ޚަބަރު ރައްޔިތުންގެ މަޖިލިސް

ކުރީ ސަރުކާރުގައި ކުންފުނި ދަރުވާލި އެމްޑީއަށް ބައިނަލްއަގުވާމީ އެވޯޑު ލިބުނު: ޝުޖާ

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު

ކުރީ ސަރުކާރުގައި ފެނަކަ ކޯޕަރޭޝަން ދެ ބިލިއަން ރުފިޔާއިން ދަރުވައިލުމުން ކުންފުނީގެ އެމްޑީއަށް ބައިނަލްއަގުވާމީ އެވޯޑު ލިބުނުކަމަށް ވިދާޅުވެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

Ads by Sosun Fihaara

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅި ކުއްލި މައްސަލައަށް ވާހަކަ ދައްކަވަމުން މެމްބަރު ޝުޖާ ވިދާޅުވީ ކުރީ ސަރުކާރުގައި ކުންފުނި ދަރުވާލާފައި ބައިނަލްއަގުވާމީ އެވޯޑު ނެގިއިރު އެކަން ރަނގަޅަށް ބެލިއިރު އެވޯޑު އޮތީ ގަނެލާފައި ކަމަށެވެ.

“މިއީ ދެން އަޅެ އަޖައިބެއްނު. ބަލާނަން އިއްޒަތްތެރި ރައީސް. މައްސަލަ ބަލާނަން. މިގައުމުގަ މިހާރު އިންޖީނުތަކުގެ ހާލަތު ވަރަށް ގޯސް”

ބާރަށު ދާއިރާއަށް އެކަނި ބެލިޔަސް ރައްޔިތުން ހާލުގައި އުޅެން ޖެހިފައިމިވަނީ ކަރަންޓު ކެނޑޭތީކަމަށް ޝުޖާ ވިދާޅުވި އެވެ. ބާރަށު އިންޖީނުގޭގައި އިންޖީނު އޯވަހޯލް ނުކުރާ ކަމަށާއި މިދިޔަ ފަސް އަހަރު އިންޖީނުގެ ފިލްޓަރު ނަގައި ދޮވެލާފައި އަލުން އަޅުވަނީ ހަމަ އެ ފިލްޓަރުކަމަށް ޝުޖާ ވިދާޅުވި އެވެ. އެކަމަކު އާ ފިލްޓަރު ގަންނަން ދައުލަތުން ފައިސާ ނަގާފައިވާ ކަމަށް ޝުޖާ ވިދާޅުވި އެވެ.

“މިކަމުގެ ޒިންމާ އަޅުގަނޑުމެން ނަގަން މިޖެހެނީ. މީނަ މިހުންނަނީ ބައިނަލްއަގުވާމީ އެވޯޑު ނަގައިގެން ކުންފުނި ހިންގިލެއް ރަނގަޅުކަމުން އިއްޒަތްތެރި ރައީސް”

މިފެންވަރަށް ރައްޔިތުންގެ ފައިސާއަށް ހިޔާނާތްތެރިވާން ހެޔޮނުވާނެ ކަމަށް ޝުޖާއު ވިދާޅުވި އެވެ. މިމައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ މަސައްކަތް މި ސަރުކާރުން މިފެށީކަމަށް ޝުޖާއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފެނަކަ ނޫނަސް އެހެން ކުންފުނިތަކުންވެސް ހިޔާނާތްތެރިވެފައިވާނަމަ މައްސަލަ ބަލާނެ ކަމަށެވެ. އެއްވެސް މީހަކަށް ފިލައިގެން ނުދެވޭނެކަމަށްވެސް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުގައި 2020 ވަނަ އަހަރު ފެނަކަ ކޯޕަރޭޝަނަށް ބައިނަލްއަގުވާމީ 5 އެވޯޑެއް ލިބުނެވެ. އޭގެތެރެއިން އެއް އެވޯޑަކީ ކުންފުނީގެ އޭރުގެ އެމްޑީ އަހުމަދު ސައީދު މުހައްމަދަށް ލިބުނު ސީއީއޯ އޮފް ދަ އިޔާ އެވޯޑެވެ.

މިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސައީދު ގައްދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރެއްވި އެވެ. އެހެންނަމަވެސް އެދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ ޕީއެންސީގެ ޓިކެޓުގައި ވާދަކުރެއްވި މުހައްމަދު އަލީ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!