ބޮޑު ފިނޮޅު ކުއްޔަށް ދިނުމަކީ ފަސާދައަށް ހުޅުވޭ ދޮރެއް: އަތޮޅު ކައުންސިލް
ވ. ބޮޑު ފިނޮޅު ކުއްޔަށް ދިނުމަކީ ހަމަނުޖެހުމާއި ފަސާދައަށް ހުޅުވިގެންދާ ދޮރަކަށްވުމުގެ ފުރުސަތު ބޮޑު ކަމެއް ކަމަށާއި އެފަދަ ކަމެއް ހިނގުމަކީ އެ ކައުންސިލުން އެދޭ ގޮތެއް ނޫން ކަމަށް ފެލިދެ އަތޮޅު ކައުންސިލުން ބުނެފި އެވެ.
ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލަށް ވ. އަތޮޅު ކައުންސިލުން މިއަދު ފޮނުވި ސިޓީއެއްގައި ބުނީ ބޮޑު ފިނޮޅު ކުއްޔަށް ދިނުމަށް ޓޫރިޒަމް މިނިސްޓްރީން އިއުލާނުކޮށްފައި ވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައިވާ ގޮތަށް އެ ކައުންސިލާ މަޝްވަރާ ކުރުމެއް ނެތި އެ ގާނޫނާ ހިލާފަށް ކަމަށެވެ.
ވ. އަތޮޅަކީ ލޯކަލް ޓޫރިޒަމް ހަލުވިކަމާ އެކު ކުރިއަރަމުންދާ އަތޮޅެއް ކަމަށާއި އަތޮޅުގެ ގުދުރަތީ ވަސީލަތްތަކަކީ އަތޮޅުގެ ރިސޯޓުތަކާއި ގެސްޓް ހައުސްތަކާ އަދި އަތޮޅަށް ޒިޔާރަތްކުރާ އއ، އދ އަދި ކ. އަތޮޅުގެ ގެސްޓްހައުސްތަކާއި ބައެއް ރިސޯޓުތަކުގެ އިތުރުން ސަފާރީތަކުން ފުޅާ ދާއިރާއެއްގައި ފަތުރުވެރިކަމުގެ އެކި ބޭނުންތަކަށް ބޭނުން ކުރަމުން އަންނަ ވަސީލަތްތަކެއް ކަމަށް އަތޮޅު ކައުންސިލުން ބުނެ އެވެ. އެ ކައުންސިލުން ބުނެފައި ވަނީ އަތޮޅުގެ ފަޅު ރަށްތައް ރިސޯޓު ވިޔަފާރިއަށް ދޫކޮށްފައިވުމުން އެކްސްކާޝަން އަދި ޕިކްނިކް ދިޔުމަށް އެކަށޭނަ ތަނެއް އެ އަތޮޅުގައި ނެތް ކަމަށެވެ.
ބޮޑު ފިނޮޅަކީ ވިޔަފާރިތަކުން ކޮންމެ ދުވަހަކު އެ ބޭނުމަށް ބޭނުން ކުރަމުން އަންނަ ފިނޮޅެއް ކަމަށާއި ވަކި ފަރާތަކަށް މަންފާވާ ގޮތަށް އެ ތަން ވިއްކާލުމަކީ ވ. އަތޮޅުގެ ޓޫރިޒަމް ވިޔަފާރީގެ އިތުރުން އެ ތަންތަން ބޭނުންކުރަމުންދާ ވިޔަފާރިތަކަށް އަގު ނުކުރެވޭވަރުގެ ގެއްލުންތަކެއް ލިބިގެންދާނެ ކަމެއް ކަމަށް ވ. އަތޮޅު ކައުންސިލުން ބުނެ އެވެ. ކައުންސިލުން ފާހަގަކުރި ގޮތުގައި މި ކަމުން އަތޮޅުގެ އިގުތިސޯދަށާ އަދި ރައްޔިތުންނަށް އެތައް ގޮތަކުން ގެއްލުންވާނެ ކަމުގަ އެވެ.
"އަތޮޅުގެ ފަތުރުވެރިކަމުގެ ވިޔަފާރިތަކަށާއި އަދި ޖުމްލަކޮށް އަތޮޅުގެ ހުރިހާ ރައްޔިތުންނަށް އެތައް ގޮތަކުން ގެއްލުންވާނެ ކަމެއް ކަމުގައި ދަންނަވަމެވެ. އަދި ހަމައެއާއެކު އަތޮޅުގެ ފަތުރުވެރިކަމުގެ ވިޔަފާރިތަކާ އަދި ޖުމުލަކޮށް އަތޮޅުގެ ހުރިހާ ރައްޔިތުންގެ މަސްލަހަތު ހިމެނޭ ކަމެއް ކަމަކަށް މިކަން ވީހިނދު، މި ފިނޮޅު ކުއްޔަށް ދިނުމަކީ ހަމަނުޖެހުމާއި ފަސާދައަށް ހުޅުވިގެންދާ ދޮރަކަށްވުމުގެ ފުރުސަތު ބޮޑުވުމުން މިފަދަ ކަމެއް ހިނގުމަކީ މި ކައުންސިލުން އެދޭ ގޮތް ނޫން ކަމުގައި ދަންނަވަމެވެ،"
ޓޫރިޒަމް މިނިސްޓްރީން ކުއްޔަށް ދީފައިވާ ފިނޮޅަކީ ކުއްޔަށް ދިނުމަށް މިނިސްޓްރީން އިއުލާނުކޮށްފައިވާ ސަރަހައްދު ނޫން ކަމުގެ މައުލޫމާތު ނުރަސްމީ ގޮތުން އެ ކައުންސިލުގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށް ވ. އަތޮޅު ކައުންސިލުން ބުނެފައިވެ އެވެ. އެ ކައުންސިލުގެ ސިޓީގައި ވަނީ އަތޮޅުން ކުއްޔަށް ދިނުމަށް ސަރަހައްދެއް ކަނޑައެޅީ ގާނޫނާ ހިލާފަށް ކަމުން އެ އިއުލާނު ބާތިލުކޮށް، އަތޮޅުގެ ތަންތަން އެކި ބޭނުންތަކަށް ކުއްޔަށް ދޫކުރުމުގައި ލާމަރުކަޒީ ގާނޫނުގައިވާ އިޖުރާތްތައް ފުރިހަމަ ކުރުމަށް އިލްތިމާސްކޮށްފަ އެވެ. އަދި އަތޮޅުން ފަޅުތައް ދޫކުރާއިރު އެކަމުގެ މައުލޫމާތު މިނިސްޓްރީން އަތޮޅު ކައުންސިލާ ހިއްސާކޮށްފައި ނުވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.