ބިމުގެ ކުލީގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ 513 މިލިއަން ޑޮލަރުގެ ތެރެއިން 5 މިލިއަން ޑޮލަރު ހޯދައިފި އެވެ.
ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހިމް ފައިސަލް ވިދާޅުވީ މި ފައިސާއަކީ މިދިޔަ 17 ދުވަހުގެ ތެރޭގައި ސަރުކާރުން ކުރި މަސައްކަތުން ހޯދި ފައިސާ ކަމަށެވެ. އިތުރަށް ލިބެންޖެހޭ ފައިސާ ހޯދުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފަތުރުވެރިކަމަށް ދޫކޮށްފައިވާ ބިމުން ދައުލަތަށް ލިބެންޖެހޭ ފައިސާ ނުދައްކާ ހުރީ ބޮޑެތި އަދަދުތަކުން އިންވެސްޓުކޮށްފައިވާ ފަރާތްތައް ކަމުން ސަރުކާރުން މަސައްކަތް ކުރަމުން ދަނީ އެކުވެރި މާހައުލެއްގައި ކަމަށެވެ. މިހާރު އޮޕަރޭޓު ކުރަމުންދާ ރިސޯޓުތަކުން 78 މިލިއަން ޑޮލަރު އަދިވެސް ނުލިބި އެބަ ހުއްޓެވެ. އަދި ކޮންސްޓްރަކްޝަން މަރުހަލާގައި އޮތް ރިސޯޓުތަކުން 173 މިލިއަން ޑޮލަރު ނުލިބި އެބަ ހުއްޓެވެ.
މިދިޔަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވަނީ ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތަފްސީލުތައް ހާމަކުރައްވައިފަ އެވެ. އެގޮތުން ބިމުގެ ކުލިން ލިބެންޖެހޭ 513 މިލިއަން ޑޮލަރުގެ އިތުރަށް ޓީޖީއެސްޓީގެ ގޮތުގައި 130 މިލިއަން ޑޮލަރު ދައުލަތަށް ނުލިބި ހުރިކަން އެމަނިފާނު ފާހަގަކުރެއްވި އެވެ. ޖީއެސްޓީގެ ގޮތުގައި 3.3 ބިލިއަން ޑޮލަރު, އިންކަމް ޓެކްސްގެ ގޮތުގައި 1 ބިލިއަން ޑޮލަރު ނުލިބި ހުރިއިރު ދައުލަތަށް ލިބެންޖެހި ނުލިބޭ ފައިސާގެ ޖުމްލަ އަދަދު 13 ބިލިއަން ޑޮލަރަށް އަރާކަމަށް ރައީސް ވިދާޅުވި އެވެ.
“މިފައިސާ އެކަނި ހޯދިޔަސް އަޅުގަނޑުމެންގެ ދަރަނީގެ މައްސަލަ ހައްލުވީ. އެމަސައްކަތް އަޅުގަނޑުމެން ކުރާނަން. އިރާދަކުރެއްވިއްޔާ އެފައިސާ ހޯދާނަން.” ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.
ސަންގު ޓީވީގައި ވާހަކަ ދައްކަވަމުން ވަޒީރު ފައިސަލް ވަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރު ބަދަލުވާން ތިން ދުވަހަށް ވެފައިވަނިކޮށް އެތައް ރަށްތަކެއް ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާކަންވެސް ހާމަކުރައްވައިފަ އެވެ. އެގޮތުން ވިދާޅުވީ ނޮވެމްބަރު 14, 15 އަދި 16 ވަނަ ދުވަހު ކޮވިޑް-19 ދުވަސްވަރު އެ ސަރުކާރުން ބައެއް ކުންފުނިތަކަށް ދޫކުރި ލޯނުތަކެއްވެސް މައާފުކޮށްދީފައިވާ ކަމަށެވެ.
ފައިސަލް ވިދާޅުވީ މި މައްސަލަތައް ގާނޫނުގެ ތެރެއިން އެޓާނީ ޖެނެރަލްގެ ލަފަޔާއިއެކު ބަލަމުންދާ ކަމަށެވެ. އަދި މައްސަލަ ބަލައި ނިމުމުން އުސޫލުތަކުގެ ތެރެއިން މިނިސްޓްރީން އެފަރާތްތަކަށް ފިޔަވަޅު އަޅާނެކަމަށްވެސް ފައިސަލް ވިދާޅުވި އެވެ.
ވަޒީރު އިތުރަށް ވިދާޅުވީ ގައުމީ އެއާލައިން, މޯލްޑިވިއަން ގެއްލުމުގައި ހިންގަމުން ދާއިރު އެކުންފުނި އަލުން ކޮޅަށް ޖެހުމަށްވެސް މިސަރުކާރުން މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން ދާދި ފަހުން ގެނައި ވައިޑްބޮޑީ އެއާބަސް އޮޕަރޭޝަނަށް ގެނެވުމުން ޗައިނާ, ބަންގްލަދޭޝް އަދި ރަޝިޔާ ފަދަ މަންޒިލްތަކަށް ސީދާ ދަތުރުތައް ފަށާނެކަމަށް ވިދާޅުވި އެވެ. ޓީއެމްއޭ ފަދަ އަމިއްލަ ފަރާތަކުން ހިންގާ އެއާލައިނެއް ސާފު ފައިދާގައި ހިންގާއިރު ގައުމީ އެއާލައިންވެސް ސާފު ފައިދާގައި ހިންގޭނެކަމަށް ފައިސަލް ވަނީ ވިދާޅުވެފަ އެވެ.
ހަމަ އެއާއެކު ވަޒީރު ވަނީ ފަތުރުވެރިކަމަށް ދޫކޮށްފައި އޮތް 63 ރަށެއް އޮޕަރޭޝަނަށް ގެންނަން މަސައްކަތް ކުރަމުންދާކަން ހާމަކުރައްވައިފަ އެވެ. ވިދާޅުވީ އެއްވެސް ވަރަކަށް މަސައްކަތް ފަށާފައިނުވާ ރަށްތައް ދައުލަތަށް ނެގުމުގެ މަސައްކަތް ކުރާ ކަމަށެވެ. އެހެންނަމަވެސް މަސައްކަތުގެ ބޮޑުބައެއް ނިމި ހުއްޓިފައި އޮތް ރަށްތައް ކުއްޔަށް ނަގާފައިވާ ފަރާތްތަކާއިއެކު މަޝްވަރާގެ މޭޒަކަށް ގޮސް އޮޕަރޭޝަނަށް ގެނައުމަށް ލުއިތަކެއް ދިނުމަށް މަސައްކަތް ކުރަމުން ދާކަމަށް ފައިސަލް ވަނީ ވިދާޅުވެފަ އެވެ.
ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑެތި އިސްލާހީ މަސައްކަތްތަކެއް ސަރުކާރުން ކުރަމުން ދާއިރު ފައިސަލް ވިދާޅުވީ މިއަހަރަށް ކަނޑައަޅާފައިވާ 2 މިލިއަން ފަތުރުވެރިންގެ އަންދާޒާ 2.2 މިލިއަނަށް އަރާނެކަމަށް މިހާރު ލަފާކުރާ ކަމަށެވެ. އަދި މިހާރު ކުރަމުންދާ ބޮޑެތި މަސައްކަތްތައް ނިމުމުން މިއަދަދު އަންނަ އަހަރުން ފެށިގެން އިތުރުވާނެކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ފައިސަލް ވިދާޅުވި އެވެ.