ޚަބަރު ސިޔާސީ

ސަމޯއާ އަށް ރާއްޖެއިން އެއްބަސްވާއިރު އެބޯޝަނާއި ދީނީ މިނިވަންކަން ދޭން އޭގައި އެބައޮތް

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ނިމިދިޔަ އަހަރު ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ބައިނަލްއަގްވާމީ އެއްބަސްވުމެއް ކަމަށްވާ އޯގަނައިޒޭޝަން އޮފް އެފްރިކަން، ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯއޭސީޕީއެސް)ގެ "ސަމޯއާ އެގްރީމަންޓް" ގައި ބައިވެރިވާން ދިވެހި ސަރުކާރުން ނިންމާފައިވާއިރު އޭގައި އިސްލާމީ ހަމަތަކާއި ހިލާފު އެތައް ކަމެއް ހިމެނޭތީ އެސްޓީއޯގެ ކުރީގެ މެނޭޖިންގް ޑިރެކްޓަރު ހުސައިން އަމްރު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

Ads by MWSC

ސަމޯއާ އެގްރީމެންޓުގައި ބައިވެރިވާން އިއްޔެ މަޖިލީހުން ރުހުން ދީފައި ވެއެވެ. މިގޮތަށް ފާސްކުރީ މަޖިލީހުގެ 84 މެމްބަރުންގެ އިއްތިފާގުންނެވެ. ރާއްޖެއިން މިގޮތަށް އެއްބަސްވާން ނިންމީ ދިވެހިރާއްޖެއިން ބޭރަށް އެކްސްޕޯޓުކުރާ ކަނޑުމަހުގެ އެކި ބާވަތްތަކަށް ރަނގަޅު އަގެއް ހޯދުމަށް އިތުރު ދޮރުތަކެއް ހުޅުވުމަށް ހުޅުވުމަށެވެ.

އެހެންނަމަވެސް މި އެއްބަސްވުމުގައި ހަ ދާއިރާއަކަށް ބިނާވެފައިވާ ގާނޫނީ އޮނިގަނޑު ހާމަކޮށްފައި ވެއެވެ. އެއީ ހިއުމަން ރައިޓްސް އެންޑް ޑިމޮކްރަސީ، ޕީސް އެންޑް ސެކިއުރިޓީ، ޑިވެލޮޕްމަންޓް، އިކޮނޮމިކް ގްރޯތު، ކްލައިމެޓް ޗޭންޖް އަދި މައިގްރޭޝަން އެންޑް މޮބިލިޓީ އެވެ.

މީގެ ތެރެއިން ހިއުމަން ރައިޓްސް އެންޑް ޑިމޮކްރަސީގެ ދަށުން އެއް ޖިންސުން ގުޅުން ހިންގަން ފުރުސަތު ދިނުމާއި. އެބޯޝަން ހެދުމުގެ ހުއްދަ ދިނުމުގެ އިތުރުން ދީނީ މިނިވަންކަން ދިނުންވެސް ސަމޯއާ އެގްރީމެންޓުގައި ވަނީ ހިމަނައިފަ އެވެ. މިކަންކަމަށް ރިއާޔަތްކޮށް އަމްރު ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

"މަޖިލީހަށް ހުށަހެޅޭ ބިލުތައް މެމްބަރުން ކިޔާނުލާތީ ހިތާމަކުރަން. މީ އަޅުގަނޑުގެވެސް ގައުމު. މިގައުމުގަ އެއްޖިންސުން ގުޅުން ހިންގަން ހުއްދަ އޮންނާކަށް ނޭދެން" އަމްރު ވިދާޅުވި އެވެ.

އަމްރު ވިދާޅުވި ގޮތުގައި ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމަށް އެފްރިކާގެ ބޮޑެތި ގިނަ ގައުމުތަކުންވެސް ދަނީ ދެކޮޅު ހަދަމުންނެވެ.

މި އެގްރީމެންޓާއި ގުޅިގެން ދިވެހި ސަރުކާރުން ބުނެފައިވަނީ މީގައި ބައިވެރިވެ އޯއޭސީޕީއެސް ގެ ފުރިހަމަ މެންބަރަކަށްވުމުން ޔޫރަޕްގެ އިއްތިހާދުން އެކި ދާއިރާތަކުން ފަހިކޮށްދޭ ފުރުސަތުތައް ރާއްޖެއަށް ލިބުމުގައި ފަސޭހަ އިންތިޒާމްތަކެއް ހަމަޖެހިގެންދާނެ ކަމަށެވެ. އަދި ރާއްޖެއިން މިއެއްބަސްވުމުގައި ބައިވެރިވުމުގެ ހަމައެކަނި މަގްސަދަކީ އެއީކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.

Ads by Ooredoo