ޚަބަރު

މިނިސްޓަރު ވިދާޅުވަނީ ފެނަކައަށް 3 ގުނަ އިތުރަށް މީހުން ނަގާފައިވާ ކަމަށް

މަރިޔަމް އުމްނާ އިސްމާޢިލް ، ދެން އޮންލައިން
މިރޭގެ ޖަލްސާގައި ފައިސަލް ވާހަކަ ދައްކަވަނީ/ ފޮޓޯ: ދެން

މިދިޔަ އެމްޑީޕީ ސަރުކާރުގައި ފެނަކަ ކޯޕަރޭޝަނަށް ތިން ގުނަ އިތުރަށް މުވައްޒަފުން ނަގާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެ އެވެ.

Ads by STELCO

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ޕީއެންސީގެ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ފައިސަލް ވިދާޅުވީ ގައުމުގެ އިގްތިސާދީ ހާލަތު މިހާވަރަށް ވައްޓާލުމުގެ ޒިންމާ، މިދިޔަ ސަރުކާރުން އެންމެ ގިނަ ވަޒީފާ ދިން އެއް ކުންފުނި ކަމަށްވާ ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު ނަންގަވަން ޖެހޭ ކަމަށެވެ. އޭނާ ގޮވާލެއްވީ ސައީދު ހައްޔަރުކުރުމަށެވެ.

"ފެނަކަ ސައީދު ހުރިތާކުން ގެނެސްގެން ހައްޔަރުކުރަންޖެހޭ." ފައިސަލް ވިދާޅުވި އެވެ.

މި ސަރުކާރުގެ އިކޮނޮމިކް ކައުންސިލްގައި ވެސް ހުންނަވާ ފައިސަލް ވިދާޅުވީ އެ ކުންފުނި ހިންގުމަށް ބޭނުންވަނީ އެންމެ 3000 މުވައްޒަފުން ނަމަވެސް މިދިޔަ ސަރުކާރުން އެ ކުންފުންޏަށް އޭގެ ތިން ގުނަ އިތުރަށް މުވައްޒަފުން ނަގާފައިވާ ކަމަށެވެ.

"ފެނަކަ ހިންގުމަަށްޓަކައި އަޅުގަނޑުމެން އިކޮނޮމިކް ކައުންސިލްގައި ތިބޭތީ،، ފެނަކަ ހިންގުމަށް ޖުމްލަ ބޭނުންވަނީ 3000 މުވައްޒަފުން. މިއަދު ފެނަކައިގަ އެބަތިވި 9000 މުވައްޒަފުން. ކިހިނެއް އަޅުގަނޑުމެން ދެކޮޅު ޖައްސަނީ؟ " ފައިސަލް ވިދާޅުވި އެވެ.

ކުރީ ސަރުކާރުގައި، އެ ކުންފުންޏަށް ނުތަކާ ވަރަށް ޕްރޮޖެކްޓް ނަގައި، ވަޒީފާއަށް މީހުން ނަގާފައިވާތީ އެކުންފުނި ހިންގުމަށް ވަނީ ބުރުއަރާފަ އެވެ. މިދިޔަ ސަރުކާރުން ކޮންމެ އިންތިހާބަކާ ދިމާކޮށް ފެނަކައަށް މުވައްޒަފުން ނަގަމުންދާ ކަމަށް ބުނެ އޭރުގެ އިދިކޮޅު ޕީއެންސީން މަޖިލީހަށް މައްސަލަ ވެސް ވެއްދި އެވެ. ފެނަކައިގެ ތަފާތު އެކި މަޝްރޫއުތަކަށް، އެ މަޝްރޫއު ނިމުމުން ދޫކޮށްލާ ގޮތަށް ގިނަ އަދަދަކަށް ވަގުތީ މުވައްޒަފުން ވެސް އޭރު ނަގާފައިވެ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!