މިއީ ހިތްވަރު ދޭންވީ ވަގުތެވެ! އެކަކު އަނެކަކަށް ހަޖޫޖަހައި ކުޑައިމީސް ބަސް ރައްދު ނުކުރާށެވެ.

އާނއެކެވެ. ދިވެހި ޓީމު ބަލިވީއެވެ. މުބާރާތުން ކެޓީއެވެ. އަމިއްލަ ވަޒަނުގައި އިންޑިއާގެ އަތްދަށުވެ ސަޕޯޓަރުން މާޔޫސްވެއްޖެއެވެ. މުބާރާތުގައި ލިބުނު ހަ ޕޮއިންޓާ އެކު މުބާރާތް ދިވެހި ގައުމަށް ނިމުނީއެވެ. ފުޓްބޯޅައިގެ ޢީދަށް ވެސް ނިމުން އައީއެވެ. ހިތްދަތި ރެއެކެވެ. ހިތާމައިގެ ކޮޅެއް ނެތެވެ.
މެޗުން ބަލިވެ މުބާރާތުން އަލްވަދާޢުކިޔަން ޖެހުމާ އެކު “ބައެއް” ސަޕޯޓަރުން މީސް މީޑިއާގައި ފެތުރިގަތީ ލަދުވެތި ގޮތަކަށެވެ. އެއް ބަޔަކު ބުނާތީ އަހަމެވެ. ވަކި މީހަކު ދަނޑަށް ވަދެ ޓީމު ބަލިކޮށްލީއެވެ. އަނެއް ބަޔަކު ޓީމުގެ ކުޅުންތެރިންނަށް ހަޖޫޖަހަން ފެށިއެވެ.
ގޭގެ ސިޓިންގ ރޫމުގަޔާއި ކޮފީ މޭޒުތަކުގައި ތިބެގެން ކޮންމެ އެއްޗެއް ވެސް ލިޔެވިދާނެއެވެ. ބަލިވީމަ ހަޖޫ ޖަހަމުންދާ “ގިނަ” މީހުންނަކީ ލަންކާ އަދި ބަންގާޅު އަތުން ދިވެހި ގައުމީ ޓީމު ހޯދި ކާމިޔާބަށް ފަޚުރުވެރިވެ އުފާފާޅުކޮށް ނަށާ ހެދި މީހުންނެވެ.
[caption id="attachment_119407" align="alignnone" width="300"]<img class="size-medium wp-image-119407" src="https://cdn.dhen.mv/wp-content/uploads/2021/10/photo_2021-10-10-13.45.42-300x200.jpeg" alt="" width="300" height="200" /> ފޮޓޯ/ވަގުތު[/caption]
ކޮން ފަދަ އިންސާފެއްތޯއެވެ. މޮޅުވީމަ އެވަރުނެތިގެން އުޅުނެވެ. ބަލިވުމުން “ހޯއް”ލައްވަނީއެވެ. ބިނާކުރުވަނިވި ފާޑު ކިޔުމުގެ ބަދަލުގައި ދައްކަނީ ހަސަދަވެރިން ދައްކާ ކަހަލަ ވާހަކައެވެ.
ދިވެހި ޓީމު މިރޭގައި ބަލިވީ ވަކި މީހަކު ދަނޑަށް ވަދެގެން ނުވަތަ ވަކި މީހަކާ ހެދިއެއް ނޫނެވެ. ޓީމަށް މިރޭ ނުކުޅެވުނީއެވެ. ދިވެހި ޓީމަށް ވުރެ އިންޑިއާ މޮޅީއެވެ. ތާރީޚަށް ބަލާއިރު ވެސް ދިވެހި ޓީމަށް އިންޑިއާ އަތުން މޮޅުވެފައި ވަނީ މަދު ފަހަރަކުއެވެ. އިންޑިއާއަކީ އަބަދުވެސް މި ސަރަޙައްދުގެ އެންމެ ގަދަ ބާރެވެ.
[caption id="attachment_120211" align="alignnone" width="240"]<img class="size-medium wp-image-120211" src="https://cdn.dhen.mv/wp-content/uploads/2021/10/93E278F0-4027-4607-975F-5153CAFE324A-240x300.jpeg" alt="" width="240" height="300" /> ފޮޓޯ: އަދަދު[/caption]
ފުޓްބޯޅައަކީ ބައްޔާއި މޮޅުވުން ހިމެނޭ ކުޅިވަރެކެވެ. އެންމެނަކު އަބަދަކު މޮޅެއް ނުވާނެއެވެ. އެންމެން އަބަދު ބަލިނުވާނެކަން މި މުބާރާތުގައި ނޭޕާލް އެ ދަނީ ދައްކަމުންނެވެ.
ދުނިޔޭގެ މަތީ ފަންތީގެ ފުޓްބޯޅައިގެ ހަގީގަތަކީ ވެސް މިއެވެ. އަބަދު ރިއަލް މެޑްރިޑް މޮޅެއް ނުވެއެވެ. އަބަދަކު ބާސެލޯނާ ވެސް މޮޅެއް ނުވެއެވެ. ރޮނާލްޑޯއާއި މެސީ ކުޅޭ ކޮންމެ މެޗެއް ކާމިޔާބެއް ވެސް ނުވެއެވެ. އެންމެ ފަހުގެ ދުނިޔޭގެ ޗެމްޕިއަންއަކީ ފްރާންސެވެ. ޔޫރޯގައި ހަމަ އެ ފްރާންސް ވާދަކުރިއެވެ. ނަމަވެސް ފައިނަލްގައި ކުޅުނީ އިޓަލީ އަދި އިނގެރޭސީންނެވެ. މޮޅުވީ އިޓަލީއެވެ. މިދިޔަ ހަފްތާގައި ނޭޝަންސް ލީގު ކާމިޔާބުކުރީ އަނެއްކާ ވެސް ފްރާންސެވެ.
[caption id="attachment_120209" align="aligncenter" width="240"]<img class="size-medium wp-image-120209" src="https://cdn.dhen.mv/wp-content/uploads/2021/10/BF9EFA7A-8147-4322-AA5F-EF7841F5DFFF-240x300.jpeg" alt="" width="240" height="300" /> ފޮޓޯ: އަދަދު[/caption]
މި ޓީމުތަކާއި ކުލަބުތައް ބަލިވީމަ ހިތްވަރުދޭ މީހުން ދިވެހި ގައުމީ ޓީމު ބަލިވީމަ ހަޖޫޖަހަން ވީ ސަބަބެއް ނުވިސްނެއެވެ.
ދިވެހި ކުޅުންތެރިން ކުރި ހިތްވަރަށް ސާބަސް ދޭށެވެ. ހިތްވަރު ދޭށެވެ. ޓީމު ބަލިވުމުން އެންމެ ދެރަ ވާނީ އެ ކުޅުންތެރިންނެވެ. މިއީ އެމީހުންނަށް މަލާމަތްކުރަންވީ ވަގުތެއް ނޫނެވެ.







ކޮމެންޓް