ޚަބަރު ރައްޔިތުންގެ މަޖިލިސް

ފަލާހު ވިދާޅުވަނީ ސައީދަށް ތުހުމަތުވާ ކޮރަޕްޝަންގެ މައްސަލަތައް ބަލަން އެމްޑީޕީ މެންބަރުން ބޭނުންވާ ކަމަށް

މަރިޔަމް އުމްނާ އިސްމާޢިލް ، ދެން އޮންލައިން
ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހު

ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ފެނަކަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލަތައް ބަލަން މަޖިލީހުގައި ތިއްބަވާ އެމްޑީޕީ މެމްބަރުން ބޭނުންވާ ކަމަށް ވެރިކަން ކުރާ ކޮންގްރެސް ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހީމް ފަލާހު މިއަދު ވިދާޅުވެއްޖެ އެވެ.

Ads by Sosun Fihaara

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހު މިގޮތަށް ވިދާޅުވީ، އެމްޑީޕީގެ މެމްބަރެއް ހުށަހަޅުއްވައިގެން މިއަދުގެ ޖަލްސާއަށް ފެނަކަ ކޯޕަރޭޝަންގެ ބެލެނިވެރި ވުޒާރާ، އެންވަޔަރަމެންޓް މިނިސްޓަރު އިބްރާހީމް ތޯރިގު ހާޒިރުކުރުމާ ގުޅިގެން ނެވެ. އެނާ ގަބޫލުކުރައްވާ ގޮތުގައި ފެނަކަ އާ ގުޅުން ހުރި ވުޒާރާ އެމްޑިޕީން ހާޒިރުކުރަނީ ސައީދަށް ޕްރެޝަރު ބޮޑު ކުރުމަށް ކަމަށެވެ. އަދި ސައީދުގެ މައްސަލަ ބަލަން އެ މެމްބަރުން ބޭނުންވަނީ، އެބޭފުޅުންނަށް ފެނަކައިން މަޝްރޫއުތައް ނުދިނުމުން ކަމަށެވެ.

"އެމްޑީޕީ ވެރިކަމުގަ ފެނަކަ ސައީދަކީ ވަކި ބަޔަކަށް ކަންކަން ކޮށްދެއްވި އެމްޑީއެއް. މިބޭފުޅުން ފެނަކައިގެ ވެރިން މި ހާޒިރުކުރަނީ ސައީދު މިތަނަށް ހާޒިރުނުކޮށްގެން. މި ބޭފުޅުންނަށް އެ ޕްރޮޖެކްޓު ނުދެއްވީމަ، މި ބޭފުޅުން ކުޑަ ދޮށުގައި ވެސް އެ ވާހަކަ ވިދާޅުވޭ. ސައީދު ގެންނާށޭ އަވަހަށް. ގެނެސްފަ ޝަރީއަތްތައް ހިންގާށޭ އަވަހަށް." ފަލާހު ވިދާޅުވި އެވެ.

ފަލާހު ވިދާޅުވީ، ސައީދު ހިމެނޭ ގޮތަށް ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ މިދިޔަ ސަރުކާރުގެ ކުންފުނިތަކުގެ ވެރިން މަޖިލީހުގެ ކޮމިޓީތަކަށް ހާޒިރުކުރާނެ ކަމަށެވެ.

މިއަދުގެ ޖަލްސާއަށް ވަޑައިގެން މިނިސްޓަރު ތޯރިގް ވަނީ، މިދިޔަ ސަރުކާރު ތެރޭގައި ފެނަކައިން ފެންމަތިވި ގިނަ މަައްސަލަތަކެއް ފާހަގަކުރައްވާފަ އެވެ. އެގޮތުން ފެނަކަ އިން ހަވާލުކޮށްފައިވާ މަޝްރޫއުތައް ހުއްޓިފައި ހުރެ ގިނަ ދުވަސްވުމުގެ ސަބަބުން ހިދުމަތްތައް ނުލިބޭ މައްސަލަ ފާހަގަކުރެއްވި އެވެ.

ކުރީ ސަރުކާރުގައި ފެނަކަ ކުންފުނީގެ ވެރިންގެ ގޮތުގައި ތިއްބެވި ބޭފުޅުންނަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ދަނީ ބަލަމުން ނެވެ. އޭސީސީން ބުނީ އެ ކުންފުންޏާ ގުޅޭ ގޮތުން އެންމެ ގިނައިން ހުށަހަޅާފަ ވަނީ ޕްރޮކިޔުމެންޓާއި މުވައްޒަފުން ނެގުމުގެ މައްސަލަތައް ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!