ވެރިކަން ކުރައްވާފައި ތިއްބެވި ބޭފުޅުންނަށްދޭ އިނާޔަތަކީ ފަސާދަ އުފައްދަންދޭ ފައިސާއެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލިހުގެ ބާރަށު ދާއިރާގެ ޕީއެންސީ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.
ވެރިކަން ކުރާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ހަރުގެ ޖަލްސާގައި މިރޭ ވާހަކަ ދައްކަވަމުން ޝުޖާއު ވިދާޅުވީ ކަންކަން އޮޅުވާލުމަށް އައިނެއް ތުރުކުރައްވައިގެން ފޯނަށް ނުވަތަ ގަނޑަކަށް ބައްލަވައިގެން ހުންނަވައި މިހާރު 300 މިލިއަން ހަރަދުކޮށްފިޔޭ ވިދާޅުވުމަކުން ރައްޔިތުން މިހާރު އެކަން ގަބޫލު ނުކުރާނެ ކަމަށެވެ. މި ޒަމާނަކީ ކަންކަން ވަރަށް ބޮޑަށް ހާމައަށް ފެންނަން ހުރި ޒަމާނެއް ކަމަށް ޝުޖާއު ވިދާޅުވި އެވެ.
ޝުޖާއު ވިދާޅުވެފައި ވަނީ ވެރިކަން ކޮށްފައި ހުންނަ ކޮންމެ ބޭފުޅަކު ދައްކަވާ ހުރިހާ ވާހަކައެއް ގަބޫލު ކުރުމަކީ އެންމެންގެ މައްޗަށް ލާޒިމުވާ ކަމެއް ނޫން ކަަމަށާއި އެގޮތަށް ދައްކަވާ ވާހަކައެއްގެ ދެކޮޅު ބެލޭނެ ނިޒާމު އޮންނަ ކަމަށެވެ. އޭނާ ވަނީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް ކޮންމެ މަހަކު ފައިސާ ދެމުން އަންނަކަން މީޑިއާއަކުން ހާމަކުރަމުންދަނީ ވެރިކަން ކޮށްފައި ހުންނެވި ބޭފުޅެއްގެ އިރުޝާދުގެ ދަށުން ކަމަށް ތުހުމަތު ކުރައްވާފަ އެވެ.
"ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މޭސްތިރިކަމުން ނުވަތަ އެމަނިކުފާނު އަޅުގަނޑުމެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ކޮންމެ މަހަކު އެއް ލައްކަ 50 ހާސް ރުފިޔާ ދެއްވަޔޭ. އޭގެތެރެއިން މިހާރު އެއްބަޔޭ ދެވުނީ، އަނެއް ބައި. މިއީ ރައީސް ޔާމީން ދެއްވާ މައުލޫމާތު،" ޝުޖާއު ވިދާޅުވި އެވެ.
ޝުޖާއު ވިދާޅުވި ގޮތުގައި ވެރިކަން ކުރައްވާފައި ތިއްބެވި ބޭފުޅުންނަކީ ރައްޔިތުންނަށް ތެދު މައުލޫމާތު ދެއްވަން ޖެހޭނެ ބޭފުޅުން ކަމުގަ އެވެ. އެފަދަ ބޭފުޅުން ނޫސްތަކަށް ވެސް މައުލޫމާތު ދެއްވަންވާނީ ވަރަށް ޒިންމާދާރުކަމާ އެކީގައި ކަމަށް ޝުޖާއު ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވީ ވެރިކަން ކުރައްވާފައި ތިއްބެވި ބޭފުޅުންނަށްދޭ އިނާޔަތަކީ ފަސާދަ އުފައްދަންދޭ ފައިސާއެއް ނޫން ކަމަށެވެ.
"އެކަމަށް ޓަކައި ގާނޫނުން އަޅުގަނޑުމެން ހުންނާނެ ވެރިކަން ކުރާނެ މީހުންނަށް އެމީހުން އޮފީސް ހިންގުމާއި އެމީހުންނަށް މާލީ އިނާޔަތްތަކާ ދޭގޮތަށް އޮންނާނީ. އެއީ ފަސާދަ އުފައްދަން ކުރާ މަސައްކަތަކަށް އަޅުގަނޑުމެންދޭ ފައިސާއެއް ނޫން، ރައްޔިތުންގެ ޓެކްސް ފައިސާއިން،" ޝުޖާއު ވިދާޅުވި އެވެ.
ޝުޖާއު ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް ފައިސާ ދެއްވަން ރައީސް މުއިއްޒަށް ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ. އެގޮތަށް ފައިސާ ދެއްވަން ޖެހޭ ވަރަށް ވުރެ މެމްބަރުންގެ މުސާރަ ބޮޑުކަން ފާހަގަކުރައްވާ ޝުޖާއު ވިދާޅުވި ގޮތުގައި މުސާރަ އާއި އިނާޔަތްތައް ކަނޑައަޅާފައި ހުންނަނީ އެ ފައިސާއިން މެމްބަރުންނަށް އުޅެވޭނެ މިންވަރަށް ކަމުގަ އެވެ.
ރައީސްއަކީ ކޮރަޕްޝަނަށް ހިތްވަރުދީ އަދި މަޖިލިހުގެ މެމްބަރުންނަށް ފައިސާ ދެއްވާނެ ބޭފުޅެއް ނޫން ކަމަށާއި އެކަން ކުރައްވާ ކަމަށް ބުނެ ދައްކަމުން އަންނަ ވާހަކަތަކަކީ އޮޅުވާލަން ދައްކަމުން އަންނަ ވާހަކަތަކެއް ކަަމަށް އޭނާ ވިދާޅުވި އެވެ. އަދި އެއީ ޕީއެންސީ ޕީޖީ ގްރޫޕުގެ މެމްބަރުންގެ މެދުގައި ފިތުނަ އުފައްދައި މެންބަރުންނާއި ރައްޔިތުން ޖެއްސުމަށް ރޭވިގެން ހިންގާ ކަމެއް ކަމަށް ޝުޖާއު ސިފަކުރެއްވި އެވެ.