ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުން އައި 2013 ބިދޭސީން ޑީޕޯޓުކޮށްފި

ގަވާއިދާ ހިލާފަށް ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ހޯދަން އިމިގްރޭޝަނާއި ފުލުހުން ހިންގަމުން އަންނަ އޮޕަރޭޝަންތަކުގައި މިހާތަނަށް 2،013 ބިދޭސީން ޑީޕޯޓްކޮށްފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފި އެވެ.
ހޯމްލޭންޑް މިނިސްޓްރީން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝައްމާން ވަހީދު ވިދާޅުވީ ޖޮއިންޓް ޓާސްކްފޯސްގެ ދަށުން ވަރަށް ފުޅާ ދާއިރާއެއްގައި އޮޕަރޭޝަންތައް ކުރިއަށް ގެންދާ ކަމަށެވެ. މި އޮޕަރޭޝަންތަކުގައި މައިގަނޑު ގޮތެއްގައި އަތުލައިގަންނަނީ ރާއްޖޭގައި އަމިއްލައަށް، ދިވެއްސަކާ ނުގުޅި ވިޔަފާރި ކުރަމުންދާ ފަރާތްތަކާއި ސީރިއަސް ކުށްތަކަށް އަރައިގަންނަ ފަރާތްތައް ކަމަށް އޭނާ ވިދާޅުވި އެވެ.
ޝައްމާން ވިދާޅުވެފައި ވަނީ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުން ފެށިގެން މިދިޔަ ބުރާސްފަތި ދުވަހާ ހަމައަށް މިފަދަ މައްސަލަތަކާ ގުޅިގެން 2،013 ބިދޭސީއެއް ޑީޕޯޓުކޮށްފައިވާ ކަމަށެވެ.
"މީގެ ތެރޭގައި ހިމެނޭ މި ދެންނެވި ފަދައިން ވަރަށް ސީރިއަސް މައްސަލަތަކުގައި ރާއްޖޭގެ އެކި އެކި ދިމާލުގައި އިންވޯލްވް ވަމުންދާ ފަރާތްތައް. މި ފަރާތްތައް މިހާރު ވަނީ ރާއްޖޭން ބޭރު ކުރެވިފައި،" ޝައްމާން ވިދާޅުވި އެވެ.
ޝައްމާން ވިދާޅުވި ގޮތުގައި މާރުކޭޓު ގޮޅިތަކުގައި ގަވާއިދާ ހިލާފަށް ބިދޭސީން ތިބޭ މައްސަލައިގައި އަދި މިފަހުން ހިންގާފައިވާ އޮޕަރޭޝަންތަކުގައި ގިނަ އަދަދެއްގެ ބިދޭސީން އަތުލައިގެންފައިވާ ކަމުގަ އެވެ. އިމިގްރޭޝަނުގެ ބެލުމުގެ ދަށުގައި 120 ބިދޭސީން މިހާރު ވެސް ތިބިއިރު، އެ މީހުން ޑީޕޯޓު ކުރުމުގެ މަސައްކަތް އެ އިދާރާއިން އަންނަނީ ކުރަމުންނެވެ.
އިމިގްރޭޝަނުން ހިންގަމުންދާ އޮޕަރޭޝަންތަކުގައި މިހާތަނަށް މާލޭގެ ދެ މާރުކޭޓެއް ދެ ފަހަރެއްގެ މަތިން ރެއިޑްކޮށް، އެ ތަންތަނުގައި ވިޔަފާރި ހިންގަމުން އައި ބިދޭސީން ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ އިތުރުން ބިދޭސީން ހިންގާ ކުދި ފިހާރަ އާއި ޓޭކްއަވޭ ކޮފީ ޝޮޕްތަކުންނާއި ހަށި ވިއްކާ ތަންތަނުން ވެސް ބިދޭސީން އަތުލައިގެންފައިވެ އެވެ.