައިގެން އެފްއޭއެމްއިން ދިވެހި ރުފިޔާ ހޯދަމުން ގެންދިޔައީ އެއްވެސް އުޞޫލެއް ނެތި، އެކަމާ ގުޅޭ ރެކޯޑުވެސް ބެހެއްޓުމެއް ނެތި ކަމަށް ވެސް ޕީޖީން ބުނެއެވެ.
އެފްއޭއެމްގެ އެކައުންޓުން އެފްއޭއެމްގެ ރައީސް ބައްސާމުގރ އެކައުންޓަށް ގިނަ ޢަދަދެއްގެ ފައިސާ ޖަމާކޮށްފައިވާކަން ތަޙުޤީޤަށް ހޯދިފައިވާ ކަމަށް ވެސް އެ އޮފީހުންބުންޏެވެ. އަދި ބޭންކަށް ހުށަހަޅާ ލިޔުންތަކުގައި މި ފައިސާއަކީ "ސޭލްސް އޮފް ޑޮލާސް" ކަމުގައި ލިޔެފައިވީނަމަވެސް، އެ ފައިސާއަށްވާ ދިވެހި ރުފިޔާ އެފްއޭއެމްގެ އެއްވެސް ދިވެހި ރުފިޔާ އެކައުންޓަކަށް ޖަމާކޮށްފައިނުވާ ކަމަށާއި މާލީ މުޢާމަލާތްތައް ހެކިދޭ ގޮތުގައި އެ ފައިސާ ބައްސާމް ބޭނުންކޮށްފައި ހުންނަނީ އަމިއްލަ ބޭނުންތަކައް ކަމަށް ވެސް ބުނެފައިވެއެވެ.
އެ މައްސަލަ ނިމެންދެން ބައްސާމުގެ ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓައިފައެވެ.