ޚަބަރު ރައްޔިތުންގެ މަޖިލިސް

ސަރުކާރުން އުޅެނީ ހުދޫދެއް ނެތި ބިދޭސީން ގެންނަން: އިދިކޮޅު

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ބިދޭސީން ގާނޫނުގެ ތެރެއަށް ވެއްދުމަށް ރައީސް ޞާލިހުގެ ސަރުކާރުން ގަލުޅު ދަނޑުގައި ކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރެއިން

ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނާއި ގުޅޭގޮތުން ވަޒީފާ އާއިބެހޭ ގާނޫނަށް ބޮޑެތި އިސްލާހުތަކެއް ސަރުކާރުގެ ފަރާތުން ވަނީ ހުށަހަޅައިފަ އެވެ. މި އިސްލާހުތަކަށް ބަހުސް ކުރުން މިއަދު މަޖިލީހުގައި ކުރިއަށް ގެންގޮސްފައިވާއިރު އިދިކޮޅު އެމްޑީޕީން ވަނީ ބައެއް އިސްލާހުތަކާއިމެދު ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ.

Ads by Sosun Fihaara

ވަޒީފާއާ ބެހޭ ގާނޫނުގެ 1-65 ވަނަ މާއްދާގެ (ހ) ގައި މިހާރު އޮތް ގޮތުން ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމަށްޓަކައި އެއް ގައުމަކުން އެންމެ ގިނައިން ރާއްޖެއަށް ގެނެވޭނީ އެއް ލައްކަ މީހުންނެވެ. ސަރުކާރުން މިއަދު ހުށަހެޅި އިސްލާހުތަކުގެ ތެރޭގައި މި މާއްދާ އުވާލައި ގަވާއިދެއްގެ ތެރެއިން ކަމާއިބެހޭ ވަޒީރަށް ގައުމަކުން ގެނެވޭ ބިދޭސީންގެ އަދަދު ކަނޑައަޅަން ބާރު ދޭގޮތަށް ހިމަނާފައި ވެއެވެ.

މީގެ އިތުރުން ވަޒީފާއަށް ގެންނަ ބިދޭސީންނާއިމެދު އިހުމާލުވާނަމަ އެކުންފުންޏެއް ނުވަތަ ވަޒީފާ ދޭ ފަރާތް 50,000 ރުފިޔާއިން ޖޫރިމަނާކުރަން އިސްލާހެއްގައި ވަނީ ހިމަނައިފަ އެވެ.

އެމްޑީޕީގެ ދެ މެމްބަރެއްގެ ކަންބޮޑުވުން މިއަދު މަޖިލީހުގައި ހިއްސާ ކުރެއްވި އެވެ. 

މައުރޫފު ޒާކިރު

ވަޒީފާ އާއި ބެހޭ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުތަކުގެ ތެރޭގައި ރަނގަޅު ކަންތައްތަކެއް ހުރިކަން, ކެންދޫ ދާއިރާގެ މެމްބަރު މައުރޫފު ޒާކިރު ފާހަގަކުރެއްވި އެވެ. އެހެންނަމަވެސް ދެ އިސްލާހަކާއިމެދު އޭނާ ކަންބޮޑުވުން ފާޅުކުރެއްވި އެވެ. އެއް އިސްލާހަކީ ބޭރުގެ ކޮންމެ ގައުމަކުން އެންމެ ގިނަވެގެން ރާއްޖެ ގެނެވޭނީ އެއް ލައްކަ މަސައްކަތްތެރިން ކަމަށް ގާނޫނުގައި އޮތް މާއްދާ އުވާލައި ގަވާއިދެއްގެ ތެރެއިން އެ އަދަދު އިތުރު ކުރުމުގެ ބާރު ކަމާއިބެހޭ ވަޒީރަށް ދޭން ނިންމަން ހިމަނާފައިވާ އިސްލާހެވެ. ދެވަނަ އިސްލާހަކީ ކޯޓާ ފީގެ ގޮތުގައި 2,000 ރުފިޔާ އަދި ވޯކް ޕާމިޓް ފީގެ ގޮތުގައި 350 ރުފިޔާ ދައްކަން ގާނޫނުގައި ހިމަނާފައި އޮތް އޮތުން ގަވާއިދަކުން ބަދަލުކުރެވޭ ގޮތަށް ހުށަހަޅާފައި އޮތް އިސްލާހެވެ.

