ކުޅިވަރު ފުޓްބޯޅަ

ކުރީ މެޗުތަކުން ފިލާވަޅު ހޯދައިގެން މި ނިކުންނަނީ މޮޅުވާން: ކޫމަން

ސްޕޯޓްސް ޓީމް ، ދެން އޮންލައިން

ޔޫރޯ ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗުތަކުން ފިލާވަޅު ހޯދައިގެން މިރޭ ރުމޭނިއާއާ ދޮކޮޅަށް ނެދަލެންޑްސްއިން ނިކުންނާނީ މޮޅުވާންކަމަށް އެ ޓީމުގެ ކޯޗު ރޮނާލް ކޫމަން ބުނެފިއެވެ.

Ads by Hajj Corporation

ޔޫރޯ 2024 ގެ ގްރޫޕް ސްޓޭޖުގެ ކުޅުން ނިމި ދެވަނަ ބުރުގައި މިރޭ ރުމޭނިއާއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން މީޑިއާއާ ވާހަކަދައްކަމުން ކޫމަން ބުނީ ގްރޫޕް ސްޓޭޖުގައި އެ ޓީމު ކުޅުނު ތިން މެޗުން ވެސް ގިނަ ކަންތައްތަކެއް ދަސްވިކަމަށެވެ.

ޔޫރޯ ގްރޫޕްސްޓޭޖުގައި އެ ޓީމު ހިމެނިފައިވަނީ ފްރާންސްއާއި އޮސްޓްރީއާއާއި، ޕޮލެންޑާއެކުއެވެ. އޭގެތެރެއިން ފުރަތަމަ މެޗުގައި އެ ޓީމުން ޕޮލެންޑު ބަލިކުރިއިރު ދެވަނަ މެޗުގައި ފްރާންސްއާ ވީއެއްވަރެވެ. އަދި އޮސްޓްރިއާ އަތުން ނެދަލެންޑްސް ވީ ބައްޔެވެ. އެ ޓީމު ދެވަނަ ބުރަށް ދިޔައީ ތިންވަނަ ޓީމުގެ ގޮތުގައެވެ.

އެހެންކަމުން ގިނަ ބަޔަކު ކޫމަންއަށާއި ނެދަލެންޑްސް ޓީމަށް ވަނީ ފާޑުކިޔައިފައެވެ. އެ ފާޑުކިޔުންތަކަށް ރައްދުދީ ކޫމަން ބުނީ ގްރޫޕް ސްޓޭޖުގައި ކޮންމެ ނަތީޖާއެއް ނިކުތް ނަމަވެސް އަދި ހާސްވެގެން އުޅޭކަށްނުވާ ކަމަށެވެ.

އޭނާ ބުނީ އެ ޓީމަށް އެ މެޗުތަކުގައި ހެދުނު ގޯސްތައް ރަނގަޅުކޮށްގެން މިރޭ ނިކުންނާނީ ހަމަޖެހިގެން މެޗުން މޮޅުވާންކަމަށެވެ.

އެ މެޗުތަކުގައި އެ ޓީމަށް އެންމެ އެދެވޭ ކުޅުމެއް ނުދެއްކުނީ ޓީމުގެ ކުޅުންތެރިންގެ މެދުގައި ވާހަކަ ދައްކަންޖެހޭވަރަށް ވާހަކަ ނުދެއްކުމުގެ ސަބަބުންކަމަށެވެ. އެހެންނަމަވެސް މިރޭ އެކަން އެ ޓީމުން ރަނގަޅުކުރާނެކަމަށް ވެސް ކޫމަން ބުންޏެވެ.

ދެވަނަ ބުރުގަައި ނެދަލެންޑްސްއާއި ރުމޭނިއާ ބައްދަލުކުރާ މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 9:00 ގައެވެ. އެ މެޗުން މޮޅުވާ ޓީމެއް ކުއާޓާގައި ވާދަކުރަން ޖެހޭނީ، ދެވަނަ ބުރުގައި އޮސްޓްރިއާއާއި ތުރުކީ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!