ޖޭއެސްސީއަށް ދަށު ކޯޓުތަކުން ކަނޑައަޅާ މެމްބަރު އިލެކްޓްރޯނިކް ނިޒާމަކުން ހޮވަނީ
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން ކަނޑައަޅާ މެމްބަރު ހޮވަން އިންތިހާބު ބާއްވާނީ އިލެކްޓްރޯނިކް ނިޒާމެއް މެދުވެރިކޮށް ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނެފި އެވެ.
ޑީޖޭއޭއިން ނެރުނު "ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން ޖުޑީޝަލް ސާވިސް ކޮމިޝަނަށް އިންތިހާބުކުރާ ފަނޑިޔާރު ހޮވުމަށް ބާއްވާ އިންތިހާބާ ގުޅޭ އުސޫލު" ގައި ވަނީ ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން ޖޭއެސްސީއަށް އިންތިހާބުކުރާ ފަނޑިޔާރު ހޮވުމަށް ބާއްވާ އިންތިހާބު ބާއްވާނީ ޑީޖޭއޭއިން ކަނޑައަޅާ އިލެކްޓްރޯނިކް ނިޒާމެއް މެދުވެރިކޮށް ކަމަށެވެ.
ޑީޖޭއޭއިން ބުނީ އިލެކްޓްރޯނިކް ނިޒާމުގެ ތެރެއިން ވޯޓުލުމަށް ބޭނުންވާ އިރުޝާދާއި ވޯޓުލުން ކުރިއަށްދާނެ ގޮތުގެ މައުލޫމާތު، އުސޫލުގެ ދަށުން ބާއްވާ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ ފަނޑިޔާރުންގެ ރަޖިސްޓްރީގައި ހިމެނޭ އެންމެހާ ފަނޑިޔާރުންނަށް އެ އެޑްމިނިސްޓްރޭޝަނުން ފޯރުކޮށްދޭނެ ކަމަށެވެ. އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ ފަނޑިޔާރަކަށް ލެވޭނީ ކުރިމަތިލާފައިވާ ފަނޑިޔާރުންގެ ތެރެއިން ކޮންމެވެސް އެއް ފަނޑިޔާރަކަށް އެއް ވޯޓު ކަމަށް ޑީޖޭއޭއިން ބުނެ އެވެ.
އުސޫލުގައި ވަނީ އިންތިހާބާ ގުޅޭ ކަންކަން ހިންގައި ބަލަހައްޓާނީ ޑީޖޭއޭއިން ކަނޑައަޅާ ފަސް މެމްބަރުންގެ މައްޗަށް ހިމެނޭ އިންތިހާބާބެހޭ ކޮމިޓީން ކަމަށެވެ. އިންތިހާބުގެ އެންމެހާ ކަންތައްތައް ކުރިއަށް ދަނީ އުސޫލުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން ކަމަށާއި ޑީޖޭއޭ ކަނޑައަޅާ އިލެކްޓްރޯނިކް ނިޒާމަކީ އިތުބާރުހިފޭ އަދި ވޯޓުގެ ސިއްރު ހިފެހެއްޓޭނެ ވޯޓުލާ ނިޒާމެއްކަން އިންތިހާބާބެހޭ ކޮމިޓީން ކަށަވަރު ކުރަން ވާނެ ކަމަށެވެ.
މި އިންތިހާބު މީގެކުރިން ބާއްވަމުން އައީ މާލެ އާއި އަތޮޅުތަކުގެ ވެރިކަން ކުރާ ރަށްތަކުގައި ވޯޓު ފޮށި ބަހައްޓައިގެންނެވެ. އެހެންނަމަވެސް އަލަށް އެކުލަވާލައި ނެރުނު އުސޫލާ އެކު، 2019 ވަނަ އަހަރު އޮތް އިންތިހާބަށް ނެރުނު އުސޫލު ވަނީ އުވާލާފަ އެވެ.