މައުރޫފު ވިދާޅުވި ގޮތުގައި މި އިސްލާހު ގެނެވިއްޖެނަމަ ކުރިއަށް އޮތްތަނުގައި ކޯޓާ ފީ އާއި ވޯކް ޕާމިޓް ފީ ބޮޑުވުމުގެ ފުރުސަތު އޮންނާނެ އެވެ. އަދި ގަވާއިދަކުން ފީގެ އަދަދު ބަދަލު ކުރެވޭ ގޮތަށް އޮތް އޮތުމަކީ ރައްޔިތުންގެ މަޖިލީހުގެ ބާރުތަކެއް އުނިކުރެވޭ ކަމެއްގެ ގޮތުގައި މައުރޫފު ދެކެވަޑައިގަންނަވަ އެވެ.

ކެންދޫ ދާއިރާގެ މެމްބަރު މައުރޫފު ޒާކިރު

ނިމިދިޔަ ހަފްތާގެ ތެރޭގައި ހޯމް މިނިސްޓްރީން ވަނީ ބިދޭސީން ރާއްޖެއަށް ގެނައުމަށްފަހު އެ ބިދޭސީންގެ ފީގެ ގޮތުގައި ދައުލަތަށް ދައްކަންޖެހި ނުދައްކާ ހުރި ފައިސާގެ ތަފްސީލުތައް ކުންފުނިތަކުގެ ނަމާއިއެކު އާންމު ކޮށްފަ އެވެ. މައުރޫފު ވިދާޅުވީ މިގޮތަށް މިކަން ވާން ޖެހެނީ ދައުލަތުގެ ވުޒާރާތަކާއި ކުންފުނިތަކުން އަމިއްލަ ކުންފުނިތަކަށް ދައްކަންޖެހޭ ފައިސާ ނުދައްކައި ހުރުމުގެ ސަބަބުން ކަމަށެވެ. އަދި މިކަން މިހެން އޮއްވައި ބިދޭސީންގެ ކޯޓާ ފީއާއި ވޯކް ޕާމިޓް ފީ ބޮޑުކޮށްފިނަމަ ބިދޭސީންނަށް އިތުރު ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހޭނެކަމަށް މައުރޫފު ވިދާޅުވި އެވެ.

މީގެ އިތުރުން ބިދޭސީންނަށް ވަޒީފާ ދޭ ކުންފުނިތަކުން އެމީހުންނާއިމެދު އިހުމާލުވާނަމަ 50,000 ރުފިޔާއާއި ހަމައަށް ޖޫރިމަނާ ކުރެވޭގޮތަށް އޮތް އިސްލާހާއިމެދުވެސް މައުރޫފު ކަންބޮޑުވުން ފާޅު ކުރެއްވި އެވެ. ވިދާޅުވީ މިގޮތަށް ޖޫރިމަނާ ކުރާއިރު އެކަން މޮނިޓާ ކުރެވި އިންސްޕެކްޓު ކުރެވެމުން ދާކަން ކަށަވަރު ކުރެވެން ޖެހޭނެ ކަމަށެވެ. އަދި މިފަދަ އިސްލާހުތަކެއް ގެނެވޭއިރު ބިދޭސީންނަށްވެސް މިނިމަމް ވޭޖު ލިބޭގޮތް ގާނޫނުގައި ހިމަނަންޖެހޭކަމަށްވެސް މައުރޫފު ވަނީ ވިދާޅުވެފަ އެވެ.

އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި މިހާރު ހުށަހެޅިފައި އޮތް އިސްލާހުގެ ސަބަބުން ރާއްޖެއަށް ގެނެވޭ ބިދޭސީ މަސައްކަތްތެރިންގެ އަދަދު “ހައްދެއް ސުމާރެއް” ނެތް މިންވަރަށް އިތުރުވެގެން ހިނގައިދާނެ އެވެ.

