އަރަބި ބަހުން ހުރި ދީނީ ފޮތްތަކެއް ދިވެހި ބަހަށް ތަރުޖަމާ ކޮށްދޭނެ ބަޔަކު ހޯދުމަށް އިސްލާމިކް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.
އިސްލާމިކް މިނިސްޓްރީން ބީލަމަށް ހުޅުވާލާފައި ވަނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ގާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ކުދި ވިޔަފާރި އާއި މެދު ފަންތީގެ ވިޔަފާރިތަކަށާއި އެ ގާނޫނުގެ ދަށުން ރަޖިސްޓްރީކުރަން ނުޖެހޭ އަމިއްލަ ފަރުދުންނާއި އިލްމީ މުއައްސަސާތަކަށް ބައިވެރިވެވޭ ގޮތަށެވެ.
މި ފޮތްތައް ތަރުޖަމާކުރާ ފަރާތަކީ ދީނީ ވައުޒު ވިދާޅުވުމަށް އެ މިނިސްޓްރީން ހުއްދަ ދީފައިވާ އިލްމުވެރިން ކަމުގައި ވާންވާނެ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.
މިކަމާ ގުޅޭގޮތުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވި ގޮތުގައި އިސްލާމީ ޝަރީއަތާއި އިސްލާމިކް ސްޓަޑީސްގެ ދާއިރާއިންނާއި އަދި ފަނޑިޔާރުންނާއި ގާނޫނީ ވަކީލުންނާއި ދީނީ ދާއިރާތަކުން ކިޔަވަމުންދާ ދަރިވަރުންނަށް ބޭނުންވާ އިސްލާމީ އިލްމުގެ ވަރަށް މުހިންމު ފޮތްތަކެއް ތަރުޖަމާ ކުރުމުގެ ބޮޑު މަޝްރޫއެއް ފެށިފައިވާ ކަމުގަ އެވެ. މިއީ މިގޮތުން އިއުލާނު ކުރެވޭ މިފަދަ އެންމެ ބޮޑު މަޝްރޫއު ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.