ޚަބަރު

ފުލުހުންނަށް ހުރަސް އަޅައި ހަމަނުޖެހުން ހިންގި 4 މީހަކު ހައްޔަރަށް

އަލީ ސަމާޙް ، ދެން އޮންލައިން
ފުވައްމުލަކު ޕޮލިސްޓޭޝަން ދޮަށަށް ބަޔަކު އެއްވެފައި

ފުވައްމުލަކުގައި ހިންގި ޑްރަގް އޮޕަރޭޝަނަކަށް ހުރަސް އަޅައި ހަމަނުޖެހުން ހިންގި 4 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

Ads by STELCO

މިރޭ ފުވައްމުލަކު ދޫނޑިގަމް އަވަށުގައި ފުލުހުން ހިންގި ޑްރަގް އޮޕަރޭޝަނަކަށް ޒުވާނުންތަކެއް ވަނީ ހުރަސްއަޅާފަ އެވެ.

އެ އޮޕަރޭޝަންއާ ގުޅިގެން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، މަސްތުވާތަކެތި ގެންގުޅުނު ކަމަށް ތުހުމަތު ކުރެވޭ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަން އުޅުމުގެ ތެރޭގައި އެތަނަށް އިތުރު ބަޔަކު ގޮސް ފުލުހުންނާ ކުރިމަތިލާ ފުލުހުންގެ ވާޖިބަށް ހުރަސް އަޅާފައިވާ ކަމަށެވެ. އަދި އެ ކުރިމަތިލުމުގައި އޮފިސަރަކަށް އަނިޔާވެފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

އެ މައްސަލައާ ގުޅިގެން ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު އޭގެ ފަހުން ޕޮލިސްޓޭޝަން ކުރިމައްޗަށް ބަޔަކު ވަނީ އެއްވެ އަޑުއުފުލާފަ އެވެ. އެ ތަނަށް އެއްވި މީހުން އަޑު އުފުލީ ފުލުހުން އަނިޔާކުރަމުންދާ ކަމަށް ބުނެ އެވެ. އެއްވި މީހުންގެ ތެރެއިން ބަޔަކު ވަނީ ޕޮލިސް ސްޓޭޝަނަށް ވަދެ ހަމަނުޖެހުން ހިންގަން މަސައްކަތްވެސް ކޮށްފަ އެވެ. ޕޮލިސް ސްޓޭޝަނަށް ވަންނަން މަސައްކަތްކުރި މީހާވެސް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ.

ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ، މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުންކުރަމުންދާ މަސައްކަތުގައި މިރޭ ފުވައްމުލަކުގައި ހިންގުނު އޮޕަރޭޝަނަކާއި ދެކޮޅަށް އެކަން ހުއްޓުވުމަށާއި ކުށްކުރުމަށް ހިތްވަރުދިނުމުގެ މަގްސަދުގައި ބަޔަކު މަސައްކަތްކޮށްފައިވާ ކަމަށެވެ.

"ދިވެހި ފުލުހުން މަސްތުވާތަކެތީގެ ވަބާއިން މިގައުމު ސަލާމަތްކުރަން ކުރަންޖެހުނު ހުރިހާ މަސައްކަތެއް ސާބިތުކަމާއިއެކު ކުރާނެ ވާހަކަ ދަންނަވަން" ޝިފާން ވިދާޅުވި އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!