ޚަބަރު ސިޔާސީ

ދެ ރައީސުންގެ ފެހި ސިގްނަލާއެކު ފައްޔާޒު އުފާވެއްޖެ

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އެކީގައި މަސައްކަތް ކުރައްވައިފާނެ ކަމުގެ ފެހި ސިގްނަލް ލިބުމަކީ އުފާވެރި ކަމެއްކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

Ads by MWSC

އެމްޑީޕީއަށް 19 އަހަރު ފުރުމުގެ މުނާސަބަތުގައި ރައީސް ޞާލިހު ދެއްވި ބަސްތީގަތުމެއްގައި ވިދާޅުވީ އެމްޑީޕީން ވަކިވެގެން ދިޔަ ޑިމޮކްރެޓުން އަލުން ޕާޓީއާއި ގުޅުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި މިދިޔަ ރިޔާސީ އިންތިހާބުގައި އެމްޑީޕީއަށް ނާކާމިޔާބީއާއި ކުރިމަތިލާން ޖެހުނީވެސް އެމްޑީޕީ މެމްޕަރުންތަކެއް ޕާޓީއާއި ވަކިވެގެން ދިޔުމުން ކަމަށް ރައީސް ޞާލިހު ވިދާޅުވި އެވެ.

ޞާލިހުގެ މި ވާހަކަފުޅުތަކާއި ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ދެއްކެވީ ތެދު ވާހަކަފުޅުތަކެއް ކަމަށެވެ. އަދި އެކުގައި މަސައްކަތް ކުރައްވައިފާނެކަމުގެ ފެހި ސިގްނަލެއް ރައީސް ނަޝީދު ދެއްވި އެވެ.

މިމައުޟޫގައި ވާހަކަ ދައްކަވަމުން ފައްޔާޒު ރޭ ވިދާޅުވީ އެމްޑީޕީ ބައިބައިނުވެ ހިފެހެއްޓޭތޯ ވަރަށް މަސައްކަތް ކުރެއްވި ކަމަށެވެ. ނަމަވެސް ރައީސް ނަޝީދާއި އެމަނިކުފާނަށް ތާއީދު ކުރައްވާ މެމްބަރުން އެމްޑީޕީ ދޫކޮށް ވަޑައިގެންނެވުމުން އެމްޑީޕީ އަށާއި ރައްޔިތުންނަށް ވެސް ވަރަށް ބޮޑެތި އަނިޔާތަކެއް ލިބުނު ކަމަށް ވިދާޅުވި އެވެ.

އެހެންނަމަވެސް ފައްޔާޒު ވިދާޅުވީ އަދިވެސް ގަބޫލު ކުރައްވަނީ އެމްޑީޕީއާއި ބަޔަކު ވަކިވެގެން ދިޔައީ "ޒާތީ" ވިސްނުމެއްގައި ކަމަށެވެ. ވަކިވެގެން ދިޔަ މީހުން އެމްޑީޕީއަށް ކޮށްދިން މަސައްކަތް ބަލައިނުގަނެވުނުކަމުގެ އިހުސާސް އެމީހުންނަށް ކުރެވުނީކަމަށް ވުން އެކަށީގެންވާ ކަމަށްވެސް ފައްޔާޒު ވިދާޅުވި އެވެ.

"ކޮންމެ ސަބަބަކާއި ހެދި ނަމަވެސް އެބޭފުޅުން ވަޑައިގެންނެވުމުން ވާނެ ގޮތް އޭރުވެސް ފެނުނު. ރައީސް ސާލިހާއި ރައީސް ނަޝީދު އެއްބަސްވެވަޑައިގަތުމުން އެކަން އެ ނިމުނީ،"

ރައީސް ޞާލިހު ވިދާޅުވި ގޮތުގައި 2028 ވަނަ އަހަރު އަލުން އެމްޑީޕީއަށް ވެރިކަން ލިބޭނީ ޑިމޮކްރެޓުން އެމްޑީޕީއާއި ބައިއަތު ހިފައިގެން ކަމަށެވެ. އެހެން ނޫންނަމަ އެމްޑީޕީއަށް ވެރިކަން ލިބުން އުނދަގޫ ވާނެކަމަށްވެސް ރައީސް ޞާލިހު ވިދާޅުވި އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!