ހިދުމަތް ދޭނަމޭ ބުނަން ފަސޭހަ، އުދަނގުލީ އަސާސްތައް ހިފަހައްޓަން: އިހުސާން

ރައްޔިތުންނަށް ހިދުމަތް ދޭން ހުވާކުރުމަކީ ފަސޭހަކަމެއް ކަމަށާއި ނަމަވެސް އެ ހުވާގެ މަތީގައި ދެމިހުރެ އަސާސްތައް ހިފެހެއްޓުމަކީ ގޮންޖެހުން ބޮޑު ކަމެއް ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ އެހެން ވިދާޅުވީ، ކަސްޓަމަށް 134 އަހަރު ފުރުމާއި ގުޅިގެން ބޭއްވި ދިދަ ނެގުމުގެ ހަފްލާގަ އެވެ. އިހުސާން ވިދާޅުވީ ކަސްޓަމްސް ހިމެނޭހެން ޔުނީފޯމް އަޅައިގެން ދޭ އެއްވެސް ހިދުމަތަކީ އޭގެ ޒާތުގައި ފަސޭހަ ހިދުމަތެއް ނޫން ކަމަށެވެ.
މީގެ ކުރިން ސިފައިންގެ ގޭގައިވެސް ހިދުމަތް ކުރެއްވި އިހުސާން ވިދާޅުވީ، ސަލާމަތީ ކަންކަން ކަށަވަރު ކުރުމާއެކު ހިދުމަތް ދިނުމަކީ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ.
"އިންޓަގްރިޓީ އާއި ރެސްޕެކްޓް އާއި އެމްޕަތީ އާއި ކޮމިޓްމެންޓް އާއި އެކީ ހިދުމަތް ދޭނަމޭ ބުނުމަކީ ފަސޭހަކަމެއް, އެހެން ނަމަވެސް މީގެއިން ކޮންމެ އަސާސްތައް ހިފެހެއްޓުމަކީ އޭގެ ޒާތުގަ އުނދަގޫ ކަމެއް"
މިނިސްޓަރު ވިދާޅުވީ ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ޔުނީފޯމް އެޅި އޮފިސަރުން މިހާރަށްވުރެވެސް މަތީ ހިސާބެއްގައި ހިފެއްޓޭތޯ ބަލާނެ ކަމަށާއި، އެ ހިފަހައްޓާ ހިފެއްޓުމުގައި ގާނޫނު ތަންފީޒު ކުރާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ވިސްނުންފުޅަކީ މުއައްސަސާތަކުން ވީހާވެސް އަވަހަށް ހިދުމަތް ދެވޭނެ މަގު ރައްޔިތުންނަށް ފަހިކޮށްދިނުން ކަމަށެވެ.
ކަސްޓަމްސްގެ ހިދުމަތާމެދު ރައްޔިތުން ދެކޭ ގޮތް އެއްދުވަހަށްވުރެ އަނެއް ދުވަހެއް ބަދަލުވެ ރަނގަޅުވެގެން އައުމަކީ ރައީސްގެ ވަރަށް ބޮޑު އުއްމީދެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ރާއްޖޭގެ ކަސްޓަމް އުފެދުނީ 1890 ވަނަ އަހަރު ޖުލައި މަހު 18 ވަނަ ދުވަހު އެވެ. ފާއިތުވި 128 އަހަރު ދުވަހުގެ ތެރޭގައި ކަސްޓަމްސްގެ ނަމަށް ތަފާތު ބަދަލުތަކެއްވަނީ އައިސްފަ އެވެ. ކަސްޓަމްސްގެ މައިގަނޑު ހިދުމަތްތައް އެއްފުރާޅެއްގެ ދަށުން މިހާރު ދެމުންދާ އިމާރާތައް ބަދަލުވެފައިވަނީ 23 މާޗް 2003 ގަ އެވެ. މާލޭ އިންޓަނޭޝަނަލް އެއަޕޯޓުގައާއި ރާއްޖޭގެ 8 ރަށެއްގައި ސަރަހައްދީ ކަސްޓަމްސް އޮފީސްތައް ވަނީ ގާއިމުކުރެވިފައިވެ އެވެ.