ހަތް މެންބަރުން ތިބޭ ގޮތަށް މިސްކިތްތަކުގެ ގައުމީ މަޖިލީހުގެ އާ ގަވާއިދު އާންމުކޮށްފި

ހަތް މެންބަރުން ތިބެން ޖެހޭ ގޮތަށް މިސްކިތްތަކާ ބެހޭ ގައުމީ މަޖިލީހުގެ އާ ގަވާއިދު އާންމުކޮށްފި އެވެ.
އިސްލާމިކް މިނިސްޓްރީއިން މިދިޔަ ބުރާސްފަތި ދުވަހު އާންމުކުރި އާ ގަވާއިދުގައި ބުނެފައިވާ ގޮތުގައި, އޭގެ މައި މަގުސަދަކީ މިސްކިތްތަކުގެ ދައުރު ފުޅާކުރުމަށް އިމާމުންނާއި މުދިމުންނަށް މަތިކޮށްފައިވާ ޒިންމާތަކަށް ރައްކާތެރިވުމަށާއި އެކަމަށް ހުރުމަތްތެރިކޮށް ހިތުމަށް ބާރު އެޅުމެވެ.
އަދި މިސްކިތްތަކާއި އިމާމުންނާއި މުދިމުންގެ ކަންކަމުގައި މިނިސްޓަރަށް ބޭނުންވާ އިސްތިޝާރީ ލަފާ ދިނުމަކީ ވެސް އާ ގަވާއިދުގެ މަގުސަދެއް ކަމަށް ބުނެފައިވެ އެވެ. މިސްކިތްތަކާއި އަޅުކަމާ ގުޅުން ހުރި ކަންކަމުގައި ދީނީ ގޮތުން އެއް މިންގަނޑެއް ހިފެހެއްޓުމަށް ބާރުއެޅުމާއި މިސްކިތްތަކުގެ ހާލަތު މެދުނުކެނޑި ދެނެގަނެވޭނެ ނިޒާމެއް ގާއިމުކުރުމަކީ ވެސް މަގުސަދެއް ކަމަށް ލިޔެފައިވެ އެވެ.
ހަތް މެންބަރުގެ މައްޗަށް އެކުލަވާލާފައިވާ އެ މަޖިލީހުގެ ތިއްބަވަނީ:
- މަސްޖިދުއްސުލްތާން މުހައްމަދު ތަކުރުފާނުލް އައުޡަމްއިން އައްޔަންކުރާ އިސް އިމާމެއް.
- މިނިސްޓްރީގެ މޮސްކް މެނޭޖްމަންޓް ސެކްޝަންގެ އިސްވެރިޔާ.
- ޤުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ އިސްވެރިއެއް.
- ލޯކަލް ގަވަމަންޓް މިނިސްޓްރީއިން ކަނޑައަޅާ ފަރާތެއް.
- މާލެ ސިޓީ ކައުންސިލުން ކަނޑައަޅާ ފަރާތެއް.
- ހެރިޓޭޖް މިނިސްޓްރީއިން ކަނޑައަޅާ ފަރާތެއް.
- އާންމު ރައްޔިތުންގެ ތެރެއިން މިނިސްޓަރު އައްޔަން ކުރާ ފަރާތެއް.






ކޮމެންޓް