ކުޅިވަރު ފުޓްބޯޅަ

ހުރިހާ ހަތިޔާރެއް ފަށާތަނުން ބޭނުން ނުކުރާނެ، ދެވަނަ ބުރުން ނަތީޖާ ރަނގަޅުވާނެ: ސައުތުގޭޓް

ސްޕޯޓްސް ޓީމް ، ދެން އޮންލައިން

ފަށާތަނުން އަތުގައި ހުރި ހުރިހާ ހަތިޔާރެއް އެއްވެސް މީހަކު ބޭނުން ނުކުރާނެކަމަށާއި، ކުރިއަށް ދެވަނަ ބުރުން ފެށިގެން ނަތީޖާ ރަނގަޅުވާނެކަމަށް އިންގްލެންޑުގެ ކޯޗު ގެރީ ސައުތުގޭޓް ބުނެފިއެވެ.

Ads by STELCO

ޔޫރޯ 2024 ގެ ގްރޫޕް ސްޓޭޖުގެ ކުޅުންނިމި ނޮކްއައުޓް ބުރުގައި ސްލޮވާކިއާއާ ދެކޮޅަށް މިރޭ ކުޅޭ މެޗުގެ ކުރިން މީޑިއާއާ ވާހަަކަދައްކަމުން ސަަައުތުގޭޓް ބުނީ އެ ޓިމުން ފުރަތަމަ ބުރުގައި ނެރެވުނު ނަތީޖާގެ ސަބަބުން ގިނަ ބަޔަކު އެ ޓީމަށް ފާޑުކިޔާކަމަށެވެ.

އެހެންނަމަވެސް އެ ޓީމުގެ ކުޅުން އެ ސަޕޯޓަރުން ހީކުރާހާ ދަށެއް ނޫންކަމަށް ސައުތުގޭޓް ބުންޏެވެ. އޭނާ ބުނީ ފުރަތަމަ ބުރުގައި ނަތީޖާ ދަށްނަމަވެސް ދެވަނަ ބުރުން ފެށިގެން އެ ޓީމުގެ ކުޅުން ރަނގަޅުވާނެކަމަށް ވެސް ސައުތުގޭޓް ބުންޏެވެ.

ސަޕޯޓަރުން ޓީމަށާއި އޭނާއަށް ކިތަންމެ ވަރަކަށް ފާޑުކީ ނަމަވެސް އެކަމާމެދު އެއްވެސް ފަރުވާލެއް ނެތްކަމަށް އޭނާ ބުންޏެވެ. އޭނާ ބުނީ އެ ޓީމު ގްރޫޕް ސްޓޭޖުގައި ދެއްކުނު ކުޅުން ކަމުނުގޮސްގެން ގިނަ ސަޕޯޓަރުން ފާޑުކިޔާކަން އޭނާއަށް އެނގޭކަމަށެވެ.

އޭނާ ބުނީ އޭނާއަށް އިންގްލެންޑުގެ ކޯޗުގެ މަގާމުގައި ގިނަ ދުވަސްތަކެއް ހޭދަކުރެވުނު ކަމަށެވެ. އެހެންކަމުން ސަޕޯޓަރުން ކިޔާ އެއްޗިއްސަށް ޖަވާބުދޭން އޭނާއަށް އެނގޭކަމަށް ވެސް ސައުތުގޭޓް ބުންޏެވެ.

ވަރުގަދަ ސްކޮޑެއް އޮތް އިންގްލެންޑު ދެވަނަ ބުރަށް ދިޔައީ ތިން މެޗު ކުޅެ އެންމެ މެޗަކުން މޮޅުވެގެންނެވެ. އަނެއް ދެ މެޗުން އެ ޓީމު ވީ އެއްވަރެވެ. ގްރޫޕް ސްޓޭޖުގައި އެ ޓީމަށް ޖެހުނީ އެންމެ ދެ ގޯލެވެ.

އިންގްލެންޑާއި ސްލޮވާކިއާ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމެއް ކުއާޓާފައިނަލަށް ދެވޭއިރު، ކުއާޓާގައި މޮޅުވާ ޓީމު ބައްދަލުކުރަން ޖެހޭނީ ދެވަނަ ބުރުގެ ފުރަތަމަ މެޗު ކާމިޔާބުކުރި ސްވިޒަލެންޑާއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!