މުހައްމަދު އިބްރާހިމް

ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމްވެސް ކަންބޮޑުވުން ފާޅު ކުރެއްވީ އެއް ގައުމަކުން އެއް ލައްކައަށްވުރެއް އިތުރަށް ބިދޭސީ މަސައްކަތްތެރިން ރާއްޖެ ގެނެވޭގޮތަށް ގާނޫނުގައި އޮތް އޮތުން ބަދަލު ކުރަން ހުށަހަޅާފައި އޮތް އިސްލާހާއިމެދު އެވެ. އޭނާ ސުވާލު އުފެއްދެވީ ހައްދެއް ހުދޫދެއް ނެތި ބިދޭސީން ގެންނަން ހުށަހެޅި ސަބަބަކާއިމެދު އެވެ.

ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް

މެމްބަރު ވިދާޅުވީ މިހާރު ރާއްޖޭގައި އަމަލު ކުރަމުންދާ އުސޫލަކީ ބައިނަލްއަގުވާމީ ގޮތުން ބަލައިގަންނަ އުސޫލެއް ކަމަށެވެ. އެހެންނަމަވެސް މިކަން ބަދަލުކޮށް ދިވެހިންނަށް ވަކި އުސޫލެއް އޮތުމަކީ ރަނގަޅު ކަމެއް ނޫންކަމަށް މުހައްމަދު އިބްރާހިމް ވިދާޅުވި އެވެ. 2022 ވަނަ އަހަރުގެ ބޯހިމެނުމަށް އިޝާރާތް ކުރައްވައި މެމްބަރު ވިދާޅުވީ ދިވެހިންގެ އާބާދީއަކީ 380,000 ކަމަށެވެ. އަދި ބިދޭސީންގެ އާބާދީ އަކީ 132,000 ކަމަށް އޭނާ ވިދާޅުވި އެވެ.

“މާނައަކީ ރާއްޖޭގައި ދިރިއުޅޭ ކޮންމެ ހަތަރު މީހެއްގެ ތެރެއިން އެކަކީ ބިދޭސީއެކޭ. ބިދޭސީންގެ 46 އިންސައްތައަކީ ބަންގްލަދޭޝް މީހުން. 29 އިންސައްތަ އަކީ އިންޑިއާ މީހުން. 10 އިންސައްތަ އަކީ ސްރީލަންކާ ރައްޔިތުން.”

ބިދޭސީންގެ އަދަދަށް ބަލާއިރު މި އަދަދަކީ ދިވެހިންގެ 25 އަހަރާއި 44 އަހަރާއި ދެމެދު އުމުރުފުރާގެ މީހުންގެ ތެރެއިން ފިރިހެނުންނަށްވުރެއް އިތުރު އަދަދެއް ކަމަށް މެމްބަރު ވިދާޅުވި އެވެ. އަދި މި ހިސާބުތަކަށް ބަލާއިރު 2054 ވަނަ އަހަރާއި ހަމައަށް ރާއްޖޭގެ އާބާދީ 1 މިލިއަނަށް އަރާނެކަމަށް ލަފާ ކުރެވޭއިރު އޭގެ ތެރެއިން 43 އިންސައްތަ އަކީ ބިދޭސީންކަމަށް ލަފާކުރެވެ އެވެ.

މި ތަފާސް ހިސާބުތަކަށް ބަލާއިރު ސާފުވާ އެއް ކަމަކީ ބިދޭސީ މަސައްކަތްތެރިން މަދު ކުރަން ޖެހިފައިވާކަން ކަމުގައި މުހައްމަދު އިބްރާހިމް ވިދާޅުވި އެވެ. އަދި ބިދޭސީން ކުރާ މަސައްކަތްތަކަށް ދިވެހިން އަހުލުވެރި ކުރުވަން ޖެހިފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ވާހަކަ ކުރުކޮށްލައްވަމުން މެމްބަރު ސުވާލު އުފެއްދެވީ މިހާރު ހުށަހެޅިފައިވާ އިސްލާހުތަކާއިއެކު މި މަގްސަދަށް ވާސިލުވެވޭނެ ކަމާއިމެދު އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!