ޚަބަރު ރައްޔިތުންގެ މަޖިލިސް

ގަވަރުނަރު މާދަމާ މާލިއްޔަތު ކޮމިޓީއަށް ހާޒިރު ކުރަނީ

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަލީ ހާޝިމް މާދަމާ، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފި އެވެ.

Ads by Hajj Corporation

މާލިއްޔަތު ކޮމިޓީގެ ބައްދަލުވުން ބާއްވަން ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 11:00 ގަ އެވެ. އެ ބައްދަލުވުމުގައި ހާޝިމްގެ އިތުރުން ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދާއި އެސިސްޓަންޓް ގަވަރުނަރު އިދުހާމް ހުސެއިން ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.

މީގެ އިތުރުން ޓެކްސް ކޮމިޝަނަރު ހަސަން ޒަރީރާއި އޮޑިޓަ ޖެނެރަލް ހުސެއިން ނިޔާޒީ ވެސް މާދަމާ ކޮމިޓީ އަށް ހާޒިރު ކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ހާޝިމް ކޮމިޓީއަށް ހާޒިރު ކުރާއިރު ގަވަރުނަރުގެ މަގާމުން ހާޝިމް ދުރުކުރުމުގެ މަސައްކަތް މާލިއްޔަތު ކޮމިޓީން ވަނީ ފަށައިފަ އެވެ. އެ މައްސަލަ އިސްވެ، ކޮމިޓީ އަށް ހުށަހެޅުއްވީ މަޖިލިހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމެވެ.

ނާޒިމް ވިދާޅުވި ގޮތުގައި ގައުމުގެ އިގްތިސޯދު ހީނަރުވެ، އަލުން އަނބުރާ އިޔާދަ ކުރަން އުނދަގޫ ހިސާބަކަށް ގައުމުގެ އިގްތިސޯދު ނިކަމެތިވެގެން ދިޔައިރު،، އެމްއެމްއޭގެ ގާނޫނުގައި ބަޔާން ކުރާ މަގްސަދުތައް ހާސިލް ކުރެވިފައެއް ނެތެވެ. އަދި ސަރުކާރަށް އިޤްތިޞާދީ ލަފާ ދިނުމާއި މަނިޓަރީ ޕޮލިސީވެސް އޭގެ އެންމެ އެކަށޭނެ ގޮތުގައި ހިނގަމުންދާ ކަމަށް ގަބޫލު ނުކުރައްވާކަމަށް ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ތުހުމަތު ކުރެއްވި ގޮތުގައި ރާއްޖޭގައި ހިންގާ ބޭންކްތަކާއި ފައިނޭންޝިއަލް އިންސްޓިއުޓްތަކުން އާއްމުންނަށް ލޯނު ދޫކުރާ މިންވަރު ނުސީދާކޮަށް ހިފަހައްޓާ، ބެންކްތަކުގެ ރިޒާވް، އެމްއެމްއޭގައި ބެހެއްޓުމަށް ގަވަރުނަރު ވަނީ ބާރު އަޅުއްވައިފަ އެވެ. ނާޒިމް ވިދާޅުވީ މިގޮތަށް އަމަލު ކުރުމުގެ ސަބަބުން އިގްތިސޯދު ތެރޭގައި ދައުރުވަމުންދާ ފައިސާ މަދުވެ، އިގްތިސޯދީ މަސައްކަތްތައް ހުއްޓި، ގައުމުގެ އިގްތިސޯދުގެ ދުވެލި މަޑުޖެހިފައިވާ ކަމަށެވެ.

އަލީ ހާޝިމް، އެމްއެމްއޭގެ ގަވަރުނަރަކަށް އައްޔަން ކުރީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުގައި ސެޕްޓެމްބަރު 2019 ގަ އެވެ. އޭނާ ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ފިނޭންސް މިނިސްޓަރުކަން ކުރައްވައިފަ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!