މެންބަރަކަށް ވުމާއެކު މާލީ ބަޔާން ހާމަކުރާ ގޮތަށް ގަވާއިދު ބަދަލުކުރަނީ
ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް އިންތިހާބު ވުމަށް ފަހު ވެސް މާލީ ބަޔާން މަޖިލީހަށް ހިއްސާކުރަން ޖެހޭ ގޮތަށް އަދި ހާމަކުރަން ޖެހޭ މަޖިލީހުގެ ގަވާއިދު އިސްލާހު ކުރުމަށް ރިއާޔަތްކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ ގަވާއިދު މިހާރު އޮންނަ ގޮތުން މެންބަރަކު މާލީ ބަޔާން ހުށަހަޅައި ހާމަކުރުން އޮންނަނީ މަގާމާ ހަވާލުވާތާ އަހަރު ދުވަސް ފުރުމުން އެ އަހަރު ދުވަހުގެ މާލީ ހިސާބުތައް ދޭން ޖެހޭ ގޮތަށެވެ. އެ އުސޫލު މުޅިން ރަނގަޅު ނޫން ކަމަށް ބުނެ ސޯޝަލް މީޑިއާގައި މީހުން ދަނީ ހިޔާލު ފާޅުކުރަމުންނެވެ.
އެ ގޮތަށް އެކްސްގައި މީހަކު ކުރި ޕޯސްޓަކަށް ޖަވާބު ދެއްވަމުން ނާޒިމް ވިދާޅުވީ، ވެރިކަންކުރާ ޕީއެންސީގެ މެޖޯރިޓީން ހިންގާ ވިހިވަނަ މަޖިލީހުގެ ގަވާއިދު އެކުލަވައިލުމުގެ މަސައްކަތް ކުރަމުން ދާއިރު އެ މައްސަލައަށް ރިއާޔަތް ކުރައްވާނެ ކަމަށެވެ.
"މެންބަރަކަށްވީ ދުވަހު އަތުގައި އޮތް އެއްޗަކާއި، ދައުރު ނިމޭ އިރު އަތުގައި އޮތް އެއްޗެއް ރައްޔިތުންނަށް އެނގުމަކީ އަޅުގަނޑު ގަބޫލުކުރާ އުސޫލު،" ނާޒިމް ވިދާޅުވި އެވެ.
ނަވާރަވަނަ މަޖިލީހުން ފެށިގެން އުސޫލަކީ ކޮންމެ އަހަރަކު ނިމުމުން މެންބަރުގެ މާލީ ހިސާބުތައް ދިނުމެވެ. އަދި މަޖިލީހުގެ ވެބްސައިޓުގައި އޭގެ ލިޔެކިޔުން ޝާއިއުކުރި އެވެ. މިހާތަނަށް ހަތަރު މާލީ ބަޔާން ޝާއިއުކުރި އިރު ނިމިދިޔަ މަޖިލީހުގެ މެންބަރުންގެ ފަސްވަނަ އަހަރުގެ މާލީ ބަޔާން ހުށަހަޅަން ޖެހޭނީ އަންނަ އޮގަސްޓަށެވެ.
އޭގެ ކުރީގެ މަޖިލިސްތަކުގައި މެންބަރުންގެ މާލީ ބަޔާން މަޖިލީހުގެ ވެބްސައިޓުގައި އާންމެއް ނުކުރެ އެވެ.