އިސްލާމީ އަގީދާގެ ދެވަނަ ދައުރާއަށް ވެސް ބޮޑު ތަރުހީބެއް

އިސްލާމީ އަގީދާގެ ދެވަނަ ދައުރާއަށް ވެސް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ދީނީ އިލްމުވެރީންނާއި ސްކޫލުތަކުގެ ދަރިވަރުން ހިމެނޭ ގޮތުން އެކި އުމުރުފުރާތަކުގެ އަންހެން އަދި ފިރިހެން ބޭފުޅުންނާ އެކު ޖުމްލަ 120 ބައިވެރިން މި ފަހަރުގެ ދައުރާގައި ބައިވެރިވެފައިވާ ކަމަށެވެ.
އިސްލާމިކް މިނިސްޓްރީ އާއި ސައުދީ އަރަބިއްޔާގެ އިސްލާމީ ކަންތައްތަކާއި އައުގާފާ ބެހޭ މިނިސްޓްރީ އާ ގުޅިގެން މި ދައުރާ ބާއްވާފައި ވަނީ މިދިޔަ އަންގާރަ އަދި ބުދަ ދުވަހު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގަ އެވެ.
އިސްލާމީ އަގީދާއާ ބެހޭ އިލްމީ ދެވަނަ ދައުރާގެ އެކި ދަންފަޅިތަކުގައި މައުލޫމާތު ދެއްވީ މަދީނާގެ އިސްލާމީ ޔުނިވާސިޓީގެ ޕްރޮފެސަރު އަދި އަލްމަސްޖިދުއްނަބަވީގެ މުދައްރިސެއް ކަމުގައިވާ އަލްއުސްތާޒު ޑރ. އަބްދުއްސަލާމް އައްސުހައިމީ އާއި އިމާމު މުހައްމަދު ބުނު ސުއޫދު ޔުނިވާސިޓީގެ ޕްރޮފެސަރެއް ކަމަށްވާ ޑރ. އާދިލް އައްސުބައިއީ އެވެ.
ދައުރާ ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ ބުރާސްފަތި ދުވަހު އެވެ. މި ރަސްމިއްޔާތުގައި ދައުރާގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ހަނދާނީ ލިޔުން ދީފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.