އިސްދޫ ކޯޓު އިމާރާތުގައި ކަލައިދޫ ކޯޓު ހުޅުވުމަކީ މަސްލަހަތު ގެއްލޭނެ ކަމެއް: އިސްދޫ ކައުންސިލް
ލ. އިސްދޫ މެޖިސްޓްރޭޓް ކޯޓު އިމާރާތުން ބައެއްގައި ލ. ކަލައިދޫ މެޖިސްޓްރޭޓް ކޯޓު ހުޅުވުމަކީ ދެ ރަށުގެ މަސްލަހަތު ގެއްލިދާނެ ކަމެއް ކަމަށް އިސްދޫ ކައުންސިލުން ބުނެފި އެވެ.
އިސްދޫ އާއި ކަލައިދޫއަކީ އެއްފަސްކޮށް އޮންނަ ދެ ރަށެވެ. މި ދެ ރަށުގައި ވެސް އާއްމު ހިދުމަތްތައް ދޭން ސަރުކާރުގެ އޮފީސްތައް ހުރެ އެވެ.
އިސްދޫ ކައުންސިލުގެ އިދާރާއިން އިއްޔެ ނެރުނު ގަރާރެއްގައި ބުނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައިވާ ގޮތުން އެ ކައުންސިލެއްގެ އިހުތިސޯސުގެ ތެރޭގައި ހިމެނޭ ބިމުގެ ލޭންޑް ޔޫސް ޕްލޭން ހެދުމާއި ބިން ބެލެހެއްޓުމާއި ބިން ދޫކުރުމާއި ބިމުގައި އިމާރާތް ކުރުމުގެ އިތުރުން ބިމުގެ އެންމެހާ ކަންކަން ކުރުމަކީ އެ ކައުންސިލެއްގެ ޒިންމާތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ. އަދި އެ ގާނޫނުގެ ދަށުން ރަށުގެ ބިން ބިމުގެ ދަފުތަރު އެކުލަވާލައި ބެލެހެއްޓުމުގެ ޒިންމާ މަތިކޮށްފައި ވަނީ ވެސް އެ ކައުންސިލަކާ ކަމަށެވެ.
ދިވެހިރާއްޖޭގެ ކޯޓުތަކާ ބެހޭ ގާނޫނުގައި ވަނީ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓު ހުންނަން ވާނީ އެ ރަށެއްގައި ކަމުގަ އެވެ.
އެކަން ފާހަގަކޮށް އިސްދޫ ކައުންސިލުގެ ގަރާރުގައި ވަނީ އެ ކައުންސިލުގެ އިހުތިސޯސު ކަމުގައި ސަރުކާރުން ކަނޑައަޅާފައިވާ ސަރަހައްދުގައި ހަދާފައިވާ އިމާރާތުގައި ކަލައިދޫ މެޖިސްޓްރޭޓް ހުރުމަކީ ދެ ރަށުގެ މެދުގައި އެކިއެކި މައްސަލަތައް އުފެދި، ދެ ރަށުގެ މަސްލަހަތު ގެއްލި، ކައުންސިލަށާއި ރައްޔިތުންނަށް އިޔާދަނުކުރެވޭނެފަދަ ގެއްލުންތަކާ ކުރިމަތިލާން ޖެހޭނެ ކަމެއް ކަމަށެވެ.
"ބިމުގެ މައްސަލައަކީ ޒަމާނުއްސުރެ ދެ ރަށުގެ މެދުގައި މަސްލަހަތު ގެއްލޭފަދަ ކަންކަން ދިމާވެ ހައްލުނުކުރެވިދާ މައްސަލައެކެވެ. މީގެ އިތުރުން މިކަމަކީ މި ރަށުގެ އިހުތިސޯސް ހިނގާ ބިމުގެ ސަރަހައްދުން ބައެއް ގެއްލި، މި ކައުންސިލަށާއި ރަށުގެ ރައްޔިތުންނަށް ނުހަނު ބޮޑު ގެއްލުންތަކާ ކުރިމަތިވާނެ ކަމެކެވެ،"
ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްގެ މަސްއޫލިއްޔަތާއި ބާރުތަކުގެ ތެރޭގައި ކަންކަން ފާހަގަކޮށް ގަރާރުގައި ވަނީ އިސްދޫ މެޖިސްޓްރޭޓް ކޯޓު ހިންގުމަށް ހަދާފައިވާ އިމާރާތުގެ ބައެއްގައި އިސްދޫ ކައުންސިލުގެ އެއްވެސް ހުއްދައަކާ ނުލައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ ދަށުން ހިންގާ ކަލައިދޫ މެޖިސްޓްރޭޓް ކޯޓު ހުޅުވުމަށް ކުރަމުންދާ މަސައްކަތްތައް ކުށްވެރިކޮށްފަ އެވެ.
އިސްދޫ މެޖިސްޓްރޭޓް ކޯޓު ހިންގަން ހަދާފައިވާ އިމާރާތުގެ ބައެއްގައި ކަލައިދޫ ކޯޓު ހުޅުވަން ޑީޖޭއޭއިން ކުރަމުން އަންނަ މަސައްކަތް ހުއްޓާލުމަށް ގޮވާލައި އިސްދޫ ކައުންސިލުން ވަނީ ޑީޖޭއޭއިން އެ ކައުންސިލުގެ ބިން ނަހަމަ ގޮތުގައި ބޭނުން ކުރަމުންދާތީ އެކަން ހުއްޓުވައިދިނުމަށް ސަރުކާރުގެ ކަމާ ގުޅުންހުރި މުއައްސަސާތަކުގައި އެދިފަ އެވެ.