ޚަބަރު ރައްޔިތުންގެ މަޖިލިސް

ބިދޭސީންނަށް އިހުމާލުވާ މީހުންނަށް ކުރާ ޖޫރިމަނާާ ބޮޑު ކަމަށް ބުނެ ޝަކުވާކޮށްފި

މަރިޔަމް އުމްނާ އިސްމާޢިލް ، ދެން އޮންލައިން
ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ (ފޮޓޯ/ މަޖިލީސް)

ރާއްޖެއަށް މަސައްކަތް ކުރަން ބިދޭސީން ގެނެސް، އެ މީހުންނާ މެދު އިހުމާލުވާ މީހުންނަށް އަޅާ ފިޔަވަޅެއްގެ ގޮތުން، ވަޒީފާގެ ގާނޫނަށް ހުށަހަޅާފައިވާ ބިލުގައި އޮތް ޖޫރިމަނާ ބޮޑުވެގެން ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ ޝަކުވާ ކުރައްވައިފި އެވެ.

Ads by STELCO

ވަޒީފާގެ ގާނޫނަށް ހުށަހަޅާފައިވާ ބިލަށް ބަހުސްކުރައްވަމުން ސައުދުﷲ ވަނީ ބިލު ދިރާސާކުރާއިރު ކޮމިޓީ މަރުހަލާގައި ވިސްނާލަން ޖެހޭ ކަންތައްތައް ފާހަގަކުރައްވާފަ އެވެ. އެގޮތުން އޭނާ ފާހަގަކުރެއްވި އެއް ކަމަކީ ބިދޭސީންނާ މެދު އިހުމާލުވާ މީހުން، މުވައްޒަފަކަށް 50،000 ރުފިޔާ އިން ޖޫރިމަނާ ކުރުމަށް އޮތް އޮތުމެވެ. ސައުދީ ގަބޫލުކުރައްވާ ގޮތުގައި އެއީ ކުންފުނިތަކުން އުފުލަން ޖެހޭ ބޮޑު މާލީ ބުރަ އެކެވެ.

"ބޭރުގެ މީހުންނާ ދޭތެރޭ އިހުމާލުވާ މީހުންނަށް ކޮންމެ މުވައްޒަފަކަށް 50،000ރ. އިން ޖޫރިމަނާ ކުރުން މި ގާނޫނުގަ ބަޔާންކޮށްފަ އެބައޮތް. އަޅުގަނޑު ދަންނަވާނީ މިއީ ވަރަށް ބޮޑު އަދަދެކޭ. 50،000 ރުފިޔާއަކީ ކުޑައަދަދެއް ނޫން. ފަސް މީހުންގެ ކަމެއް ދިމާވެއްޖިއްޔާމުން އެއީ 250،000 ރުފިޔާ ދައްކަން ޖެހުން ފަދަ އެއީ." ސައުދުﷲ ވިދާޅުވި އެވެ.

އޭނާ ފާހަގަކުރެއްވި އަނެއް ކަމަކީ، ބިދޭސީ މަސައްކަތްތެރިން، އެ މީހުން ރާއްޖެ ގެންނަ ކުންފުނިތަކަށް ފިލައިގެން އުޅޭ މައްސަލަ އެވެ. އޭނާ ދެކޭ ގޮތުގައި، އެހެން އުޅޭ މީހުން ޑީޕޯޓުކޮށްލުމަކީ އަދަބެއް ނޫނެވެ. އެގޮތަށް މީހުން ފިލައިގެން އުޅެނީ އެމީހުންނަށް އަދަބު ނުދެވޭތީ ކަން ފާހަގަކުރައްވަމުން ސައުދުﷲ ވިދާޅުވީ، ޑީޕޯޓު ކޮށްލުމުން ގެއްލުންވަނީ ދިވެހި ދައުލަތަށާ އެމީހުން ރާއްޖެ ގެންނަ ކުންފުނިތަކަށް ކަމަށެވެ.

" އެގޮތުން އަޅުގަނޑު ދަންނަވާނީ، ކޮންސްޓްރަކްޝަން ދާއިރާގައި 350 ޑޮލަރު ދޭ މީހުން ފިލައިގެން ގޮސް މަސްދޯންޏަކަށް އަރައިގެން ދިޔައީމާ މަހަކު އެބަލިބޭ 1000،1500،2000 ޑޮލަރު. އެހެންމަ އެމީހުން ފިލަން ނުޖެހޭ ސަބަބެއް ނެތް. އޭގެ ޒާތުގަ ބަލާއިރު ފިލީމާ އެމީހުންނަށް ލިބޭ އަދަބެއް ނެތް. " އޭނާ ވިދާޅުވި އެވެ.

"އެމީހުން ޑީޕޯޓުކޮށްލީމާ އޭގެ އަނެއް ދުވަހު ފުރައިގެން ދުބާއީއަށް ދިޔައީމާ ނޫނީ ގަތަރަށް ދިޔައީމާ ނޫނީ ސައުދީ އަރަބިއްޔާއަށް ދިޔައީމާ އެމީހުންނަށް ލިބޭ ގެއްލުމެއް ނޯންނާނެ. އެކަމަކު އެ ގެއްލުން ލިބެނީ އެމީހާ ގެނައި މީހާއާ ދިބެހި ދައުލަތަށް. ފިލީމަކާ އޭނަގެ ފަރާތުން ދައުލަތަށް ލިބެންޖެހޭ މަހަކު 350 ޑޮލަރު ނުލިބި ދަނީ." ސައުދު ވިދާޅުވި އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!