މޫޑީސްއިން ފާހަގަކުރި ކަންކަމުން ސަރުކާރަށް އިތުބާރާއި ހިތްވަރު ލިބިއްޖެ: މިނިސްޓްރީ
ރާއްޖޭގެ ކްރެޑިޓް ރޭޓިންގް މުރާޖައާ ކުރުމަށްފަހު ކުރިންވެސް ދިން ރޭޓިންގް ދެމެހެއްޓުމަށް މޫޑީޒް އިން ނިންމި ނިންމުމުގައި ފާހަގަކުރި ކަންކަމުގެ ސަބަބުން ދިވެހި ސަރުކާރަށް އިތުބާރާއި ހިތްވަރު ލިބިއްޖެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
މޫޑީސްގެ އިއުލާނާއި ގުޅިގެން މިއަދު ނެރުނު ބަޔާނެއްގައި މިނިސްޓްރީން ބުނީ މޫޑީސްގެ އެސެސްމެންޓުގައި ފާހަގަކުރި ކަންކަމަކީ މި ހަފުތާގައި ވަޒީރުންގެ މަޖިލީހުން ފާސްކޮށްފައިވާ މާލީ އިސްލާހުތަކުގައި ހިމެނޭ ކަންކަން ކަމުގައިވާތީ އެއީ ސަރުކާރަށް ލިބުނު އިތުރު އިތުބާރަކާއި ހިތްވަރެއް ކަމަށެވެ. އަދި އެ އިސްލާހީ އެޖެންޑާގައި ހިމެނޭ ކަންކަމަކީ ދޭދޭ ގައުމުތަކާއި ގިނަ ގައުމުތައް ބައިވެރިވާ މާލީ އިދާރާތަކުން ރަނގަޅު ޝަރުތުތަކާއެކު ފައިސާ ހޯދުމަށް މަގުފަހިވެ، ދައުލަތުގެ ދަރަނީގެ ދެމެހެއްޓެނެވިކަން ކަށަވަރުވާނެ ކަމެއް ކަމަށްވެސް ފިނޭންސުން ބުންޏެވެ.
މޫޑީސް ގެ އެސެސްމެންޓުގައި ރާއްޖޭގެ އިގްތިޞާދީ މާލީ ކުރިމަގު އެއް މިންގަނޑެެއްގައި ހިފަހެއްޓޭނެކަން ފާހަގަކޮށްފައިވާކަމަށް މިނިސްޓްރީން ބުންޏެވެ. އަދި ރާއްޖޭގެ ދަރަނީގެ ޕްރޮފައިލަށް ހުރި ހިރާސްތައް ހުރީ ތިލަފަތް ހަމަގޮތެއްގައި މިހާރުގެ ރޭޓުގެ މިންގަނޑުތަކުގެ ތެރޭގައިކަން މޫޑީސްއިން ފާހަގަކޮށްފައިވާ ކަމަށްވެސް ބުންޏެވެ.
ކުރިއަށް އޮތް ތަނުގައި ފަތުރުވެރިކަން ކުރިއަރާނެކަމަށް ބެލެވޭތީއާއި، އިގުތިސާދު ފުޅާވާނެކަމަށް ލަފާކުރެވުމާއި، ޓެކުހަށް ގެނައި އިސްލާހުތަކާއެކު ދައުލަތުގެ އާމްދަނީ އިތުރުވެ އެކަމުގެ ސަބަބުން މާލީ އިސްލާހުތައް ގެނައުމަށް ފަސޭހަވާނެ ކަމަށް މޫޑީސްގެ އެސެސްމެންޓުގައި ބަޔާންކޮށްފައިވާކަމަށް މިނިސްޓްރީން ބުންޏެވެ.
އަދި ރާއްޖޭގެ މާލީ ހާލަތު ރަނގަޅުކުރެވި އިގުތިސާދު ސިންދަފާތުވެ، އިންސާނީ ވަސީލަތް ތަރައްގީކުރަން މިހާރަށްވުރެ ބޮޑަށް އިންވެސްޓުކުރެވޭނަމަ ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ކްރެޑިޓް ރޭޓިން މިހާރަށްވުރެ ރަނގަޅުވުމުގެ ފުރުސަތު އޮތްކަން މޫޑީސްގެ ރިޕޯޓުގައި ފާހަގަކޮށްފައިވާކަމަށް ބަޔާނުގައި ބުންޏެވެ.
މިނިސްޓްރީން ފާހަގަކުރި ގޮތުގައި މާލީ އިސްލާހުތައް ގެނައުމުގެ ޒަރޫރަތްތެރިކަން ސަރުކާރަށް ފާހަގަވެ، މާލީ ހަމަޖެހުން ކަށަވަރުކުރުމަށް ސަރުކާރުން ފިޔަވަޅުތަކެއް އަޅަމުންދެ އެވެ.
މިހަފްތާގެ ތެރޭގައި ސަރުކާރުން ވަނީ ހަރަދު ކުޑަކުރަން އަޅާނެ ފިޔަވަޅުތަކާއި ގުޅޭގޮތުން މައުލޫމާތު ދީފަ އެވެ. އެގޮތުން ސިޔާސީ މުވައްޒަފުންގެ ތެރެއިން މަސައްކަތުގެ ފެންވަރު ދަށް މީހުން ވަކިކުރަން ނިންމާފައިވާ ކަން ސަރުކާރުން ހާމަކުރި އެވެ. ޓެކްސްގެ އަގުތަކަށްވެސް ސަރުކާރުން ބަދަލު ގެންނަން ވަނީ ނިންމައިފަ އެވެ.