ރައީސް އެންގެވީ އެންމެނަށް ހަމަހަމަކޮށް ގާނޫނު ތަންފީޒުކުރަން، އިދާރާތަކުން އެކަން ކުރާނެ: އިހުސާން

ރައީސް ޑރ. މުހައްމަދު މުއިއްޒު އެންގެވީ އެންމެނަށް ހަމަހަމަކޮށް ގާނޫނު ތަންފީޒުކުރަން ކަމަށާއި ތަންފީޒީ އިދާރާތަކުން އެކަން ކުރާނެ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
މިފަހަކަށް އައިސް ހިނގާ މީހުންނަށާއި ދުއްވާ އުޅަނދުތަކަށް އުދަނގޫވާ ގޮތަށް ޕާކު ކުރުމުގެ މައްސަލަ ބޮޑުވެ އާންމުންގެ ކަންބޮޑުވުން ވަނީ އިތުރުވެފަ އެވެ. އެކަމާ ގުޅިގެން ކަމާ ގުޅުންހުރި އިދާރާތަކުން ވަނީ މައްސަލަ ހައްލު ކުރުމަށް މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކު ކޮށްފައި ހުންނަ އުޅަނދުތައް ޓޯ ކުރުމުގެ މަސައްކަތް ފަށާފަ އެވެ.
ހޯމްލޭންޑް މިނިސްޓަރުގެ ރަސްމީ އެކައުންޓުން "އެކްސް" ގައި ކުރި ޕޯސްޓެއްގައި އިހުސާން ވިދާޅުވީ ރައީސް އަންގަވާފައި ވަނީ ގާނޫނު ތަންފީޒު ކުރުމުގައި ވަކި މީހެއް އިސްތިސްނާ ނުވަަތަ ހާއްސަ ނުކުރުމަށް ކަމަށެވެ. އެންމެނަށް ވެސް ހަމަހަމަކޮށް ގާނޫނު ތަންފީޒު ކުރުމަށް ކަަމަށް އިހުސާން ވިދާޅުވި އެވެ.
"ފުލުހުންނާ އަދި އެހެން ތަންފީޒީ އިދާރާތަކުން އެގޮތުގައި ރާއްޖޭގެ ގާނޫނުތައް ތަންފީޒު ކުރާނެ،" ޓްރަކެއް ޓޯ ކުރާ މަންޒަރު ހިމެނޭ ފޮޓޯއަކާ އެކު ކުރެއްވި ޕޯސްޓުގައި މިނިސްޓަރު ވިދާޅުވި އެވެ.
ގަވާއިދާ ހިލާފަށް މަގުތަކުގައި ޕާކު ކުރުމުގެ މައްސަލަ ބޮޑުވެ ޓްރާންސްޕޯޓު މިނިސްޓްރީ އާއި ފުލުހުން ގުޅިގެން ގިނަ އަދަދެއްގެ އުޅަނދު މިދިޔަ މެއި މަހާއި ޖޫން މަހު ވަނީ ޓޯ ކޮށްފަ އެވެ. މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައި ވަނީ ޕަބްލިކް ޓްރާންސްޕޯޓުގެ ހިދުމަތް ދޭ ބަސްތަކަށާއި އެމްބިއުލާންސްގެ ހިދުމަތް ދޭން އުނދަގޫވާތީ އެވެ. މި އޮޕަރޭޝަން އެ ދުވަސްވަރު ހިންގުމަށް ފަހު ވަގުތީ ގޮތުން މެދުކަނޑާލި އެވެ.