ކަރަންޓުގައި ޖެހިގެން އުނގޫފާރުން ޒުވާނަކު މަރުވި މައްސަލާގައި ފެނަކައަށް 50،000 ރުފިޔާގެ ޖޫރިމަނާއެއް

ޔުޓިލިޓީ އޮތޯރިޓީން ވަނީ ކަން ހިނގައިދިޔަ ގޮތާއި މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އުނގޫފާރު ކައުންސިލުންނާއި ފެނަކައިން ސާފުކޮށްފަ އެވެ. މި ހާދިސާ ދިމާވާން މެދުވެރިވި ސަބަބުތަކެއް ކަމަށް މައްސަލައިގެ ތަހުގީގަށްފަހު އެ އޮތޯރިޓީން ފާހަގަކޮށްފައި ވަނީ،
- މަގު ބައްތިތަކުގައި ހުންނަން ޖެހޭ ސަލާމަތީ އިކުއިޕްމަންޓްތަކުގެ ތެރޭގައި ހިމެނޭ އާތު ލީކް ސަކިޓް ބްރޭކަ (އީއެލްސީބީ) އާއި މިނިއޭޗަ ސަކިޓް ބްރޭކަ (އެމްސީބީ) ހަރުކުރެވިފައިވާނުވާ މަގު ބައްތިތަކަށް ފެނަކައިން ކަރަންޓު ދީފައިވުން
- ފެނަކައިން ކަރަންޓުގެ ހިދުމަތް ދެމުންގެންދާ ވަރަށް ގިނަ ރަށްތަކުގެ މަގު ބައްތިތަކުގައި އާތު ލީކް ސަކިޓް ބްރޭކަ (އީއެލްސީބީ) ހަރުކުރެވިފައި ނުވާކަން
ހާދިސާ ހިނގަން ދިމާވި މައިގަނޑު ސަބަބަކީ އުނގޫފާރުގެ މަގު ބައްތިތަކަށް ކަރަންޓު ދިނުމުގައި ހުންނަން ޖެހޭ ސަލާމަތީ ކަންކަމާމެދު ފެނަކައިން އިހުމާލުވުން ކަމުގައި އެ އޮތޯރިޓީގެ ތަހުގީގުން ސާބިތުވާ ކަމަށް ޔުޓިލިޓީ އޮތޯރިޓީން ވަނީ ފާހަގަކޮށްފަ އެވެ.
ޔުޓިލިޓީ އޮތޯރިޓީން ބުނި ގޮތުގައި އެ އޮތޯރިޓީގެ ގާނޫނުގެ ދަށުން 50,000 އިން ފެނަކަ ޖޫރިމަނާކޮށް މި ޖޫރިމަނާގެ ފައިސާ ސަރުކާރު ބަންދު ނޫން 30 ދުވަހުގެ ތެރޭގައި ދެއްކުމަށް އެ ކޯޕަރޭޝަނަށް އަންގާފައިވާ ކަމުގަ އެވެ.
މިފަދަ ހާދިސާތަކުން ރައްކާތެރިވުމަށް ފެނަކައިން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ރަށްރަށުގެ ތެރެއިން މަގު ބައްތިތަކުގައި އާތު ލީކް ސަކިޓް ބްރޭކަ (އީއެލްސީބީ) އާއި މިނިއޭޗަ ސަކިޓް ބްރޭކަ (އެމްސީބީ) ހަރުނުކޮށް ހުރި ނަމަ، އެ ތަކެތި ސަރުކާރު ބަންދު ނޫން 30 ދުވަހުގެ ތެރޭގައި ހަރުކޮށް މަގު ބައްތިތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ޔުޓިލިޓީ އޮތޯރިޓީން ވަނީ އަންގާފަ އެވެ. އެ އޮތޯރިޓީން އިތުރަށް ބުނެފައި ވަނީ މުއްދަތުގެ ތެރޭގައި އެކަން އިސްލާހު ނުކުރެވިއްޖެނަމަ، އެކަންކޮށް ނިމެންދެން މަގު ބައްތިތަކުން ކަރަންޓުގެ ހިދުމަތް މެދުކަނޑާލުމަށް ވެސް ފެނަކައަށް އަންގާފައިވާ ކަމަށެވެ.






ކޮމެންޓް