ސަލްމާންއާ ކިމްގެ "ލޯބި" ވަގުތުކޮޅެއް
ކިމް ކާޑޭޝިއަން އާއި ކޮއްކޮ ކްލޯއީ ކާޑޭޝިއަން ޖުލައި 12 ވަނަ ދުވަހު މުމްބާއީގައި ބޭއްވި، ބިލިއަނަރު މުކޭޝް އަމްބާނީގެ ހަގު ދަރިފުޅުގެ ކައިވެނީގެ ހަފްލާގައި ވަނީ ބައިވެރިވެފަ އެވެ. އިންޑިއާގެ ސަގާފީ ހެދުމުގައި ކިމްއާ ކްލޯއީ ފެނިގެން ދިޔައިރު މުޅި ކައިވެނިން އެންމެ ބޮޑު ސަމާލުކަމެއް ހޯދީވެސް މި ދެބެއިންނެވެ.
މުކޭޝްގެ އަންހެނުން ނީތާ އަމްބާނީ ކައިވެނީގެ ހަފްލާ ތެރެއަށް ވަދެގެން އައީ ކިމްގެ އަތުގައި ހިފައިގެންނެވެ. މީގެ ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުރުވަމުން ދާއިރު އެވީޑީއޯއިން ފެންނަ މަންޒަރުތަކުން ފާހަގަކޮށްލެވޭ ކަންކަން އަންނަނީ ފެންމަތިވަމުންނެވެ.
އެގޮތުން ރެޑިޓްގައި މިހާރު ވައިރަލްވެފައިވާ ވީޑީއޯއެއްގައި ބޮލީވުޑް ސުޕަސްޓާ ސަލްމާން ހާން ކިމްއަށް ބަލަން ހުންނަ މަންޒަރު ސްލޯ މޯޝަންގައި ވަނީ އެޑިޓްކޮށްފަ އެވެ. އިންޑިއާ މީހުންގެ މެދުގައި މިކަހަލަ ވީޑިއޯތަކަށް ލިބޭ ސަމާލުކަން އާންމުކޮށްވެސް ވަރަށް ބޮޑެވެ. މިފަހަރުވެސް ވީ އެކަހަލަ ގޮތެކެވެ.
ސަލްމާންއާއި ކިމްގެ ވަށައިގެން އެހެންވެސް މެހެމާނުން ތިބިއިރު ސަލްމާންގެ ނަޒަރު ސީދާ ކިމްއަށް ހުއްޓޭތަން ވީޑީއޯއިން ފެނެ އެވެ. މިވީޑިއޯއަށް ވަރަށް މަޖާ ރިއެކްޝަންތައް ރެޑިޓްގައި ވަނީ ލިބިފަ އެވެ.
"ސަލްމާންގެ ވަގު މިއޮތީ ރަނގަޅު ފެންވަރެއްގައި ހިފިފައި" އެކަކު ބުންޏެވެ.
މީހުން ހައިރާން ކަމާއެކު ބުނަމުން ދަނީ މިނެޓެއްހާއިރު ވަންދެން ސަލްމާންގެ މުޅި ސަމާލުކަން ކިމްއަށް ހުއްޓިފައިވާ ކަމަށެވެ.
"ސަލްމާން-ކިމް ޖޯޑަށް އަހަރުމެން ތައްޔާރެއް ނޫން"، "މިދެމީހުންނަށް އެކަކު އަނެކަކު އިސްލާހު ކުރެވިދާނެ" ކޮމެންޓުތަކުގައި ވެ އެވެ.
ބައެއް މީހުން ވަނީ ސަލްމާންގެ މަޝްހޫރު ލަވަތަކުންވެސް ބައިތައް ކޮމެންޓުކޮށްފަ އެވެ. ސަލްމާންގެ "ޖަގް ގޫމެޔާ" ލަވައަށް އިޝާރާތްކޮށް އެކަކު ބުނީ މިހާރު ސަލްމާންގެ މުޅި ދުނިޔެ އެނބުރެން ފަށައިފި ކަމަށެވެ. އަނެކަކު ބުނީ ސަލްމާން މުޅިން "ސްލޯ މޯޝަން" ވެއްޖެ ކަމަށެވެ. އެހެން ކިޔާ ސަލްމާންގެ ލަވައެއްވެސް ވަރަށް މަޝްހޫރުވި އެވެ.
އަނަންތު އަމްބާނީ އާއި ރާދިކާާ މާޗެންޓުގެ ކައިވެނީގެ ހަލްފާތައް ނިންމައި ކިމްއާއި ކްލޯއީ އަނބުރާ އިންޑިއާ ދޫކޮށް ދިޔައީ ޖުލައި 15 ގަ އެވެ. އެ ދެބެއިން އިންޑިއާގައި ތިބީ ހަތަރު ދުވަހު އެވެ.