މިއަހަރުގެ ފުރަތަމަ ކުއާޓާގައި ގައުމީ އުފެއްދުންތެރިކަން އިތުރުވެއްޖެ
މިއަހަރުގެ ފުރަތަމަ ކުއާޓާގެ ގައުމީ އުފެއްދުންތެރިކަމުގެ މިންގަނޑު ނުތަވަ ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓް (ޖީޑީޕީ) މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު އިތުރުވެއްޖެ އެވެ.
ގައުމީ އުފެއްދުންތެރިކަމުގެ މިންގަނޑަކީ (ޖީޑީޕީއަކީ) ގައުމެއްގައި އުފެއްދޭ ތަކެއްޗާއި ދެވޭ ހިދުމަތްތަކުގެ ޖުމްލަ އަގެވެ. ޖީޑީޕީއަކީ ގައުމެއް ކުރިއަރާ މިންވަރު ދެނެގަންނަން އެންމެ އާއްމުގޮތެއްގައި ބޭނުންކުރާ އެއް އިންޑިކޭޓަރެވެ.
ކުއާޓާލީ ޖީޑީޕީ ހާމަކުރަނީ ކޮންމެ ކުއާޓާއެއް ނިމޭތާ ތިން މަސް ދުވަސް ތެރޭގައި ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްއިންނެވެ.
މޯލްޑްވްސް ބިއުރޯ އޮފް ސްޓެޓިސްޓްކްސް އިން އަންދާޒާކޮށްފައިވާ މިއަހަރުގެ ފުރަތަމަ ކުއާޓާގެ ޖީޑީޕީ އަކީ 27,363 މިލިއަން ރުފިޔާ އެވެ.
މިއީ 2023 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާއަށް ވުރެން 2,444 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. އަދި 2023 ވަނަ އަހަރުގެ ފަހު ކުއާޓާއާ އަޅާބަލާއިރު 2,208 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
މިއަހަރުގެ ފުރަތަމަ ކުއާޓާރގެ ޖީޑީޕީން ދައްކުވާދޭ ގޮތުގައި އެކުއާޓާގެ އިގްތިސާދީ ދުވެލި ވަނީ 8.8 އިންސައްތައިން ކުރިއަރާފަ އެވެ. އެއީ 2023 ވަނަ އަހަރުގެ ފަހު ކުއާޓާ އަޅާ ބަލައިރުއެވެ. އަދި 2023 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާ އަޅާ ބަލާއިރު މި އަހަރުގެ ފުރަތަމަ ކުއާޓާގެ އިގްތިސާދީ ދުވެލި ވަނީ 9.8 އިންސައްތަ އިތުރުވެފަ އެވެ.
މި ކުރިއެރުމަށް އެންމެ ބޮޑު ހިއްސާއެއް ކޮށްފައިވަނީ ފަތުރުވެރިކަމުގެ ދާއިރާއިންނެވެ. އެއީ 2.3 އިންސައްތަ އެވެ.
ދެވަނައަށް އެންމެ ބޮޑު ހިއްސާއެއް ކޮށްފައިވަނީ ދަތުރުފަތުރު, ޕޯސްޓް އާއި މުވާޞަލާތީ ޚިދުމަތްތަކުގެ ދާއިރާއިންނެވެ. އެއީ 2.1 އިންސައްތައިންނެވެ.