ގަވަރުނަރު ބޭރުކުރިހެން ޕީޖީވެސް ބޭރުކުރަން ޖެހިދާނެ: އައްބާސް
ގާނޫނީ ޒިންމާ އަދާނުކުރައްވާ ނަމަ ގަވަރުނަރުކަމުން އަލީ ހާޝިމް ވަކިކުރިހެން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) މަގާމުން ހުސެއިން ޝަމީމްވެސް ވަކިކުރަން ޖެހިދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލިހުގެ މިއަދުގެ ޖަލްސާ އަށް ސަރުކާރުގެ ފަރާތުން މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކު ހުށަހަޅާފައިވާ ޖިނާއީ އިޖުރާތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން އައްބާސް ވިދާޅުވީ ޕީޖީއަކަށް ހުންނަވާ ބޭފުޅަކީ އެއިރަކު އޮންނަ ސަރުކާރުގެ ބޭފުޅަކަށްވެގެން ނުވާނެ ކަމަށެވެ. އޭގެ ބަދަލުގައި ޕީޖީ ވާންޖެހޭނީ ހުރިހާ ރައްޔިތުންގެ މީހެއްގެ ގޮތުގައި ކަމަށެވެ. ގާނޫނީ ޒިންމާ އަދާނުކުރެވޭނަމަ ޕީޖީވެސް ވަކިކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
"އެ ބޭފުޅާވެސް އެބަ ޖެހޭ އެބޭފުޅާގެ ގާނޫނީ ޒިންމާ އަދާކުރައްވަން. އަދާ ނުކުރެއްވެންޏާ މިހާރުން މިހާރަށް އިސްތިއުފާ ދެއްވާފައި ގެޔަށް ވަޑައިގަންނަވަންވީ. އެހެން ނޫނީ ގަވަރުނަރު ބޭރުކުރި ގޮތަށް އަޅުގަނޑުމެން ބޭރު ކުރާނަން،" އައްބާސް ވިދާޅުވި އެވެ.
އައްބާސް ވިދާޅުވެފައި ވަނީ 20 ވަނަ ރައްޔިތުންގެ މަޖިލިހުން ރައްޔިތުންނަށް އަނިޔާވެރިވާން ނުވަތަ ރައްޔިތުން އެދޭ ކަންތައްތައް އެދޭ ގޮތަށް ނުކުރާ ފަރާތްތަކަށް އިސް މަގާމުތަކުގައި ތިބުމުގެ ފުރުސަތު ނުދޭނެ ކަމަށެވެ. އޭނާ ވަނީ ހާއްސަ އިސްކަމެއް ދީގެން ވާނުވާ ބަންދަށް ޖަހާ މައްސަލަތަކަށް ހައްލު ހޯދަން ޖެހޭކަން ފާހަގަކުރައްވާފަ އެވެ.
އަދުލްއިންސާފުގެ ނިޒާމަށް ނުފޫޒު ފޯރުވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅު ނުވާކަން ފާހަގަކުރައްވާ އައްބާސް ވިދާޅުވި ގޮތުގައި ނިޒާމުގެ ކަންކަން މަތިކޮށްފައި ވަނީ ބަންޑާރަ ނައިބާއި ޕީޖީ އަދި ފަނޑިޔާރުންނާ ކަމުގަ އެވެ. އެ ބޭފުޅުންނާ މަތިކުރެވިފައިވާ ގާނޫނީ ޒިންމާތައް ބަހަނާތައް ނުދައްކާ އަދާކުރަން ޖެހޭ ކަމުގައި އައްބާސް ވިދާޅުވި އެވެ.