ޚަބަރު

ޖަމީލު ނިޔާވީ ސަޖިދާގައި އޮއްވައި، ޕޯސްޓްމޯޓަމް ހަދަނީ

އަލީ ސަމާޙް ، ދެން އޮންލައިން
މާފުށީ ޖަލު

މިއަދު މާފުށީ ޖަލުގައި މުހައްމަދު ޖަމީލު (45އ)، ށ. ފުނަދޫ, ނިޔާވީ ނަމާދުކުރަން ސަޖިދާގައި އޮއްވާ ކަމަށާއި، އޭނާ މަރުވި ގޮތް ބަލަން ޕޯސްޓްމޯޓަމް ހަދަން ނިންމާފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިރޭ ވިދާޅުވެއްޖެ އެވެ.

Ads by Hajj Corporation

މިނިސްޓަރުގެ ރަސްމީ އެކައުންޓުން 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސިސީޓީވީ ފޫޓޭޖުން ދައްކާ ގޮތުން ޖަމީލުގެ ފަހު ވަގުތު ހޭދަކުރީ ނަމާދުގައި ކަމަށެވެ.

"ސީސީޓިވީ ފޫޓޭޖުން ދައްކާ ގޮތުން ޖަމީލު ނިޔާވެފައި އޮއްވާ ފެނުނީ މިއަދު ހެނދުނު ގޮޅީގައި ނަމާދުކުރަން ސަޖިދާގައި އޮއްވާ" އިނގިރޭސި ބަހުން މިނިސްޓަރު ކުރެއްވި ޓްވީޓްގައި ވިދާޅުވި އެވެ.

އިހުސާން ވިދާޅުވީ, މި މަރާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަން ފުލުހުންނަށް އަންގާފައިވާ ކަމަށެވެ. އަދި އެޗްއާރުސީއެމްއިން ވެސް އެ މައްސަލައިގެ އަމިއްލަ ތަޙްޤީޤެއް ކުރުމުގެ ފުރުސަތު ދޭނެ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ, އެ މައްސަލަ ބަލަން ބޭނުންވާ އިދާރާތަކަށް ފުލުހުންގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ. އަދި ސީސީޓީވީ ފުޓޭޖާއި އިތުރު ރިސޯސެސް ވެސް ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދެއްވި އެވެ.

ޖަމީލު ނިޔާވެފައި އޮއްވާ ނަގާފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި ދައުރުވެއެވެ. އެ ފޮޓޯއިން ފެންނަ ގޮތުން އޭނާގެ މޫނު އެކި ތަންތަން ވަނީ ލޭފާ ގެންފައެވެ. ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި އޭނާ މަރުވީ ޖަލުގައި ދިން އަނިިޔާގެ ސަބަބުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!