ޚަބަރު

ފެނަކަ ސައީދު ވަކިކުރަން އޭސީސީން އެންގި، 4 ބިލިއަނުން ދެރީ އޭގެ ފަހުން: ނާޒިމް

މަރިޔަމް އުމްނާ އިސްމާޢިލް ، ދެން އޮންލައިން

ނިިމިދިޔަ ސަރުކާރުގައި ފެނަކަ ކޯޕަރޭޝަން 4 ބިލިއަން ރުފިޔާ އިން ދަރުވާލީ، އެ ކުންފުނީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައީދު ވަކިކުރަން އެންޓި ކޮރަޕްޝަން ކޮމިޝަނުން އަންގާފައި ވަނިކޮށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

Ads by MWSC

ސައީދު މަގާމުން ވަކިކުރުމަށް އޭސީސީން އޭރުގެ ރައީސް, އިބްރާހީމް މުހައްމަދު ސޯލިހަށް އެންގިކަން ހާމަކުރީ އެ ކޮމިޝަނުގެ މެމްބަރުން އިއްޔެ ހާޒިރުކުރި ސްޓޭޓް އޯންޑް އެންޓަޕްރައިޒެސް ކޮމިޓީގެ ބައްދަލުވުމުގަ އެވެ. އެ ކޮމިޝަނުން ބުނިގޮތުގައި ސައީދު މަގާމުން ވަކިކުރުމަށް އެންގީ، ކުރިން އެ ކޮމިޝަނުގައި ތިއްބެވި މެމްބަރުންނެވެ.

އެކަމާ ގުޅުވާ މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީގައި ވާހަކަ ދައްކަވަމުން ނާޒިމް ތުހުމަތުކުރެއްވީ އޭރު އެ ކޮމިޝަނުގައި ތިއްބެވި މެމްބަރުން މަގާމުން ވަކިކުރީ ސައީދު މަގާމުން ވަކިކުރުމަށް އޭސީސީން ޕީސީބީ އަށާއި ރައީސް ސޯލިހަށް އެންގުމުން ކަމަށެވެ.

"ދެން އެގޮތަށް އެންގީ މިކޮމިޝަނުން (މިހާރު ތިބި އޭސީސީ މެންބަރުން) ނޫން ކަމަށް ވަނީ. އޭގެ ކުރިން ތިއްބެވި 5 މެމްބަރުން ކަމަށް. ދެން އެ ފަސް ބޭފުޅުން ވަކިކުރީ ދެއްތޯ؟ ސައީދެއް ނޫން ވަކިކުރީކީ އެ ފަސް ބޭފުޅުން ވަކިކުރީ." ނާޒިމް ވިދާޅުވި އެވެ. އެހެންވެ އޭނާ ވަނީ އެ މައްސަލަ ބެލުމަށް ގޮވާލައްވާފަ އެވެ.

މިދިޔަ ސަރުކާރުން ވެެރިކަމާއި ހަވާލުވެ އޭރު އޭސީސީ ގައި ތިއްބެވި ފަސް މެމްބަރުން ވަކިކުރުމުގެ މަސައްކަތް މަޖިލީހުން ފެށީ ދައުރުން ބޭރުގައިި ޖަލްސާތައް ބާއްވައިގެންނެވެ. އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރާ ކަމަށް ބުނެ، އެ މެންބަރުން ވަކިކުރުމުގެ މަސައްކަތް މަޖިލީހުން ފެށުމާ އެކު، ކޮމިޝަންގެ ހުރިހާ މެންބަރުން ވަނީ 2022 ވަނަ އަހަރުގެ ޑިސެމްބަރުގަ އިސްތިއުފާ ދެއްވާފައެވެ.

އޭގެ ފަހުން އެ ކޮމިޝަނަށް އާ މެމްބަރުން އައްޔަނުކުރުމަށްފަހު ވެރިކަމުގެ ދައުރު ނިމުނު އިރުވެސް ސައީދުގެ އެއްވެސް މައްސަލައެއް ބެލިފައިނުވާތީ ވެސް އެ މައްސަލައިގެ ޓައިމްލައިނެއް އެކުލަވާލުމަށް ނާޒިމް ކޮމިޓީ އަށް ހުށަހެޅުއްވި އެވެ.

"އެއީ ވާގޮތަކީ މިއީ ވަރަށް ބޮޑު އިހުމާލެއް ދެއްތޯ މިއީ ރައިސުލްޖުމްހޫރިއްޔާއަށް މިނިވަން މުއައްސަސާއަކުން ވަކި ބޭފުޅަކު ވަކިކުރަން އަންގާފަ އެކަން ނުވެ އޮވެ އެ ކުންފުނި 4 ބިލިއަން ރުފިޔާއިން ދަރައިގެން ދިޔައީމަ އަޅުގަނޑަށް ހީވަނީ މިކަން ނުކުރެއްވި ބޭފުޅުންގެ އިހުމާލެއް އެބައޮތް ހެން. " ނާޒިމް ވިދާޅުވި އެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!