1.9 މިލިއަން ރުފިޔާ ފޭރުނީ ރަސްމާލެއަށް ސަޕްލައިކޮށްދޭން އެދި، 5 ލައްކަ ރުފިޔާ ހޯދިއްޖެ
މިދިޔަ ޖޫން މަހުގެ 18 ވަނަ ދުވަހު ކުންފުންޏެއްގެ އެކައުންޓުން 1.9 މިލިއަން ރުފިޔާ ފޭރުނު މައްސަލައިގައި ފުލުހުން ކުރި މަސައްކަތުން 500،000 އަށްވުރެއް ގިނަ ރުފިޔާ ރިކަވާ ކޮށްފި އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންސްޕެކްޓާ އޮފް ޕޮލިސް އާދަމް ނަވީން ވަނީ މި ސްކޭމްގެ ތަފްސީލުތައް ހާމަކޮށްފަ އެވެ. އެގޮތުން ކުންފުނީގެ އެއް ހިއްސާދާރަށް ވަޓްސްއެޕް މެދުވެރިކޮށް ވާހަކަ ދައްކައި ރަސްމާލެ މަޝްރޫއަށް ބޭނުންވާ ބައެއް ސާމާނުތައް ސަޕްލައި ކޮށްދިނުމުގެ ނަމުގައި އެ ހިއްސާދާރުގެ އީމެއިލް އެކައުންޓުގެ ތަފްސީލުތައް ހޯދި ކަމަށް ނަވީން ވިދާޅުވި އެވެ.
ކުންފުނީގެ ބޭންކު އެކައުންޓަށް އެކްސެސް ވެފައިވަނީ އެ ހިއްސާދާރުގެ އީމެއިލް ކޮމްޕްރޮމައިޒް ކޮށްގެންނެވެ. އެދުވަހު ފައިސާގެ މުއާމަލާތެއް ކުރުމަށް ކުންފުނީގެ އިންޓަނެޓު ބޭންކިންއަށް ވަތްއިރު އޭގައި ގިނަ އަދަދެއްގެ ފައިސާ މަދުކަން ފާހަގަވި އެވެ. އަދި މިކަން ހަވީރު 4 ޖަހާކަށް ހާއިރު ބޭންކަށް ހުށަހަޅައި، ފުލުހުންނަށްވެސް 5 ޖެހިއިރު ރިޕޯޓު ކުރި އެވެ.
ފުލުހުން ބެލި ބެލުމުން ކުންފުނީގެ އެކައުންޓުގައި ހުރި 2.6 މިލިއަން ރުފިޔާގެ ތެރެއިން 70 އިންސައްތަ ފައިސާ ވަނީ ނިގުޅައިގެންފަ އެވެ. އަދި ބެންކުން އެ އެކައުންޓުން މުއާމަލާތެއް ނުކުރެވޭގޮތަށް ސަސްޕެންޑު ކުރުމުން 8 ލައްކަ ރުފިޔާ ސަލާމަތް ކުރެވުނެވެ.
ފުލުހުން ބުނީ ފޭރުނު ފައިސާ 50 އެކައުންޓަކަށް ޖަމާކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން 36 އެކައުންޓަކުން އޭޓީއެމް މެދުވެރިކޮށް ވަގުތުން ފައިސާ ނެގި އެވެ. އަދި 14 އެކައުންޓަކުން އެހެން އެކައުންޓުތަކަށް ފައިސާ ފޮނުވި އެވެ. މި މަސައްކަތަށް ހޭދަވީ ގާތްގަނޑަކަށް 5 މިނެޓާއި 10 މިނެޓުގެ ވަގުތެކެވެ.
މިމުއާމަލާތްތައް ހިންގާފައިވަނީ ހަމައެކަނި މާލެއަކު ނޫނެވެ. ފުލުހުން ބުނީ ރާއްޖޭގެ 6 އަތޮޅެއްގެ 50 ރަށަކުން 100 އަށްވުރެއް ގިނަ މީހުން މިކަމުގައި އަމަލީގޮތުން ބައިވެރިވެފައިވާ ކަމަށެވެ.
18 ޖޫންގައި މައްސަލަ ހުށަހެޅުމާއިއެކު 72 ގަޑިއިރުގެ ތެރޭގައި ފައިސާ ޖަމާކުރި 50 އެކައުންޓުގެ ވެރިފަރާތުގެ ތެރެއިން 70 އިންސައްތަ މީހުން ހޯދައި އެމީހުން ދިރިއުޅޭ ތަންތަނަށް ގޮސް އެތަންތަން ބަލައި މީހުންނާއި ސުވާލު ކޮށްފައިވާކަމަށް ނަވީން ވިދާޅުވި އެވެ.
މިމައްސަލައިގެ ތަހުގީގު މިހާރުވެސް ކުރިއަށް ދާއިރު އަދި ހައްޔަރު ކުރީ އެކަކެވެ. އިތުރު ބަޔަކު ޝާމިލުވާކަމަށް ބެލެވި އަދިވެސް ދަނީ އެމީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
މިފަދަ މައްސަލަތަކުގައި ފައިސާ ޖަމާކުރާ އެންމެންނަށް ސްކޭމްގެ މައުލޫމާތު ނުލިބެ އެވެ. އެހެންވެ އެ އެންމެން ހައްޔަރު ކުރުމުގެ ބަދަލުގައި ބެންކާއި ފުލުހުން ގުޅިގެން އެމީހުންނާއި ސުވާލުކޮށް ބަލައި ފާސްކުރުމުގެ މަސައްކަތް ކުރިއަށް ގެންދާކަމަށް ނަވީން ވަނީ ވިދާޅުވެފަ އެވެ.