މިނިވަން ދުވަހު ހަވީރު މާލޭގައި ވެހިކަލް ދުއްވުން މަނާ

މި އަހަރުގެ މިނިވަން ދުވަސް ކަމަށްވާ މި ހަފްތާގެ ހުކުރު ދުވަހު ހަވީރު މާލޭ މަގުތަކުގައި އެއްގަމު އުޅަނދު ދުއްވުން މަނާކުރަން ނިންމައިފި އެވެ.
މާލޭ ސިޓީ ކައުންސިލުގެ އިދާރާއިން ގެޒެޓުގައި އިއްޔެކުރި އިއުލާނެއްގައި ބުނީ 59 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ގައުމީ ކެޑޭޓް ކޯ އާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އެއްވަގުތެއްގައި މާލޭގެ ބޮޑެތި މަގުތަކުގައި ހިނގާލުމެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
"26 ޖުލައި 2024 ވަނަ ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް ހިނގާލުން ކުރިއަށްދާ ވަގުތުގައި މާލޭގައި އެއްގަމު އުޅަނދު ދުއްވުން މަނާ ވަގުތެއްގެ ގޮތުގައި ހަމަޖައްސަވާފައިވާތީ މިކަން އާއްމުކޮށް އަންގާ އިއުލާން ކުރީމެވެ،" ސިޓީ ކައުންސިލުގެ އިއުލާނުގައިވެ އެވެ.
ސިޓީ ކައުންސިލުން ބުނެފައި ވަނީ އެއްގަމު އުޅަނދު ދުއްވުން މަނާކުރަނީ މި ހިނގާލުން ކުރިއަށްދާ ވަގުތު މާލޭގެ މަގުތަކުގެ ޓްރެފިކް ފްލޯ މެނޭޖްކުރުމަށް ދަތިވާނެތީ ކަމަށެވެ.