އިސްކޮޅު ހަމަނުވިޔަސް ތައުލީމާއި ތަޖުރިބާއަށް ބަލާ ފުލުހަށް ވައްދަނީ
ދިވެހި ފުލުހުންގެ ހިދުމަތަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ފުލުހުންގެ ވަޒީފާއަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ 6 ދާއިރާއަކުންނެވެ. އެއީ ކޮންސްޓަބަލް, ސާޖަންޓް ގުރޭޑް 1,2,3 އަދި ސީނިއަރ ސާޖެންޓް ގުރޭޑް 1.2 އަށެވެ.
މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި ދިވެހި ރައްޔިތެެއް ކަމުގައިވުމާއި، އުމުރުން 18 އަހަރާއި 39 އަހަރާ ދެމެދުގެ މީހަކަށްވުމާއެކު, ފިރިހެނަކު ނަމަ، އިސްކޮޅުން 5 (ފަހެއް) ފޫޓް 3 (ތިނެއް) އިންޗި އަދި އަންހެނެއް ނަމަ، އިސްކޮޅުން 5 (ފަހެއް) ފޫޓް ހަމަވާން ޖެހޭނެ ކަމަށް އިއުލާނުގައި ވަނީ ބުނެފައެވެ. ނަމަވެސް ފޯމުހުށަހަޅާ ފަރާތްތަކުގެ ތަޢުލީމީ ފެެންވަރާއި، ތަޖުރިބާއަށް ރިޢާޔަތްކޮށް އިސްކޮޅު ހަމަނުވިކަމުގައި ވީނަމަވެސް ފޯމު ބަލައިގަނެވޭނެ ކަމަށް ބުނެފައިވެއެވެ.
ފުލުހުންގެ ވަޒީފާގެ އެކި މަޤާމުތަކަށް ޝަތުރުކޮށްފައިވަނީ އެކި ތައުލީމީ ފެންވަރެވެ. އެންމެ ދަށް ފެންވަރަކަށް ކަނޑައަޅާފައިވަނީ އެސްއެސްސީ އަދި ޖީސީއީ އޯ ލެވެލް އިން އެންމެ ދަށް ވެގެން ހަތަރު "ސީ" ފާސް އޮތުމެވެ. ނުވަތަ އެފެންވަރުގެ ސަނަދެއް, ނުވަތަ ގުޅޭ ދާއިރާއަކުން ދެ އަހަރުގެ ތަޖުތިބާ އޮތުމެވެ.
މީގެ އިތުރުން ފުލުހުންގެ ވަޒީފާއަށް މީހުން ހޮވުމުގައި ބަލާ ޝަރުތުތަކުގެ އިތުރުން ކުރެވޭ އިންޓަވިއުތަކަށާއި, ދެވޭ ފިޒިކަލް (ބެކްގްރައުންޑް އެސެސްމެންޓް، ފިޒިކަލް ފިޓްނަސް އެސެސްމަންޓް، ފެތުމުގެ އެސެސްމަންޓް އަދި މެޑިކަލް އެގްޒަމިނޭޝަން ) އަދި އެޕްޓިޓިއުޓް ޓެސްޓުން އެންމެ މަތީ ނަތީޖާ ހޯދާ ފަރާތް ތަކަށް އިސްކަން ދެވޭނެ ކަމަށް ވެސް އިއުލާނުގައި ބުނެފައި ވެއެވެ.
ފުލުހުންގެ ވަޒީފާއަށް އެދޭ ފޯމު މޯލްޑިވްސް ޕޮލިސް ސާވިސް ވެބްސައިޓުން އަދި ގެޒްޓް އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. ވަޒީފާއަށް އެދޭ ފޯމު 2024 އޮގަސްޓް 1 ވަނަ ދުވަހުގެ 16:00 ގެ ކުރިން ޝަހީދު ޙުސައިން އާދަމް ބިލްޑިންގގެ ރިސެޕްޝަން ނުވަތަ އަތޮޅުތަކުގެ ޕޮލިސް ސްޓޭޝަންތަކުގެ ރިސެޕްޝަނަށް، ފޯމް ހުށަހެޅޭނެ އެވެ. އަދި ހުށަހަޅާ ފޯމްތައް ބަލައިގަންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ މެންދުރު 14:00 އިން 16:00 ކަމަށް ވެސް އިއުލާނުގައި ބުނެފައިވެ އެވެ.