އެމްސީއާ ނުލައި 15 ދުވަހު ސަލާމް ބުނެވޭގޮތަށް ފާސްކޮށްފި

މެޑިކަލް ސެޓްފިކެޓަކާ ނުލައި އަހަރަކު 15 ދުވަހު ސަލާމް ބުނެވޭ ގޮތަށް ބިލު އިސްލާހުކޮށް ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހުން ފާސްކޮށްފި އެވެ.
މި އިސްލާހު ފާސްކޮށްފައި މިވަނީ ކޮންމެ ސަލާމަަކަށް މުވައްޒަފުން އެމްސީ ހުށަހަޅަން ޖެހޭ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ބަދަލުކުރުމަށް ފަހުގައެވެ.
ގިނަ އިސްލާހުތަކަކާ އެކު، ފާސްކުރި މި ބިލަށް މިއަދު މަޖިލީހުގައި ބައިވެރިވި 55 މެމްބަރުން ވޯޓު ދެއްވި އެވެ.
ވަޒީފާއާ ބެހޭ ގާނޫނުގައި މިހާރު އޮންނަ ގޮތުން ސަލާމުގެ ޗުއްޓީގެ ގޮތުގައި މުސާރަ ލިބޭ ގޮތަށް ގިނަވެގެން 30 ދުވަސް ބޭނުން ކުރެވިދާނެ އެވެ. އަދި އެމްސީއެއް ހުށަހެޅުމުން ނޫނީ އެމުވައްޒަފަކަށް ވިދިވިދިގެން ދެ ދުވަހަށް ވުރެ ދިގު މުއްދަތަކަށް ސަލާމުގެ ޗުއްޓީ ދިނުން ވަޒީފާދޭ ފަރާތުގެ މައްޗަށް ލާޒިމެއް ނޫނެވެ.